އަލްފާޟިލް އާދަމް އިސްމާޢީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1932 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 6 ވީ އަންގާރަ ދުވަހު ހދ.ކުޅުދުއްފުށީ ދެބުދާރުގޭގައެވެ. މަންމައަކީ ހދ.ކުޅުދުއްފުށީ ދެބުދާރުގޭ މަރިޔަމް ޢަލީ (ގުއިދަނޑު މަރިޔަނބު) އެވެ. ބައްޕައަކީ ހދ.ކުޅުދުއްފުށީ ދެބުދާރުގޭ އިސްމާޢީލް އިބްރާޙީމް (ސޭކު އިސްމާލް) އެވެ. އާދަމް އިސްމާޢީލް އަކީ މިދެމަފިރިންގެ ނުވަވަނަ ދަރިފުޅެވެ. އާދަމް އިސްމާޢީލް އަކީ އެންމެ ކުޑައިރުންސުރެވެސް ކުޅިވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. ހަމަ އެހެންމެ އަޅުކަމަށް ލޯބިކުރައްވާ ބޭފުޅެކެވެ.

1971 ވަނަ އަހަރު ބޭއްވުނު ދިވެހިރާއްޖޭގެ 21ވަނަ ފުޓްބޯޅަ މުބާރާތުގެ އެއްވަނަ ފުލްބެކަށް ހޮވުމުން އާދަމް އިސްމާއިލަށް ދިންސަނަދު
ތަޢްލީމް ޙާޞިލްކުރެއްވުމަށްޓަކައި އުމުރުން އެންމެ 7 އަހަރުގައި އާދަމް އިސްމާޢީލް މާލެ ވަޑައިގެނެވިއެވެ. އަދި އޭރު މާލޭގައިހުރި އަވަށްތަކަށް ނިސްބަތްވާ ހަތަރު މަދަރުސާގެ ތެރެއިން މައްޗަންގޮޅީ މަދަރުސާ (މަދަރުސަތުލް ޙަމީދިއްޔާ) އާ ގުޅިވަޑައިގަތީ އުމުރުން 9 އަހަރުގައެވެ. މަދަރުސަތުލް ޙަމީދިއްޔާގައި އާދަމް އިސްމާޢީލް ހޭދަކުރެއްވި ނުވަވަރަކަށް އަހަރުގެތެރޭގައާއި މާލޭގައި ހޭދަކުރެއްވި ދުވަސްވަރު ތަފާތު ކުޅިވަރުތަށް ކުޅުއްވިއެވެ. ފުޓްބޯޅައާއި، ކްރިކެޓާއި، ކެޑޭޓް ހަރަކާތާއި، ޖިމްނާސްޓިކާއި، ހޮކީ އަދި ބޮކްސިންވެސް ހިމެނެއެވެ. އުމުރުން އެންމެ 14 އަހަރުގައި ބާސްކެޓާއި ވޮލީގެތެރެއަށްވެސް ވެންނެވިއެވެ. ސްރީލަންކާގެ ތަޖްރިބާކާރެއްކަމަށްވާ މައިކަލް ޑިސިލްވާގެ ފަރާތުން އިރުޝާދާއި އެތަކެއް ތަމްރީންތަކެއް ހޯއްދެވިއެވެ. އާދަމް އިސްމާޢީލް އަކީ ދިވެހިރާއްޖޭއަށް ބާސްކެޓް ބޯޅަ ތަޢާރަފްވެގެން އައިދުވަސްވަރު އެކުޅިވަރުގެ ތެރެއަށް ވެންނެވި ބޭފުޅުކެވެ. މިދެންނެވި ކޮންމެ ކުޅިވަރެއްވެސް އެޒަމާނުގެ އެންމެ މަތީފަންތީގައި ކުޅުއްވިއެވެ. އެދުވަސްވަރަކީ ރާއްޖެތެރޭގެ ރަށްރަށުގެ މަދަރުސާތަކުގެ ޓީމްތައް މާލޭގައިބާއްވާ ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވަމުންދިއަ ދުވަސްވަރެކެވެ. އާދަމް އިސްމާޢީލްގެ އެންމެ ގާތް ރަޙްމަތްތެރިންގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށީ އެލްޕާސޯ އަލްފާޟިލް މޫސާ ޢަލީ ވިދާޅުވިގޮތުގައި، އެބޭފުޅާ ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގައި ތަޢްލީމް ޙާޞިލްކުރައްވަމުން ގެންދެވި ދުވަސްވަރުގެ ތެރޭގައި ކުޅުދުއްފުށީ މަދަރުސާ (އަމީރު އަމީން) ގެ ފުޓްބޯޅަޓީމް މާލޭގައިއޮތް ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވުމަށް މާލެދިޔައިރު، އެޓީމާއިއެކު މާލެދުރުވުމުގެ ފުރުޞަތު މޫސާ އަލީއަށް ލިބިލެއްވިއެވެ. ނަމަވެސް އެއީ ފުޓްބޯޅަކުޅުންތެރިއެއްގެ ގޮތަކުން ނޫނެވެ. މުޅިކުޅުދުއްފުށީ މަދަރުސާގެ އަޚްލާގީގޮތުން އެންމެމޮޅު ދަރިވަރުގެ ގޮތުގައެވެ. އެފަހަރުގެ މުބާރާތުގައި އަމީރު އަމީންގެ ޓީމާ ދެކޮޅަށް މާލެއިން ނުކުތް ޙަމީދިއްޔާ ސްކޫލް ޓީމްގެ ކެޕްޓަނަކަށް އެޒަމާނުގެ ބަހުންނަމަ ކައްޕިތާނަކަށް ހުންނެވީ އާދަމް އިސްމާޢީލެވެ.

މުޙައްމަދު ފަރީދު ހިރިމަރަދުއަށް ކުރި ޒިޔާރަތެއްގައި ބޭއްވުނު ގާރޑް އޮފް އޮނަރގައި އާދަމް އިސްމާއިލް ކޮމާންޑް ކުރަނީ

1977 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ހަރަކާތް ތަކަށް އާދަމް އިސްމާއިލްގެ ޖިމްނާސްޓިކް ހަދާ ދަރިވަރުން ފަރިތަކުރުވަނީ
26 ފަހަރު ރާއްޖޭގެ ޤަޢުމީ ފުޓްބޯޅަ މުބާރާތުގައި ކުޅުއްވާފައިވާ އާދަމް އިސްމާޢީލަކީ ފުޓް ބޯޅައިގެ މައިދާނުގައި އޭރުގެ ހުރިހާ ކުޅުންތެރިންނާއި ކޯޗުން އެންމެ ޖެހިލުންވާ ކުޅުންތެރިޔާއެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާގެ މަޤާމް 4 އަހަރު ހޯއްދަވާފައިވާ އާދަމް އިސްމާޢީލް ފުޓްބޯޅަ ކުޅުއްވި މާލޭގެ ކްލަބްތަކުގެ ތެރޭގައި މައްޗަންގޮޅީ ކްލަބް، ރާނީކްލަބް އަދި ސަންލައިޓް ކްލަބް ހިމެނެއެވެ. ސަންލައިޓް ކްލަބްގެ ކެޕްޓަންކަން 3 އަހަރު ކުރައްވާފައިވެއެވެ. މީގެ އިތުރުން އެޒަމާނުގައި ހދ.އަތޮޅު ވެރިކަންކުރި ނޮޅިވަރަމްފަރުގެ ކްލަބަކަށްވެސް އާދަމް އިސްމާޢީލް ކުޅުއްވިއެވެ.
