KL

ކޭއެލް - ނުވަތަ ކުޅުދުއްފުށީ ލައިވް ވެބްސައިޓަކީ ރަޖިސްޓްރީ ކުރެވިގެން ހިންގާ އޮންލައިން ސައިޓެކެވެ. އަޅުގަނޑުމެންގެ މަގްޞަދަކީ ދިވެހިރާއްޖޭގެ (ހާއްޞަކޮށް ކުޅުދުއްފުށީގެ) ހަބަރާއި މައުލޫމާތު ތާޒާކަމާއި ފުރިހަމައަށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމެވެ.

Find Us on

FacebookRSSYoutube

Subscribe by Email

ފަހުގެ ލިޔުންތަކުން

ކުޑަބަނޑޮހަށް މޫދަށް އެރިއުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެފައިއޮއްވާ ފެނިއްޖެ.

ކުޑަބަނޑޮހަށް މޫދަށް އެރިއުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެފައިއޮއްވާ ފެނިއްޖެ.

ކުޑަބަނޑޮހުގެ މޫދަށް އެރިއުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ކުރަމުން ދަނިކޮށް މޫދުގެ އަޑީގައި މަރުވެފައި އޮށްވާ ފެނިއްޖެއެވެ.…

މޫސާ ޢަލީ

މިޞަފްޙާއަކީ ކުޅުދުއްފުށީގެ ވަރުގަދަ ސަޙްސިއްޔަތުންނާއި ބެހޭ މަޢުލޫމާތު ކިޔުންތެރިންނާއި ހިސާބަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިމެނިފައިވާ ޞަފްޙާއެކެވެ. މިގޮތުން  މިފަހަރު މިހުށަހަޅަނީ ހދ.ކުޅުދުއްފުށީ އެލްޕާސޯ އަލްފާޟިލް މޫސާ ޢަލީއެވެ.

moosa 1

އަލްފާޟިލް މޫސާ އަލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1938 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 12ވީ އަންގާރަދުވަހު ހދ.ކުޅުދުއްފުށީ  ޕެރިސްގޭގައެވެ. މަންމައަކީ ހދ.ކުޅުދުއްފުށީ ޕެރިސްގޭ ޚަދީޖާ ޤާސިމް (ރާކަތްދަ) އެވެ. ބައްޕައަކީ ހދ.ކުޅުދުއްފުށީ ޕެރިސްގޭ ޢަލީ ޢަހްމަދު (ކިޔަވާ ޢަލީ) އެވެ. މޫސާ ޢަލީ އަކީ މިދެމަފިރިންގެ ފަސްވަނަ ދަރިފުޅެވެ. މޫސާ ޢަލީ އަކީ އެންމެކުޑައިރުންސުރެވެސް ދީނީ ކަންތައްތަކަށް ލޯބިކުރަށްވާ ބޭފުޅެކެވެ.

އުމުރުން ދިހަ އަހަރުގައި މޫސާ ޢަލީ ތަޢުލީމު ޙާސިލް ކުރެއްވުމަށް ކުޅުދުއްފުށީ މަދަރުސާ ( މިހާރުގެ ނަމުންނަމަ އަމީރު އަމީން ސްކޫލް) އަށް ވެންނެވިއެވެ. އެދުވަސްވަރުގެ ތެރޭގައި ކުޅުދުއްފުށީ މަދަރުސާގެ ފުޓްބޯޅަޓީމް މާލޭގައިއޮތް ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވުމަށް މާލެދިޔައިރު، އެޓީމާއިއެކު މާލެދުރުވުމުގެ ފުރުޞަތު މޫސާ އަލީއަށް ލިބިލެއްވިއެވެ. ނަމަވެސް އެއީ ފުޓްބޯޅަކުޅުންތެރިއެއްގެ ގޮތަކުން ނޫނެވެ. މުޅިކުޅުދުއްފުށީ މަދަރުސާގެ އަޚްލާގީގޮތުން އެންމެމޮޅު ދަރިވަރުގެ ގޮތުގައެވެ. އެދަތުރުގައި މާލޭގައި ތަޢުލީމް ޙާޞިލް ކުރެއްވުމުގެ ފުރުޞަތު ލިބިލެއްވިނަމަވެސް، މާލެ ދުރުވި ފުރަތަމަ ފަހަރުކަމުން މާލޭގައި ހުންނަވަން ކެރިނުލެއްވީއެވެ.

