ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި 3 ނޮވެމްބަރގެ އުދުވާނީ ހަމަލާއަށް 29 އަހަރު ފުރުނީއެވެ. ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތަކާއި، ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެއަށް ކުރިމަތި ކުރުވި ހަމަލާގެ ނުރައްކާތެރިކަން ކިތަންމެހާވެސް ބޮޑެވެ. ހިތްތަކަށް ވަތް ބިރުވެރިކަން އަދިވެސް ނުފިލާ ހުރިފަދައެވެ.

ނަމަވެސް ދިވެހި ރައްޔިތުންގެ ހިންމަތާއި މިންނަތުން އަދި ދިވެހި ސިފައިންގެ ހިތްވަރުގަދަ ޖިހާދުގެ ސަބަބުން ޢަދުއްވުންގެ ހަމަލާ ނާކާމިޔާބުވެ ދިވެހި ޤައުމަށް ނަޞްރާއި ފަތަޙަ ލިބުނެވެ. މި މަތިވެރި ނަޞްރާއި ފަތަޙަ ދެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. ހަމަ އެފަދައިން ހިތްވަރުގަދަ ދިވެހި ސިފައިން އިސްލާމްދީނާއި މިޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެ ކުރެއްވި ހިތްވަރުގަދަ ޖިހާދަށްޓަކައި އެފަރާތްތަކަށް ހައްޤު ޝުކުރު އަދާކުރަމެވެ.

ނަޞްރުގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި، ދިވެހި ރައްޔިތުންގެ ހިއްތަކުގައިވާ އަޒުމް އިތުރަށް ވަރުގަދަ ކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިމިވާ ސިޔާސީ ދެކޮޅުވެރިކަން ނައްތާލައި، ޤައުމައިގެން ކުރިއަށް ދިޔުމަށް މަސައްކަތް ކުރުމަކީ މިކަހަލަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއްބޭނުންކަން ކަށަވަރެވެ.

މިފަދަ ދުވަހެއްގައި ހިތްމައްޗަށް ގެންނަންވީ މިޤައުމު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިޔަނުދެއްވައި  ސަލާމަތްކުރެއްވުމަށް މާތް ﷲ ރަޙްމަތާއެކު މެދުވެރީންނަށް ވެވަޑައިގެންނެވި މި ލޮބްވެތި ފަސްގަނޑު އެބައެއްގެ ލެއިން ރަތްކޮށްލައި ޝަހިދުވެވަޑައިގެންނެވި އަބްޠާލުންގެ ޒިކްރާއެވެ. އެބޭފުޅުން އެދެއްކެވި ނަމޫނާއެވެ.

ކުޅުދުއްފުށީ ރައްޔިތަކަށްވިތީ ފަޙްރުވެރިވަނީ މި ބިމަށް ޙުސައިން އާދަމްފަދަ ބަޠަލުން އުފަންވީތީއެވެ. އެޒުވާންކަމުގެ ޖޯޝުގައި ދިވެހި ރައްޔިތުންގެ ހައްޤުގައި ދުޝްމަނުންގެ ވަޒަނުގެ އައްޑަނައަކަށް ދިއްކޮށްލެއްވީތީއެވެ.

މާތް ﷲ އެ ޝަހީދުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން

avatar

This site uses Akismet to reduce spam. Learn how your comment data is processed.