ކުޅުދުއްފުށީ ޖަމްޢިއްޔާއެއްކަމަށްވާ ޒިގްޒެފް ފޯރ ޔޫތް ލިންކޭޖް (ޒިގްޒެގް) ން އިންތިޒާމްކުރާ ފަސްވަނަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފެށިއްޖެއެވެ.

ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި، ސަރުކާރު އަދި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗްގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި އާޕޮއިންޓް ކޮމްޕެނީ ވާދަކޮށް 14-0 ން މެޗް ކާމިޔާބުކުރީ އެންމެ ފަހުގެ ދެމުބާރާތުގެވެސް ޗެމްޕިއަން ޕޮލިސް ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ޓީމަށް ކުޅޭ އެ މުއައްސަސާގެ ބޭރު ކުޅުންތެރިޔާ އިބްރާޙީމް ޙަސަން (ކުޑަ އިއްބެ) އެވެ.

ރޭ ކުޅުނު ދެވަނަ މެޗްގައި ކުޅުދުއްފުށީ ޕޯޓްގެ މައްޗަށް ފަޔަރ ކުރިހޯދީ 6-3 ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފަޔަރ ޓީމަށް ކުޅޭ އެ މުއައްސަސާގެ ބޭރު ކުޅުންތެރިޔާ އަޙްމަދު ޤާސިމް (ކުމާ) އެވެ.

ރޭ ކުޅުނު ފަހު މެޗްގައި 2010 ވަނަ އަހަރުގެ ޗެމްޕިއަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މައްޗަށް އެސް.ޓީ.އޯ ކުރި ހޯދީ 0-3 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސް.ޓީ.އޯގެ ޙަސަން މުޙަންމަދު (ނޫވިލޭ) އެވެ.

ޖުމްލަ 16 ޓީމް ވާދަކުރާ މި މުބާރާތުގައި މިރޭގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ކުޅުދުއްފުށީ ކައުންސިލާއި އަފީފުއްދީން ސްކޫލެވެ. ދެވަނަ މެޗްގައި ޤައުމީ ޔުނިވަސިޓީގެ ކުޅުދުއްފުށީ ކެމްޕަސް ވާދަކުރާނީ 2009 ވަނަ އަހަރުގެ ޗެމްޕިއަން ދިރާގާއެވެ. އަދި ފަހު މެޗްގައި ބައްދަލުކުރާނީ އެމް.ޑަބްލިއު.އެސް.ސީއާއި އެމް.އާރު.ޑީ.ސީއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތް ފަށްޓަވައިދެއްވީ ކުޅުދުއްފުށީ ކައުންސިލް މެމްބަރ އިބްރާޙީމް އައްބާހެވެ. 

 

avatar

This site uses Akismet to reduce spam. Learn how your comment data is processed.