moosa 2

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު 1953 ވަނަ އަހަރު ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައި، ކުޅުދުއްފުށީ މަދަރުސާގެ ދަރިވަރުންގެ ތެރެއިން ކިޔަވަން މާލެދާން ބޭނުންކުދިން ކުރިއަށް ނިކުތުމަށް ވިދާޅުވިއެވެ. އެވަޤުތު މޫސާ ޢަލީ ހިތުގައި ތަޢުލީމް ޙާޞިލް ކުރެއްވުމަށް މާލެދިޔުމުގެ ޝައުގުވެރިކަން އުތުރިއަރައިގެންދިޔަ ކަމުގައި ވިޔަސް އިސްވެ ކުރިއަށް ނުކުންނަވާކަށް ކެރިއެއްނުލެއްވިއެވެ. އެއްވެސް ކުއްޖަކު ކުރިއަށް ނުނިކުތުމުން ދެވަނަ ފަހަރަށްވެސް އެމަނިކުފާނު ކުރިންވިދާޅުވި ބަސްފުޅު ތަކުރާރުކުރެއްވިއެވެ. މިފަހަރު އެންމެ ފުރަތަމަ ކުރިއަށް ނުކުންނެވީ މަޑުފެހިގޭ އަލްމަރްޙޫމް އިބުރާހިމް ޤާސިމެވެ. އަދި އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް މޫސާ ޢަލީވެސް ކުރިއަށް ނުކުންނެވިއެވެ. އެގޮތުން ވިއްސަކަށް ކުދިން މާލެދިޔުމުގެ ޝައުގުވެރިކަމުގައި ނިކުންނެވިކަމުގައި ވިޔަސް އެމަނިކުފާނު، ފިރިހެން ކުދިންގެ ތެރެއިން މޫސާ ޢަލީ އަދި އަންހެން ކުދިންގެ ތެރެއިން ބުލޫކެބިން ޚަދީޖާ އަބުދުއްރަޙްމާން ކިޔަވަން މާލެގެންދިޔުމަށް ހޮށްވެވިއެވެ. މިގޮތުން  އެއަހަރުގެ ޖޫން މަހުގެ 25 ވީ ބުރާސްފަތި ދުވަހު ނޮޅިވަރަމްފަރު މަގުން މާލެދުރުވިއެވެ.

