ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމްގެދަށުން، މޯލްޑިވްސް ޕޮލިޓެކްނިކާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިގެން ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ދެ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހާއި ހިސާބަށް، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސެޓްފިކެޓް ލެވެލް 1 ގެ ބޭސިކް އެގްރިކަލްޗަރ ކޯހާއި ސެޓްފިކެޓް ލެވެލް 2 ގެ އެސެންޝަލް އޮފް އެގްރިކަލްޗަރ ކޯހެވެ.
ބޭސިކް އެގްރިކަލްޗަރ ކޯހަކީ 15 ދުވަހުގެ މުއްދަތަށް ހިންގާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ގްރޭޑް 7 ނިންމާފައިވުން ނުވަތަ ދަނޑުވެރިކަމާ ގުޅޭ ދާއިރާގައި 5 އަހަރު ގެ ތަޖްރިބާ ލިބިފައިވުން ނުވަތަ 18 އަހަރުވެފައިވުން ނުވަތަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ކަނޑައަޅާފައިވާ މިންގަނޑަށް ލިޔަން ކިޔަން އެނގުންކަމަށް މޯލްޑިވްސް ޕޮލިޓެކްނިކުން މަޢުލޫމާތުދެއެވެ.
2 މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ އެސެންޝަލް އޮފް އެގްރިކަލްޗަރ ކޯހުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ސެޓްފިކެޓް ލެވެލް 1 ބޭސިކް އެގްރިކަލްޗަރ ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.
މި ދެކޯހުގައި ބައިވެރިވާ ފަރާތްތަކަށް، ކޯހުގެ މުއްދަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން ޕޮކެޓް މަނީގެގޮތުގައި ކޮންމެ މަހަކު -/2000 ރުފިޔާގެ އެލަވަންސެއް ދޭގޮތަށް ވަނި ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ހަނިމާދޫގައި ތިބުމާއި، ކެއުން އަދި މާލެ-ހަނިމާދޫ-މާލެ ދަތުރު ޚަރަދު ހަމަޖައްސައިދެވޭނެކަމަށް މޯލްޑިވްސް ޕޮލިޓެކްނިކުން މަޢުލޫމާތުދެއެވެ.
މި ދެކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު އަންނ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުގެ 16:00 ގެ ކުރިންް މޯލްޑިވްސް ޕޮލިޓެކްނިކަށް ހުށަހަޅަންޖެހެއެވެ. ޕޮލިޓެކްނިކުން މަޢުލޫމާތު ލިބޭގޮތުގައި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބެން ހުންނާނީ ޕޮލިޓެކްނިކުންނާއި އެތަނުގެ ވެބްސައިޓް www.polytechnic.edu.mv ންނެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ޕޮލިޓެކްނިކްގެ 3305411، 3305406 އަދި 3305404 ނަމްބަރ ފޯނަށް ގުޅުމުން މަޢުލޫމާ ލިބޭނެކަމަށް އެފަރާތުން ބުނެއެވެ. އަދި ފެކްސް ކުރާނަމަ 3320701 ނަމްބަރ ބޭނުންކުރުމަށް އެފަރާތުން އެދެއެވެ.