އާދަމް އިސްމާޢީލްއަކީ ބައިނަލް އަޤްވާމީ ފުޓްބޯޅަ މެޗެއް އެންމެ ފުރަތަމަ ކުޅުއްވި ކުޅުދުއްފުށީގެ ކުޅުންތެރިޔާގެ ލަޤަބް ހައްޤުވާފަރާތެކެވެ. އިނގިރޭސި ވިލާތުގެ ރާނީ ކްއީން އެލިޒަބަތު 2 މާލެވަޑައިގެންނެވި ފަހަރު އެކަމާނާގެ އަރިހުގައި ގެންނެވި އިނގިރޭސި ޓީމަކާ އާދަމް އިސްމާޢީލްގެ ކެޕްޓަންކަމުގެ ދަށުގައި ނުކުތް ޓީމެއްވަނީ ގަލޮޅު ދަނޑުގައި ވާދަކޮށްފައެވެ. 2 ލަނޑު 0 ލަނޑުން ރާއްޖޭގެ ޓީމް ކާމިޔާބުކުރި މި މެޗްގެ 2 ގޯލްގެތެރެއިން ފުރަތަމަ ގޯލް ރާއްޖޭގެ ޓީމްގެ ކުޅުންތެރިއެއް ކަމަށްވާ ޑޮނީގޯލްޑް އައްބާސް ޖެހީ އިނގިރޭސި ޓީމްގެ ގޯލްކުރިމަށްޗަށް އާދަމް އިސްމާޢިލް ފޮނުއްވާލި ބޯޅައަކުންނެވެ. އާދަމް އިސްމާޢީލް ވިދާޅުވިގޮތުގައި އެ މެޗް ފެށުމުގެކުރިން އޭރުގެ ރައީސުލް ޖުމްޙޫރިއްޔާ އަލްފާޟިލް އިބްރާޙީމް ނާސިރުގެ ނޯޓެއް ރާއްޖޭޓީމްގެ ކެޕްޓަން އާދަމް އިސްމާޢީލްއަށް އެޑްރެސްކޮށް ފޮނުއްވިއެވެ. އެ ނޯޓްގައިވާކަމަށް އާދަމް އިސްމާޢީލް ވިދާޅުވި ޢިބާރާތްކޮޅަކީ ” ދިވެހިޓީމްގެ ކެޕްޓަނަށް، މެޗްނިންމާލާފަ ދަނޑުން ފައިބަންވާނީ މޮޅުވެގެން، ކުޅޭނެގޮތެއް އެނގޭނީ ކަލެމެން ކުދިންނަށް” މިއެވެ. އާދަމް އިސްމާޢީލްގެ ކެޕްޓަންކަމުގެ ދަށުން ނިކުތް ދިވެހިޓީމް ދަނޑުން ފޭބީ ރައީސް އެދިވަޑައިގެންފަދަ ފަޚްރުވެރި ނަތީޖާއަކާއިގެންނެވެ. އަދި އެކަމުގެ އަގުވަޒަން ކުރައްވައި ރައީސުލް ޖުމްޙޫރިއްޔާ އަލްފާޟިލް އިބްރާޙީމް ނާޞިރު 200 ރުފިޔާ އާދަމް އިސްމާޢީލަށް ހަދިޔާއަކަށް ދެއްވިއެވެ.

އާދަމް އިސްމާއިލްގެ ދަރިވަރުން ނަށް ޖިމްނާސްޓިކް ފަރިތަކޮށް ދެނީ. މިކުޅިވަރުގައި އަންހެން ކުދިންވެސް ބައިވެރިވެފައިވޭ.

