ތިންވަނަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ޓީމް ހޯދައިފިއެވެ.

ޕޮލިސް ޓީމް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅެވުނު އެ މުބާރާތުގެ ފައިނަލް މެޗްގައި 3-1 ލަނޑުން އެމް.އެން.ޑީ.އެފްގެ ޓީމްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ ޖޯޒީ ނަމްބަރ 9 ފަރުހަތު މުޙަންމަދެވެ. 32 ގޯލް ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިއަކަށްދޭ ރަންބޫޓް ޙާޞިލް ކޮއްފައިވަނީ އެސްޓީއޯ އާރސީގެ ޖޯޒީ ނަމްބަރ 19 ޙަސަން މުހަންމަދެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ހދ.އޭއީސީ އެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށާއި، މުބާރާތުގައި އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަށް ޓްރޮފީި ހަވާލުކޮށްދެއްވީ އެމް.އެން.ޑީ.އެފް ނޮދަން އޭރިއާގެ އެކްޓިންގ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ އެމްއެންޑީއެފްގެ ޖޯޒީ ނަމްބަރ 30 ޢަލީ އަބޫބަކުރާއި، އެޓީމްގެ އެމްއެންޑީއެފްގެ ޖޯޒީ ނަމްބަރ 3 އަބްދުﷲ ނާސިފާއި، ޕޮލިސް ޓީމްގެ ޖޯޒީ ނަމްބަރ 8 އަޙްމަދު މުޙައްމަދާއި، އެޓީމްގެ ޖޯޒީ ނަމްބަރ 12 ޙުސައިން ޢަލީ އަދި އެސްޓީއޯ އާރސީގެ ޖޯޒީ ނަމްބަރ 19 ޙަސަން މުޙަންމަދެވެ. މި ކުޅުންތެރިންނާ ޓްރޮފީ ހަވާލުކޮށްދެއްވީ ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަންް ސެންޓަރގެ މެނޭޖަރ އަލްފާޟިލް މުޙަންމަދު ފާހިރެވެ.

ކުޅުދުއްފުށީ ޖަމްޢިއްޔާއެއްކަމަށްވާ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖްގެ ފަރާތުން ބޭއްވި ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވައި، ރަނަރަފް ޓީމަށް އަދި ޗެމްޕިއަންޓީމަށް ތައްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލް މެމްބަރ ޖަމްޝީދު މުޙަންމަދެވެ.

މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލައާއި،މުބާރާތުގައި ރެފްރީކަން ކޮށްދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖްގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް އާސިފްއެވެ.

”ހޭންޑްސް އެގެއިންސްޓް ކޮރަޕްޝަން” މި ޝިއާރުގެ ދަށުން ކުރިއަށްގެންދިއަ މި މުބާރާތުގައި  11 ޓީމެއް ވާދަކޮށްފައިވެއެވެ. ސަރުކާރު އޮފީސްތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވި މި މުބާރާތް ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.