ކުޅިވަރުގެ މައިދާނަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޝަޚްސިއްޔަތެއް ކަމަށްވާ ކުޅުދުއްފުށީ ދެބުދާރުގެ، އާދަމް އިސްމާޢީލް (ސޭކު އާދަންބެ) ގެ ޝަރަފްގައި ކުޅުދުއްފުށީގައި ބާއްވާ ފުޓްބޯޅަ ލީގް ފަށައިފިއެވެ.

ކުޅުދުއްފުށީ ކޮރަލް ދަނޑުގައި މިއަދު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ކުޅުދުއްފުށީ ދެ ޓީމްކަމަށްވާ ކޮރަލްސް ޔުނައިޓެޑް އަދި ޒިގްޒެގެވެ. މިމެޗް 4-3 ން ކާމިޔާބުކުރީ ޒިގްޒެގެވެ.

ކޮރަލްސް ޔުނައިޓަޑުން ލީޑް ނަގާފައިވަނިކޮށް ފަހަތުންއަރައި ޒިގްޒެގް ކާމިޔާބުކުރި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒިގްޒެގަށް 2 ގޯލް ކާމިޔާބު ކޮށްދީފައިވާ އެޓީމްގެ ޖ.ނަމްބަރ 11 އަޙްމަދު ޤާސިމެވެ. އެޓީމްގެ އަނެއް 2 ގޯލް ޖަހާފައިވަނީ ޖ.ނަމްބަރ 6 ބަޝީރު ޔޫސުފް އަދި ޖ.ނަމްބަރ 9 އަބޫބަކުރު އާދަމްއެވެ.

މިއަދުގެ މެޗް ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރ އިބްރާހީމް އައްބާހެވެ.

މާދަމާ ކުޅޭ މުބާރާތުގެ 2 ވަނަ މެޗްގައި ބައްދަލުކުރާނީ ހިރަފުސް އަދި ޓީމް ކޮރަލްސްއެވެ. މިމެޗް އޮންނާނީ ހިރަފުސް ދަނޑުގައެވެ.

ކުރީ މުބާރާތަކީ ކުޅުދުއްފުށީ ދަނޑުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެއް ނަމަވެސް މިފަހަރުގެ މުބާރާތް ހުޅުވާލާފައިވަނީ މުޅި ހދ.އަތޮޅަށެވެ. ހޯމް އަދި އަވޭ އުސޫލުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ކުޅުދުއްފުށީ ޓީމްތައް ނޫން ޓީމްތައްވެސް ކުޅެންޖެހޭނީ ކުޅުދުއްފުށީގައިކަމަށާއި، އެހެން ނަމަވެސް ހޯމް ދަނޑުގެ ގޮތުގައި ކުޅުދުއްފުށިން ދަނޑެއް ޚިޔާރުކުރުމުގެ ފުރުޞަތު އެޓީމްތަކަށް ލިބޭނެކަމަށް އަޙްމަދު ސަޢީދު މަޢުލޫމާތުދިނެވެ.

ކުރީ މުބާރާތުގައި ކުޅުދުއްފުށީ 4 ފުޓްބޯޅަ ދަނޑަކުން 6 ޓީމް ބައިވެރިފައިވެއެވެ.

މި ލީގަކީ ކުޅުދުއްފުށީގެ ކުޅިވަރަށް އާދަމް އިސްމާޢީލް ކޮށްދެއްވާފައި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަދަ ޝަޚްސިއްޔަތުގެ ވެރިން އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ ލީގެއްކަމަށް އާދަމް އިސްމާޢީލްގެ ދަރިފުޅު އަޙްމަދު އާދަމް (ސޭކޭ) މަޢުލޫމާތުދިނެވެ. މިފަހަރުގެ މިބާާރާތް ކުރިއަށްދަނީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރ މުޙައްމަދުގެ މާލީ އެހީތެރިކަމާއެކުކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުއެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.