ގްރޫޕް ފޮޓޯ: ކަނާތުން މަތި 1. އާދަމް އިސްމާއިލް 2. އިބްރާހިމް މޫސާ އަލަނާސިގެ 3. ހާރޫން މޫސާ ހީލިއަމް 4. އަހްމަދު ވަހީދު ނަލަހިޔާގެ، 5. އަލްމަރުހޫމް އިބްރާޙީމްވަހީދު އާކާޝް 6. މޫސާ މުޙަންމަދު ދިއްގިރި. ކަނާތުން ތިރި: 1. އަލީ އަބޫބަކުރު (ފަހާ އަލީ) 2. އަބޫބަކުރު އާދަމް ލައިނޫފަރުމާގެ 3. އަބްދުﷲ އަލީ
އާދަމް އިސްމާޢީލްގެ ތަޢުލީމީ ޙަޔާތް ނިންމަވާ ލެއްވުމަށްފަހު ކުޅުދުއްފުށްޓަށް ވަޑައިގެންނެވީ އުމުރުން 24 އަހަރުގައި އިބްރާޙީމް ނާޞިރުގެ ވެރިކަމުގައެވެ. ކުޅުދުއްފުށްޓަށް ވަޑައިގެން ކުޅުދުއްފުށީ މަދަރުސާ (އަމީރު އަމީން) ގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަށްވަން ފެއްޓެވިއެވެ. އަދި ކުޅިވަރާއި ޖިމްނާސްޓިކް އަދި ކެޑޭޓް ހަރަކާތްތައް ކުރިއަށް ގެންދަން ފެއްޓެވިއެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކު އަމީރު އަމީންގެ 380 އެއްހާ ދަރިވަރުން މާރޗް ޕްރެކްޓިސް ކުރުވައެވެ. ޖިމްނާސްޓިކްގެ ހަރަކާތްތަކަކީ އާދަމް އިސްމާޢީލް އިސްވެ ހުންނަވައިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދެވި ހަރަކާތްތަކެކެވެ. އާދަމް އިސްމާޢީލް އަކީ ކުޅިވަރުގެ މައިދާނުގައި ކުޅުދުއްފުށި ދުށް އެންމެ ވަރުގަދަ ސަޚްސިއްޔަތެވެ. ކުޅިވަރު ކުޅުއްވުގެ އިތުރުން އާދަމް އިސްމާޢީލް އަކީ ފުޓްބޯޅަ އަދި ބަށިބޯޅަ ފަދަ ކުޅިވަރުތަކުގެ ރެފްރީކަން ކުރެއްވިފަރާތެކެވެ. ރެފްރީކަން ކުރަން ފަށްޓަވާފައިވަނީ ހދ.އަތޮޅުގެ ވެރިކަން ނޮޅިވަރަމްފަރުގައި ކުރަމުންދިއަ ދުވަސްވަރުއެވެ.
ކުޅިވަރުގެ އިތުރުން ތަޢުލީމީ ދާއިރާގައިވެސް އާދަމް އިސްމާޢީލްވަނީ ޚިދުމަތް ކުރައްވާފައެވެ. އެގޮތުން 1980 ން 1985 ށް ކުޅުދުއްފުށީގައި ހިންގި އަސާސީ ތަޢްލީމްގެ ކްލާސްތަކުގައި ވޮލަންޓިއަރ ޓީޗަރެއްގެގޮތުގައި ކިޔަވައިދެއްވިއެވެ. މުޙަންމަދު ފަރީދުގެ ރަސްކަމުގައި އެބޭފުޅާ ހދ. ހިރިމަރަދޫއަށާއި ފަރިދޫއަށް ވަޑައިގެންނެވުމުން އެދެރަށުގެ މަދަރުސާތަކުގެ ދަރިވަރުން އެރުވި އޮނަގާޑަކީ އާދަމް އިސްމާޢީލްގެ މޭސްތިރިކަމުގެދަށުގައި ހިންގަވާފައިވާ ފާހަގަކޮށްލެވޭ ހަރަކާތްތަކެވެ. އެދަރިވަރުން އެކަމަށް ތަމްރީންކޮށް ރަސްމިއްޔާތުގައި ކޮމާންޑްކުރެއްވީ ހުދު އާދަމް އިސްމާޢީލްއެވެ.