އެއަހަރު މުޅިރާއްޖެއިން ތަޢުލީމް ޙާޞިލް ކުރުމަށް ސަރުކާރުން މާލެ ގެންދެވި ސާޅިހަކަށް ކުދިންގެ ތެރެއިން މޫސާ ޢަލީއާއި އިތުރު ފިރިހެން ކުދިންކޮޅެއް ބޭތިއްބީ  ހ. އަތަގަސްދޮށުގޭގައެވެ. އަދި މޫސާ ޢަލީ ވެންނެވީ އެއިރު މާލޭގައިހުރި އަވަށްތަކަށް ނިސްބަތްވާ ހަތަރު މަދަރުސާގެ ތެރެއިން ހެންވޭރު މަދަރުސާ ( މަދަރުސަތުލް އަމީރް އަޙުމަދު ) އަށެވެ. ސިއްޙީ ހާލު ހުރިގޮތުން އަހަރުގެ މެދު އިމްތިޙާންގައި ބައިވެރިވެ ނުލެއްވުނުކަމުގައި ވިޔަސް ފަހު އިމްތިޙާނުން މޫސާ ޢަލީވަނީ ހަތަރު އަވަށުން އެއްވަނަ ހޯއްދަވައި މަދަރުސަތުލް މަޖީދިއްޔާއިން ފުރުޞަތު ހޯއްދަވާފައެވެ. މަޖީދިއްޔާ ސްކޫލުގެ އިބްތިދާޢީ ތަޢުލީމުގެ ތިން އަހަރު ފުރިހަމަ ކުރެއްވުމަށްފަހު، ސްކޫލުން ވަކިވާން ޖެހިލެއްވީ 1957 ވަނަ އަހަރު އިގިރޭސި ތަޢުލީމު ތައާރަފް ކުރުމަށްޓަކައި 15 އަހަރުންމަތީގެ ކުދިން ސްކޫލުން ވަކިކުރެއްވިއިރު މޫސާ ޢަލީވެސް އޭގެތެރޭގައި ހިމެނިގެންނެވެ. އެއަށްފަހު ސްކޫލުން ވަކިކުރެއްވި ހުރިހައި ދަރިވަރުން ކާތިބުކަމުގެ އިމްތިހާނެއްގައި ބައިވެރި ކުރެއްވިއެވެ. ސަތޭކައަށްވުރެ ގިނަ ކުދިން ބައިވެރިވި މިއިމްތިހާނުން މޫސާ ޢަލީ ވަނީ ފުރަތަމަ ދަރަޖައިގައި ފާސްވެ ސަނަދުހޯދި 11 ކުދިންގެ ތެރޭގައި ހިމެނިފައެވެ.

moosa 3

މުސާ ޢަލީ އެންމެފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ކ.ހ ( ކާޑު ހައްދާ ) އޮފީހުގެ 1 ނަމްބަރ ކާތިބުކަމެވެ. އެދުވަސްވަރަކީ ސަރުކާރުން ބަނޑު ހަނޑޫ ކަޑުއްވާ މުސާރަދެއްވަން ފެއްޓެވި ދުވަސްވަރެވެ. އެއިރުގެ މޫސާ ޢަލީގެ މުސާރައަކީ 80 ރުފިޔާއެވެ. އެއޮފީހުގައި ގާތްގަޑަކަށް އަހަރާއި ހަމަސް ދުވަހު ވަޒީފާ އަދާކުރެއްވިފަހުން، ސަރުކާރުން ކ.ހ އޮފީސް އުވާލެއްވުމާއި ގުޅިގެން އެއޮފީހުގައި ވަޒީފާ އަދާކުރި މުއައްޒަފުންގެ ތެރެއިން ސަރުކާރުން ބޭނުންފުޅުވެލައްވައިގެން މޫސާ ޢަލީ، ވުޒާރަތުލް ތިޖާރާ ވަށްތަންވީން (މިހާރުގެ ގޮތުންނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް) ގެ ކާތިބުކަމަށް ބަދަލުކުރެއްވިއެވެ. އެވަޒީފާގެ އުޖޫރައަކީ މަހަކު 122 ރުފިޔާ ކަމުގައިވިޔަސް މޫސާ ޢަލީ ވަނީ ދެއަހަރަށްވުރެ ގިނަމުއްދަތުގައި އެއޮފީހަށް ޚިދުމަތް ކޮށްދެއްވާފައެވެ.

ވުޒާރަތުލް ތިޖާރާ  ވަޒީފާ ދޫކޮށްލެއްވުމަށްފަހު މޫސާ ޢަލީ ރަށަށް ދުރުވެ މަދަރުސަތުލް އަމީރު އަމީންގެ މުދައްރިސެއްގެ ވަޒީފާގައި 4 ވަރަކަށް އަހަރު އުޅުއްވިއެވެ. އުޖޫރައަކަށް މަހަކު -/80 ރ ލިބިލެއްވިނަމަވެސް މޫސާ ޢަލީ ވަނީ ލިޔުން، ހިސާބު އަދި ކުރެހުން ފަދަ މާއްދާތައް އުގަންނައި ދެއްވާފައެވެ. މިއަދު ހދ.އަތޮޅުގެ ގިނަ ރަށްރަށުގެ ކަތީބުންނަކީ މޫސާ ޢަލީގެ ދަރިވަރުންކަން މޫސާ ޢަލީ ނުހަނު އުފަލާއިއެކު ފާހަގަ ކުރަށްވައެވެ.

