ކުޅުދުއްފުށީ ޖަމްޢިއްޔާއެއްކަމަށްވާ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖް (ޒިގްޒެގް) އިން އިންތިޒާމްކޮށްގެން ބާއްވަމުންއަންނަ ފުޓްސަލް މުބާރާތް ފެށިއްޖެއެވެ.

އޭޑީ.ކޭ އެން.ޑީ.ސީ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ނަމުގައި، ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ރޭ ފެށި މިމުބާރާތުގެ ފުރަތަމަ މެޗްގައި ރޭ ބައްދަލުކުރީ ޕޮލިސް ޓީމާއި ހދ.އަތޮޅު ތަޢުލީމީ މަރުކަޒް (އޭ.އީ.ސީ)ގެ ޓީމެވެ. މި މެޗް 9 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ ޕޮލިސް ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޕޮލިސް ޓީމްގެ ޖ.ނަމްބަރ 8، އަޙްމަދު މުޙައްމަދާ އިނާމް ހަވާލުކޮށްދެއްވީ މެޗްގެ ޝަރަފްވެރި މެހެމާން އޭޑީކޭ ނޯދަރން ޑިސްޓްރިބިއުޝަން (އެން.ޑީ.ސީ)ގެ އޮޕަރޭޝަން މެނޭޖަރ އަބްދުﷲ ޢަލީ އެވެ.

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތަކީ 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެއަރު 15 ޓިމެއް މުބާރާތުގައި ބައިވެރިވެފައިވާއިރު، މިފަހަރުގެ މުބާރާތުގައި 13 ޓީމެއް ބައިވެރިވެއެވެ. ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕް 1 ގައި ހިމެނެނީ އަފީފުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢްލީމީ މަރުކަޒްގެ އިތުރުން އެމްއާރުޑީސީ އަދި ޕޮލިސް ޓީމެވެ. ގްުރޫޕް 2 ގައި ހިމެނެނީ އެސްޓީއޯ އާއި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް އާއި އަތޮޅު ކައުންސިލް އަދި ދިރާގެވެ. އަދި ގްރޫޕް 3 ގައި ހިމެނެނީ އެމް.އެން.ޑީ.އެފް އާއި ހޮސްޕިޓަލްގެ އިތުރުން ކަސްޓަމްސް އާއި ރީޖަނަލް ފަޔަރ އަދި އެމް.ޑަބްލިޔު.އެސް.ސީ އެވެ.

ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސް ތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މި މުބާރާތުގެ މިދިއަ އަހަރުގެ ޗެމްޕިއަން ޓީމަކީ ކުޅުދުއްފުށީ ޕޮލިސް ޓީމެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.