2010 ވަނައަހަރު އިރުމަތި އަވަށު ޕްރީސްކޫލުގައި ބޭއްވި ނާސަރީ ކުދިންގެ ސްޕޯޓްސް ޑޭ ފައްޓަވައި ދެއްވައި ދަރިވަރުންނާއި މުހާތަބް ކުރަނީ
އާދަމް އިސްމާޢީލް އަދާކުރެއްވި އެހެން ބައެއް ވަޒީފާތަކަށް ނަޒަރު ހިންގާލާއިރު 4 މެއި 1994 ން 9 އެޕްރީލް 2001 ށް ވަޒީފާ އަދާކުރެއްވީ ހދ.އަތޮޅު އޮފީހުގައެވެ. ހދ.އަތޮޅު އޮފީހުގައި ސަރުދާރެއްގެ މަޤާމްގައި ހުންނެވުމަށްފަހު ދެން ބަދަލުވެލެއްވީ ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމް1 ގެ ވަޒީފާއަށެވެ. ސްޓޭޑިއަމްގެ ސަރުދާރެއްގެ މަޤާމުން އާދަމް އިސްމާޢީލް 65 އަހަރު ވެލައްވައިގެން ރިޓަޔަރ ކުރެއްވީ 1 މެއި 2008 އެވެ.
މިހާރުވެސް އާދަމް އިސްމާޢީލްގެ ސިއްޚަތު ތަންދޭނަމަ ކުޅިވަރުތައް ކުޅޭތަންތަނަށް ވަޑައިގެން ކުޅިވަރުކުޅޭ ފަރާތްތަކާއެކު ތަޖްރިބާ ހިއްސާކުރައްވާ ހަދައެވެ. ބަށިކުޅޭ ކުޅުދުއްފުށީގެ ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި އާދަމް އިސްމާޢީލް ރެފްރީކަން ކުރައްވާއިރު ހުންނަ ފޯރިއާ ޖޯޝް ގެނެވޭ އެހެން ބޭފުޅަކު އަދިވެސް ނެތެވެ. 2009 ވަނަ އަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެގޮތުން ކުޅުދުއްފުށީ ޒުވާނުންގެ ދިރުން އަދި ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތު (ސްކައި) އިސްނަގައިގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި، އާދަމް އިސްމާޢީލްގެ ދަރިވަރުންގެ ކޯޗްކަމުގެ ދަށުގައި ހދ.އަތޮޅު ތަޢުލީމީ މަރުކަޒްގެ ޖިމްނާސްޓިކް ޓީމްގެ ހަރަކާތްތަކެއް ދައްކުވައިދިނެވެ. އެދިވަހުގެ އެ ޖިމްނާސްޓިކް ހަރަކާތްތައް ބައްލަވަން އާދަމް އިސްމާޢިލް އިންނެވީ ހަވީރުގެ ޚާއްޞަ މެހެމާނެއްގެ ހައިސިއްޔަތުން ކަމަށްވިޔަސް ފެންނަމުން ދިޔައީ އެބޭފުޅާ އިންދެވި އޮށަކުން ފެށި ގަހަކުން ލިބުން މޭވާތަކެކެވެ.

1980 ވަނައަހަރު އަސާސީ ތައުލީމުގެ ކުލާސްތަކަށް ވޮލަންޓިއަރެއްގެ ގޮތުން ގަވައިދުން ކިޔަވައިދީފައިވާތީ ދެވިފައިވާ ހަނދާނީލިޔުން

1981 ވަނައަހަރު އަސާސީ ތައުލީމުގެ ކުލާސްތަކަށް ވޮލަންޓިއަރެއްގެ ގޮތުން ގަވައިދުން ކިޔަވައިދީފައިވާތީ ދެވިފައިވާ ހަނދާނީލިޔުން

1982 ވަނައަހަރު އަސާސީ ތައުލީމުގެ ކުލާސްތަކަށް ވޮލަންޓިއަރެއްގެ ގޮތުން ގަވައިދުން ކިޔަވައިދީފައިވާތީ ދެވިފައިވާ ހަނދާނީލިޔުން