moosa 4

26 ޖެނުއަރީ 1969 ވަނަ އަހަރު ކުޑަކަތީބެއްގެ ވަޒީފާއިން ރަށު އޮފީހުގައި ޚިދުމަތް ކުރަށްވަން ފެއްޓެވި މޫސާ ޢަލީ 2008 ވަނަ އަހަރުގެ މެއިމަހު ސަރުކާރުން ވަކިވެލެއްވީ އުމުރުން 65 އަހަރުވީ ބޭފުޅުން ސަރުކާރުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. މޫސާ ޢަލީ ވަނީ ފަންސާހަކަށް އަހަރު ސަރުކާރަށް ޚިދުމަތްކުރައްވާފައެވެ.  -/65ރ ގެ މުސާރައަކާއި އެކު ރަށު އޮފީހަށް ޚިދުމަތް ކުރަން ފެއްޓެވި މޫސާ ޢަލީ 2 ޕެންޝަނާއިއެކު ސަރުކާރުން ވަކިވެލެއްވިއިރު ހުންނެވީ ކަތީބެއްގެ މަޤާމުގައެވެ. ރަށުއޮފީހުގެ ހިންގެވުމާއި ހަވާލުވެލައްވައިގެން ހުންނެވި ދުވަސްވަރު، މޫސާ ޢަލީގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ހިންގެވި އަމީނީމަގުމެދުގައި ބައްތި ޖެހުމުގެ ޕްރޮޖެކްޓަކީ އެންމެ ފާހަގަ ކޮށްލެވޭ ޕްރޮޖެކްޓްކަމުގައި މުސާ ޢަލީ ފާހަގަކުރައްވައެވެ.

moosa 5

ސަރުކާރުގެ ވަޒީފާގެ އިތުރުން މޫސާ ޢަލީ ވަނީ ތަފާތު މަސަތްކަތްތަކެއް ހިލޭސާބަހަށް ކޮށްދެއްވާފައެވެ. އޭގެތެރޭގައި:-

  • އިމާމުވެ ހުކުރުކުރެއްވުން –- 1969 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށްވެސް އިމާމުވެ ހުކުރުކުރައްވަމުން އަންނަ މުސާ ޢަލީ ވަނީ ވިދިވިދިގެން 39 ހުކުރު ވެސް އިމާމްވެ ކުރައްވާފައެވެ.
  • މިސްކިތު މުދިމުކަން –- ކުޅުދުއްފުށީ މަދަރުސަތުލް އަމީރު އަމީންގެ މުދައްރިސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށްވެސް އަންނަނީ މުދިންކަން ކުރައްވަމުންނެވެ.
  • މުދައްރިސް/ޕްރިންސިޕަލް ކަން – ރަށުއޮފީހުގައި ކުޑަކަތީބަކަށް ހުންނަވައިގެންވެސް މުސާ ޢަލީ ވަނީ އަމީރު އަމީން ސްކޫލުގެ މުދައްރިސްކަމާއި ޕްރިންސިޕަލްކަން ކޮއްދެއްވާފައެވެ.
  • ޖަމާއަތްތެރިކަން – 1969 ވަނައަހަރުން ފެށިގެން މިއަދާއިހަމައަށްވެސް މޫސާ ޢަލީ އަންނަނީ ޖަމާއަތްތެރިކަން ކުރައްވަމުންނެވެ. ފަހަކަށް އައިސް މިމަސައްކަތަށް ސަރުކާރުން އެލަވަންސްއެއް ދެއްވިކަމުގައި ވީނަމަވެސް، މިމަސައްކަތް ފެއްޓެވީ ހިލޭސާބަހަށެވެ.
  • ކުޑަމިސްކިތު ގަބުރުސްތާނު ސާފުކުރުން – މޫސާ ޢަލީ އިސްވެ ހުންނަވައިގެން ކުޑަމިސްކިތުގެ ގަބުރުސްތާނު ސާފުކުރައްވަމުން ގެންދަވާތާ ސާޅީހަކަށް އަހަރު ފާއިތުވެ ދިޔައިރުވެސް މިއަދުވެސް މޫސާ ޢަލީ ހުންނެވީ އެޚިދުމަތުގައެވެ.
  • ކުޑަމިސްކިތުގެ / ބޯޅަދަނޑުގެ އިންފާރު ރޭނުން – މޫސާ ޢަލީ އިސްވެހުންނަވައިގެން، ހެޔޮއެދޭ ފަރާތްތަކުން އެހީ ހޯއްދަވައިގެން ކުޑަމިސްކިތާއި ބޯޅަދަނޑުގެ އިންފާރު ރޭނުއްވިއެވެ.
  • ސަޤާފީ ކުޅިވަރު – އުވެމުންދިޔަ ކުޅުދުއްފުށްޓަށް ޚާއްޞަ ސަޤާފީ ކުޅިވަރެއްކަމުގައިވާ ދަމުހިނގުން ދިރުވައި އާލާކުރެއްވުމުގެ ބުރަ މަސައްކަތް މޫސާ ޢަލީ އިސްވެހުންނަވައިގެން ކުރެއްވިއެވެ.

