މާތް ﷲ އެކަލާންގެ ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް މައްކާ ދޫކުރައްވައި މަދީނާއަށް ހިޖްރަ ކުރެއްވުމަށް އިޛުނަ ދެއްވި ހިނދު ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބުންނަށް މަދީނާއަށް ހިޖްރަ ކުރެއްވުމަށް އަމުރު ކުރެއްވި އެވެ. އަދި އަބޫބަކުރުގެފާނު ވެސް ކީރިތި ރަސޫލާގެ އަރިހުން މައްކާއަށް ހިޖްރަ ކުރެއްވުމަށް އެދި އިޛުނައަށް އެދި ވަޑައިގަތެވެ. އެހިނދު އަބޫބަކުރުގެ ފާނާ މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވަނީ އެކަލާންގެ ތިބާއާއެކު ވަޑައިގަންނަވާނޭ ބައިވެރިއަކު ކަނޑައަޅުއްވަންދެން އަވަސްވެވަޑައި ނުގެން މަޑު ކުރައްވާށެވެ. މިފަދައިންނެވެ.

އެއަށްފަހު ޖިބްރީލްގެ ފާނު ވަޑައިގެން ގުރައިޝުންގެ ބަޔަކު ކީރިތި ރަސޫލާ ގަތުލު ކުރައްވަން އުޅޭ ކަމުގެ ޚަބަރު ދެއްވިއެވެ. އަދި އެރޭ މައްކާގައި ރޭ ނުކުރައްވައި ހިޖްރައަށް ނިކުމެ ވަޑައިގަތުމަށް އަމުރު ކުރެއްވި އެވެ. އަދި ކީރިތި ރަސޫލާގެ ގެކޮޅުން ހިޖްރައަށް ނިކުމެ ވަޑައިގެންނެވި އެވެ. އޭރު ގުރައިޝުންގެ ތެރެއިން ބަޔަކު ކީރިތި ރަސޫލާގެ ގެކޮޅު ވަށައިގެން ހިގަހިނގާ ތިއްބެވި އެވެ. ނަމަވެސް މާތް ﷲގެ ކުޅަދުން ވަންތަ ކަމުން އެމީހުންގެ ލޯތަކަށް ކީރިތި ރަސޫލާ ފަރުދާ ކުރެއްވި އެވެ. ކީރިތި ރަސޫލާ ވެލިމުށެއް ނަންގަވައި އެމީހުންގެ ބޮލަށް ބުރުއްސަވާ ލެއްވި އެވެ. ނަމަވެސް އެމީހުންނަކަށް އެކަމެއް ނޭގެއެވެ.

އެއަށްފަހު ކީރިތި ރަސޫލާ އަބޫބަކުރުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އަބޫބަކުރުގެފާނު އަވަހާރަފުޅު ލައްޕަވާފައި ވަނިކޮށް ހޭލައްވައި، ހިޖުރައަށް ނިކުމެ ވަޑައިގަތުމަށް މާތްﷲ އަމުރު ކުރައްވައިފިކަމުގެ ޚަބަރު އަބޫބަކުރުގެފާނަށް ދެއްވިއެވެ. ޢާއިޝަތުގެފާނު ވިދާޅުވަނީ އެހިނދު އަބޫބަކުރުގެފާނު އުފަލުން ގޮސް ލޯފުޅުން ކަރުނަފޮދު ފޭދުނު ތަން ތިމަން ދުށީމެވެ.

ކީރިތި ރަސޫލާއާއި އަބޫބަކުރުގެފާނު ހިޖުރައަށް ނިކުމެ ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ފިލާ ވަޑައިގެން ތިއްބެވިއެވެ. 3 ދުވަސް ވަންދެން ހޮހަޅައިގައި ތިއްބެވުމަށްފަހު ނިކުމެ ވަޑައިގެން ހިޖުރައިގެ ދަތުރު ކުރިއަށް ގެންދިއުމަށް ފެއްޓެވިއެވެ. މަދީނާއަށް ވަޑައިގެންނެވޭނޭ މަގު އަބޫބަކުރުގެފާނަށް އެނގިވަޑައި ގަންނަވައެވެ. މަދީނާއަށް ވަޑައިގެންނެވި މަގުމަތީގައި ތަފާތު މީހުންނާއި ބައްދަލުވެ ލެއްވިއެވެ. އަދި ބައެއް މީހުން އަބޫބަކުރުގެފާނުގެ އެކުވެރިއަކަށް ހުންނެވި ބޭފުޅާ އާއި ބެހޭގޮތުން ސުވާލު ކުރިއެވެ. އެހިނދު އަބޫބަކުރުގެ ފާނު ވިދާޅުވެފައިވަނީ އެއީ ހިދާޔަތުގެ މަގަށް ގޮވާލާ މީހާއެވެ.

ކީރިތި ރަސޫލާއާއި އަބޫބަކުރުގެފާނު މަދީނާއަށް ވަޑައިގަތް ހިނދު މަދީނާގެ ރައްޔިތުން އެކަމާ އުފާފާޅުކޮށް ހެދިއެވެ. މުހާޖިރީންނާއި، އަންޞާރީން މަދީނާގެ ބިމުން ކީރިތި ރަސޫލާއާއި، އަބޫބަކުރުގެފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައި ވެއެވެ. އުފާވެރިކަމުގެ މަދަޙައާއި ޅެންތަކާއި ލަވަތައް އެދުވަހު މަދީނާގެ އަހުލުވެރިން ކިޔާފައިވެއެވެ. އޭގެ ތެރެއިން މަޝްހޫރު އެއް ޅެމަކީ ޠަލަޢަލް ބަދުރު ޢަލައިނާ… މިޢިބާރާތުން ފަށާފައިވާ ޅެމެވެ.

އެންމެ ފުރަތަމަ ހިޖްރީ ތާރީޚް ޖައްސަވަން ފެއްޓެވީ އުމަރުގެފާނެވެ. އެކަލޭގެ ފާނު ހިޖްރީ ތާރީޚް ޖައްސަވަން ފައްޓަވާފައިވަނީ ކީރިތި ރަސޫލާ ކުރެއްވި ހިޖުރައިންނެވެ. އެއަށްފަހުން 1437 އަހަރު ފާއިތުވެ މި ފެށުނީ 1438 ވަނަ އަހަރަށެވެ.

ހިޖްރީ އައުއަހަރުގެ ހެޔޮއެދުމާއި ތަޙްނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި މުޅި އިސްލާމީ އުއްމަތަށް ފޮނުވަމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މިފެށުނު ހިޖުރީ އައު އަހަރަކީ މުޅި އިންސާނިއްޔަތަށް ހެޔޮ އަހަރެއް ކަމުގައި ލައްވައި ބާއްޖަވެރިކަމާއި ތިޔާގިކަމުގައި ހިނިތުންވުން ގެނެސްދޭ އުފާވެރި އަހަރެއް ކަމުގައި މާތް ﷲ މިންވަރު ކުރެއްވުމެވެ. އާމީން

avatar

This site uses Akismet to reduce spam. Learn how your comment data is processed.