1985 ވަނައަހަރު އަސާސީ ތައުލީމުގެ ކުލާސްތަކަށް ވޮލަންޓިއަރެއްގެ ގޮތުން ގަވައިދުން ކިޔަވައިދީފައިވާތީ ދެވިފައިވާ ހަނދާނީލިޔުން
އާދަމް އިސްމާޢިލް 3 ކައިވެނި ކުރެއްވިއެވެ. މިހާރު އާދަމް އިސްމަޢީލް ކައިވެނި ކުރައްވައިގެން އުޅުއްވަނީ ކުޅުދުއްފުށީ ދަނބުރުއްދަށުގޭ އަލްފާޟިލާ ރުގިއްޔާ ޢަލީއާއެވެ. ތިންކައިވެންޏަށް 4 ފިރިހެން ކުދިންނާއި 4 އަންހެން ކުދިން ލިބިލައްވާފައިވެއެވެ. ކްރިކެޓްގައި ވިކެޓް ކީޕަރަކަށް ކުޅުއްވި އާދަމް އިސްމާޢީލް އެންމެ ލޯބިކުރައްވާ ކުޅިވަރަކީ ފުޓްބޯޅައެވެ. ހަނދާން ނައްތަވާލަން އެންމެ އުދަނގޫ ދުވަހަކީ އިނގިރޭސި ރާނީ މާލެވަޑައިގަތް ދުވަސްކަމަށް ވިދާޅުވާ އާދަމް އިސްމާޢީލް ވިދާޅުވިގޮތުގައި އެދުވަހު އެ މަންޒަރު ބެލުމަށްޓަކައި 16 ބަރިއަށް މީހުން ތިއްބެވެ.
އަސްކަނި
18 ޖެނުއަރީ 2011 ވަނަދުވަހު 08:28
ވަރަށް ސަޅި އާރޓިކްލް އެއް
މަ ބުނަން
18 ޖެނުއަރީ 2011 ވަނަދުވަހު 10:22
ވަރަށް ބުރަ މަސައްކަތެއްމީ…
މި މަސައްކަތައް އައްސަރިބަހާ ސާބަސް ދަންނަވަން. ވަރަސް ސަޅި، ވަރަށް ކިޔާހިތްވާގޮތައް ގެނެސްދީފައިވާ އާޓިކަލްއެއްމީ…..
މުޙައްމަދު ޢަލީ
18 ޖެނުއަރީ 2011 ވަނަދުވަހު 10:46
ގެނެސްދީފައި އޮތް ގޮތް ވަރަށް ސަޅި. މިފަދަ ޚިދުމަތްތެރިންގެ މަޢުލޫމާތު އަދުގެ ޒުވާނުންނަށް ގެނެސްދެއްވުމަށް ތިކުރައްވާ ބުރަ މަސައްކަތަށް ހަމަ ޝުކުރު ޙައްޤު. ޝުކުރިއްޔާ!
ބީފާނު
18 ޖެނުއަރީ 2011 ވަނަދުވަހު 11:19
އާދަމް އިސްމާލުގެ ފަނޑުވުމެއްނެތް ޚިދުމަތަށް ޝުކުރިއްޔާ. ތިފަދަ ކުޅިވަރުގެ ޝަހުސިއްޔަތެއް އަދި މި ކުޅުދުއްފުށީގެ ފަސްގަނޑުގައި ނު އުފެދޭ! މިހާރުގެ ކުޅިވަރުތަކުގައި އުޅުއްވާ ބޭފުޅުން އާދަމްއިސްމާލުގެ ޚިޔާލުފުޅުޅާއި ތަޖުރިބާ ހިއްސާ ކުރެއްވުމަކީ ފައިދާ ފައިދާ ހުރިކަމެއްކަމުގައި ދެކެން.
އީސަ
18 ޖެނުއަރީ 2011 ވަނަދުވަހު 12:58
އާދަމް އިސްމާއިލަކީ އަޅުގަނޑު ވަރަށް ޤަދަރުކުރާ ބޭފުޅެއް. މިފަދަ ހުނަރުވެރި ތަޖުރިބާކާރު ބޭފުޅެއްގެ ބަޔޯގްރަފީ އަޅުގަނޑުމެންނާ ހިއްސާކޮށްލެއްވީތީ ޒުވާނުންގެ ދިރުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…. މިފަދަ އިތުރު ލިޔުންތަކެއް ކައިރި މުސްތަޤުބަލެއްގައި ފެންނާނެކަމަށް އުއްމީދު ކުރަން.