moosa 6

މޫސާ ޢަލީވަނީ ކުރެހުމާއި ޑިޒައިން ކުރުމުގެ ރޮގުންވެސް ފާހަގަ ކޮއްލެވޭ ފަދަ ކާމިޔާބީތަކެއްހޯއްދަވާފައެވެ. އެގޮތުން 26 ޖުލައި 1966 އަހަރު ބޭއްވުނު އަތްތެރި މަސައްކަތުގެ މައުރަޒުން، މަންޒަރު ކުރެހުމުން 1 ވަނަ ހޯއްދަވައި، ހަމަ އެމައުރަޒުން ރިނދަލިން ސާމާނުހެދުމުންވަނީ 3 ވަނަ ހޯއްދަވާފައެވެ. މޫސާ ޢަލީ ވަނީ ކައިވެނީގެ ދަޢުވަތު ކާޑު އަމިއްލަޔަށް ފަރުމާކޮށް، ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ކާޑެއް ހެއްދެވުމުގެ ޝަރަފްވެސް ހޯއްދަވާފައެވެ. މިގޮތުން މޫސާ ޢަލީގެ ކައިވެނީގެ ދަޢުވަތަށް 50 ކާޑު އަމިއްލަފުޅަށް ހެއްދެވިއެވެ. އަދި އާންމު ފަރާތްތަކަށްވެސް މިމަސައްކަތް ހިލޭސާބަހަށް ކޮއްދެއްވިއެވެ. މުސާ ޢަލީ ބުނުއްވާގޮތުންނަމަ ކުޅުދުއްފުއްޓަށް ޓީޝާޓްގައި ތައްގަނޑު ޖެހުން ތައާރަފްކޮށްދެއްވީ އެބޭފުޅާއެވެ. ދީނީ ޅެންހެއްދެވުމާއި އަދަބީ ކަންތައްތަކަށްވެސް ޝައުޤުވެރިކަން ހުންނަ މުސާ ޢައްޔަށްވަނީ މިސްކިތްތަކާއި ބެހޭ ޤަޢުމީ މަޖިލީހުން 2006ވަނަ އަހަރު ބޭއްވެވި 12ވަނަ ދީނީ ޅެންހެދުމުގެ މުބާރާތުން، އަމިއްލަގޮތުން ބައިވެރިވެ 1 ވަނަ ހޯއްދަވާފައެވެ.