އ. މޫސާ
19 ޖެނުއަރީ 2011 ވަނަދުވަހު 09:40
ފޮޓޯގައި ތިއްބެވި ބޭފުޅުންގެ ނަންތައް ދެއްވުމަށް މަސައްކަތް ކުރައްވާފައިވާ ފޮޓޯގައި ތިއްބެވި ހުރިހާބެފުޅުންގެ ނަންތައް ފުރިހަމަކޮށްދެއްވިނަމަ… އެމަޢުލޫމާތު އާދަމް އިސްމާޢީލްގެ އަރިހުން ނުހޯއްދަވަނީތޯ؟!
އާމިރު
19 ޖެނުއަރީ 2011 ވަނަދުވަހު 21:35
ވަރަށްފުރިހަމަ އާޓިކަލެއް. 5 ވަނައަށްހުރި މީހާގެ ނަން ނުބައިކޮށް އެއޮތީ ލިޔެފައި. 5 ވަނައަށް އެހުންނެވީ މޫސާ މުޙައްމަދު ދިއްގިރިއެއްނޫން. އެއީ އަލްމަރުހޫމް ޢިބްރާހިމް ވަޙީދު އާކާޝް/ކުޅުދުއްފުށި. ރަގަޅު ކޮށްލުން ރަގަޅުވާނެ. ލަފާކުރެވޭގޮތުގައި 6 ވަނައަށް އެހުންނެވީ މޫސާ މުޙައްމަދު. އިށިއިނދެ ތިބިކުދިންގެ ތެރޭގައި ކަނާއަތުން ފުރަތަމައަށް އެ އިންނެވީ އަލީ އަބޫބަކުރު އިހާ ނުވަތަ ފަހާ އަލީ.
ވާހިދު ޢަލީ
20 ޖެނުއަރީ 2011 ވަނަދުވަހު 18:34
ފުރިހަމަ ލިޔުމެއް! މީގެއިތުރުންވެސް އަތޮޅު ފެންވަރުގައި ފުޓްބޯޅަ ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް ހިންގިކަމަށް މަޢުލޫމާތުލިބޭ ހިމަނާލިނަމަ….
މިބޭފުޅާގެ ޝަރަފުގައި ކުޅިވަރު އެކުވެންޏެއް ހަދަމާހިނގާ! (ވިސްނުމަކަށް)
އަޗާ ވަހީދު
22 ޖެނުއަރީ 2011 ވަނަދުވަހު 14:22
ޖިމްނާސްޓިކަކީ ވަރަށް ސަޅި ކުޅިވަރެއް. އަހަރެން ވަރަށް ކުޑައިރު އަމީރުއަމީން މަދަރުސާ ކުދިންގެ ޖިމްނާސްޓިކް ޝޯއެއް ދުށިން. ވަރަށް މޮޅު. އެކޮޅުކޮޅުން ހޮޅިހޮޅީގައި ހިނގައި އެނބުރި އެއްލި، މިހެންގޮސް ބައިވަރު ހުނަރުތަކެއް ދައްކާލި. މި ކުޅިވަރުތައް އެއިރުއްސުރެ ދިރުވަމުން އައިނަމަ ވަރަށް މޮޅެތި މީހުން މިއަދު ތިބީސް. އާދަމް އިސްމާޢީލްގެ މަސައްކަތް އެއީ.
ހަމްކޮ
21 ފެބްރުއަރީ 2011 ވަނަދުވަހު 16:56
މިހާރަގަޅު ރަށަށް ވަރަށް ގިނަގޮތްގޮތުން ހިދުމަތްކޮށްފައި ތިއްބެވި ދަރިންތަކެއްގެ ވާހަކަ ގެނެސްދޭތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ސައިޓްގެ ހިންގާ ކޮމިޓީއަށް ވަރަށް އުފާވޭ މާޒީ ބަލައިލެވޭތީ