މޫސާ ޢަލީ ކުރެއްވީ އެންމެ ކައިވެންޏެކެވެ. އެއީ 12 ނޮވެމްބަރ 1959 ގައި ހދ.ކުޅުދުއްފުށީ މޫނިމާގޭ ހަބީބާ ޢަލީ އާއި ކުރެއްވި ކައިވެންޏެވެ. މިކައިވެންޏަށް 7 ފިރިހެން ކުދިންނާއި 7 އަންހެން ކުދިން ލިބިލައްވާފައި ވާއިރު މިހާރު ދުނިޔޭގައި 6 ފިރިހެން ކުދިންނާއި 5 އަންހެން ކުދިން އެބަތިއްބެވެ. އަބަދުވެސް ދީނީކަންކަމަށް ލޯބިކުރައްވާ މޫސާ ޢަލީ އެންމެ ދެކިލައްވަން ބޭނުންފުޅުވާ ދުވަހަކީ ކޮންމެ ރޮނގަކުންވިޔަސް ދަރިއަކަށް މަތީ ވަނައެއް ލިބޭ ދުވަހެކެވެ.

މައުރަޒުން ލިބުނު ސެޓްޕިކެޓްއަތްތެރިމަސައްކަތުގެ ސަނަދުރިޕޯޓް ގަނޑުރިޕޯޓް ގަނޑުރިޕޯޓް ގަނޑުރިޕޯޓް ގަނޑުޅެންހެދުމުން ސަނަދު

21 ހިޔާލު މިލިޔުމަށް ލިބިފައިވޭ

  1. moya naasiraa Reply

    29 އޮކްޓޯބަރ 2009 ވަނަދުވަހު 00:31

    saabas zuvaanunge dhirumah ahsaribahaa saabas alhugadhumen alah heylaa gan nakudhin nah thi dhakuvaadhin sahusihyathah thikahala kithahme meehuneh mirashuga ebathibi ekamaku kei kuraney eameehunge agu vazan kuraane bayaku adhi nudheken zuvaanunge dhirun thi kohdheh vaa hidhumathah fahfashun sukurihyaa

  2. މޭޑް Reply

    29 އޮކްޓޯބަރ 2009 ވަނަދުވަހު 09:12

    މޫސާ ޢަލީ އާއިބެހޭ މިވަރުގެ ފުރިހަމަ މަޢުލޫމާތު ގެނެސްދިނުމަށް ކުރައްވާފައިވާނެ ބުރަމަސައްކަތަށްސާބަސް އަދި މޫސާ ޢަލީއަކީ ކުޅުދުއްފުށީގައި މިހާތަނަށް އުފެދުނު އެންމެފާހަގަކުރެވޭ ސަހުސިއްޔަތު

  3. ޖާދޫ Reply

    29 އޮކްޓޯބަރ 2009 ވަނަދުވަހު 11:23

    މައުލޫމާތު ގެނެސްދީފާއިވާގޮތް ވަރަށްފުރިހަމަ. މިކަހަލަ ސަހުސިއްޔަތުން ގެ ފަރާތުން އިބްރަތް ހާސިލްކުރުމަށް މިހާރުގެ ޒުވާނުންނަށް ގޮވާލަން. މޫސާ އަލީ އަކީ ޒުވާނުންނާއި ގުޅިގެން މަސައްކަތް ކުރަން އެނގޭ ބޭފުޅެއް. ޒުވާނުންގެ ތާއީދުއޮތް ބޭފުޅެއް. ހުކުރު ހުތުބާ ހުށަހަޅައިދިނުން ޒުވާނުންވެސް ވަރަށް ފާހަގަކުރޭ. ހުދު އަޅުގަނޑަކީވެސް މޫސާ އަލީގެ ފަރާތުން ނުހަނުގިނަ ތަޖުރިބާ ތަކެއް ހާސިލްކޮށްފައިވާ ފަރާތަކިން. ޒުވާނުންގެ ދިރުމުގެ މަސައްކަތަށް ސާބަސްދެން. ސަހުސިއްޔަތުންގެ 2 ވަނަފަރާތަކަށް އާދަމް އިސްމާއީލް (ސޭކުއާދަން) ގެނެސްދިނުން އެދެން.

  4. އަލީ Reply

    29 އޮކްޓޯބަރ 2009 ވަނަދުވަހު 19:53

    މިއީ އެއްވަނާގެ ސައިޓެއް

  5. beske Reply

    30 އޮކްޓޯބަރ 2009 ވަނަދުވަހު 18:07

    If we could sell our experiences for what they cost us, we’d all be millionaires. ………. Nice work keep goin on

  6. މުޙައްމަދު Reply

    1 ނޮވެމްބަރ 2009 ވަނަދުވަހު 15:15

    މިލިއުން ވަރަށްރަގަޅު. ކިޔާލަން ފަސޭހަވެފައި މަޢުލޫމާތު އެކަށީގެންވާމިންވަރަކައް އެބަހުރި. ސަހްސިޔަތުންގެ ތެރޭގައި މުސްކުޅިނުވިއަސް ގިނަބޭފުޅުން ގެނެސްދިނުން ރަގަޅު ވާނެކަމުގައިފެނޭ!

  7. ޖާދޫގަރު Reply

    5 ނޮވެމްބަރ 2009 ވަނަދުވަހު 12:30

    ތިއީ ހަމަ އެއްވަނައިގެ ސަހްސިއްޔަތެއް

  8. މޮޔަނާޝިރާ Reply

    7 ނޮވެމްބަރ 2009 ވަނަދުވަހު 23:31

    ހަމަ ބެސްޓު އިގޭ

  9. ސަލާމް Reply

    11 ނޮވެމްބަރ 2009 ވަނަދުވަހު 20:31

    މިއީ ވ.ރަގަޅުކަމެއް.އަދި މިލިޔުމަށް އޭނާގެ އެންމެގައި އެކުވެރިއަކީ ކާކުތޯ. އެންމެ ގިނާ ކަންތައްތަކުގަ އެހީތެރިވަނީ ކޮންފަރާތެއްތޯ. މިފަދަސުވާލުތަކުގެ ޖަވާބުތަކަކީ މުހިތްމު ޖަވާބުތަކެއްކަމަށް އަޅުގަނޑުދެކެން.

  10. ޖާދޫގަރު Reply

    20 ނޮވެމްބަރ 2009 ވަނަދުވަހު 12:53

    އެޑްމިންއަށް ދެން އެހެން ސަހުސިއްޔަތެއް ގެންނާނީ ކޮންއިރަކުން

    • އެޑްމިން Reply

      20 ނޮވެމްބަރ 2009 ވަނަދުވަހު 19:00

      އިރާދަ ކުރެއްވިއްޔާ މާގިނަ ދުވަހެއްނުވެ އެހެން ސަހްސިއްޔަތެއްގެ މައުލޫމާތު ގެނެސްދެވޭނެ. އިންތިޒާރު ކުރައްވާ

  11. ރިޒާ Reply

    5 ޑިސެމްބަރ 2009 ވަނަދުވަހު 12:57

    މޫސާ އަލީ އަކީ ރުޅިމަޑު މީހުންނާއި ގުޅޭ މީހެއް . އަޅުގަނޑު ބޭނުން ވޭ އެބަ ކުޅުދުއްފުށީގެ ފުޓްބޯޅައިގެ ސަހްސިއްޔަތެއް ގެނެސްދިނުން

  12. އާން ފަހި އިނގޭ.... Reply

    26 ޑިސެމްބަރ 2009 ވަނަދުވަހު 09:41

    އާނ!!! ކުޅުދުއްފުށި .ކޮމް ހާ މިސައިޓް ވައެއް ނޫން…. ވަރަށް ބެސްޓް…އެސައިޓް ބަނޑަށް ޖަހާފަ މިހާރުވެސް ތިއޮތީ…ކީޕް އިޓް އަޕް..

  13. ހަމްކޮ Reply

    9 ޖެނުއަރީ 2010 ވަނަދުވަހު 19:49

    ހަމައެކަނި ހުރި މީހަކީ މީ ނޫން ބަލާ އެހެން މީހުންވެސް ގެނެސްދެއްވުމަށް ދަންނަވަން

  14. ލާދިން Reply

    21 މާރޗް 2010 ވަނަދުވަހު 02:26

    ސަހްސު އޯކޭ- އެކަމް 1އަހަރު ފުރުނު އިރުވެސް އިތުރު މީހަކުނެތީބާ- ހުޅުވާލަންވީނު- އަދި ތަންތަނާ ހަދިސާތައް ހެސް-ރަނގަޅެއް ނުވާނެތަ މިގޮތް

  15. މަންޖެ Reply

    21 ޖުލައި 2010 ވަނަދުވަހު 11:50

    އަހަރެމެންގެ މޫސާ ޢަލިބެ ވަރެއް ނެތް! އެހަމަ 1 ވަނައެއްނު.

  16. އޭ އެމް Reply

    25 ޖުލައި 2010 ވަނަދުވަހު 09:11

    ސަހްސިއްޔަތުގެ ބަދަލުގައި އިންނާނީ ޝަޚްޞިއްޔަތު ރަގަޅު ކޮށްލުމުން ވަރަށް ރަގަޅު ވާނެ

  17. މޯޑް Reply

    26 ޖުލައި 2010 ވަނަދުވަހު 18:09

    މޫސާ ޢަލީ ގަދަ އެކަމު މިހާރު ބަދަލުކުރަން ވެއްޖެ ދޯ ސައިޓް ހިންގާ ކުދިން މިކަން ކޮށްލަމާ ހިނގާ؛

  18. ކިޔުންތެރިއެއް Reply

    28 ޖުލައި 2010 ވަނަދުވަހު 12:06

    ދެންފަހަރަކުން ޝަޙްޞިއްޔަތެއްގެ ގޮތުގައި އަންހެން ބޭކަނބަލެއް ގެނެސްދެއްވުން އެދެން!

  19. މނ Reply

    22 ސެޕްޓެމްބަރ 2010 ވަނަދުވަހު 13:10

    ވަރަށް ފުރިހަމަ އިގޭ. އުއްމީދު ކުރަން ކުޅުދުއްފުށީ ބޮޑުމުޙައްމަދު ކަލޭފާނުގެ މަޢުލޫމާތު ވަރަށް އަވަހަށް ގެނެސްދޭނެކަމަށް. އެއީ ހަމައެކަނި ކުޅުދުއްފުށީގެ ޝަޙްޞިއްޔަތެއްނޫން، އެއީ ބޮޑުތިލަދުންމަތީގެ، އުތުރުގެ މުޅިރާއްޖޭގެ ޝަޙުޞިއްޔަތެއް. އެއީ ސަރުކާރުން ދިވެހިން ބަޑަށް ބޭތިއްބުމަށް ނިންމި ނިންމުމަށް އިހްތިޖާޖް ކުރަންކުރެނު މިޤައުމުގެ ފަހުރުވެރި ދަރި.

  20. ކިޔުންތެރިއެއް Reply

    8 ޑިސެމްބަރ 2010 ވަނަދުވަހު 13:05

    ތިޔަ ކޮލަމް ހަމަގައިމުވެސް ދެންނެވޭނީ އަޕްޑޭޓެއްނުވެޔޭ! ފުރަތަމަ ގެނެސްދެއްވި ބޭފުޅާ އަދިވެސް…….!

ޝުޢޫރު ފާޅުކުރައްވާ

ތިޔަބޭފުޅާގެ އީމެއިލް މިސައިޓުން އާންމު އެއް ނުކުރާނެއެވެ. މާރކު ކުރެވިފައި އެވަނީ މަޖުބޫރު ގޮޅިތަކެވެ.

*