ރެކްޓަ މިންގަނޑުން 7.4 މެގްނިޓިޓިއުޓްގެ ބާރުމިނުގެ ނޭޕާލަށް މިއަދު އައި ބިންހެލުގައި އިމާރާތްތައް ބިމާއި ހަމަވުމުގެ ސަބަބުން ހަތަރު މީހުން މަރުވެ ބޮޑެތި އަނިޔާ ލިބިފައިވާ ބާރަ މީހަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މި ބިންހެލުން ނޭޕާލަށްއައިސްފާ ވަނީ މިއަދު މެންދުރެއްހާއިރު އެވެ. މި ބިންހެލުމާއި ގުޅިގެން އަވައްޓެރި ބައެއް ގައުމުތަކަށް ލޮޅުން އަރަމުންދާއިރު އެންމެ ބާރުގަދަ ލޮޅުންތައް އައިސްފައިވަނީ އަވަށްޓެރި އިންޑިއާއަށް ކަމަށް މީޑިއާ ރިޕޯރޓްތައް ބުނެއެވެ.
ކޭއެލްއަށް މައުލޫމާތު ދެއްވަމުން މޫސުމާއިބެހޭ ޤައުމީ އިދާއިން ބުނީ ލޭންޑަށް އަންނަ ބިންހެލުމެއްްގެ ސަބަބުން ސުނާމީއެއް އުފެދުމަކީ ދުރުގައިވާ ކަމެއް ކަމުގައެވެ. ނޭޕާލުގެ ލޭންޑަށް އަންނަ ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ އެ ބިންހެލުމަކީ 19 ކިލޯ މީޓަރު އަޑިން އައި ބިންހެލުމެއް ކަމަށާއި، ބިން ހެލުން އައިސްފައި ވަނީ ނޭޕާލުގެ ހުޅަނގުން 68 ކިލޯ މީޓަރަށް،(ގާތްގަނޑަކަށް 42 މޭލު) ނަމަޗޭ ބާޒާރާއި ކައިރިއަށް ކަމުގައެވެ. އެއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމުގައިވާ މައުންޓް އެވަރެސްޓާއި ކައިރި ހިސާބެއް ކަމަށް ވެސް މީޑިއާ ރިޕޯރޓްތައް ބުނެއެވެ.

މި ބިންހެލުމާއި ގުޅިގެން ބައެއް އިމާރާތްތައް ވެއްޓިފައިވާއިރު މި ބިން ހެލުމުގެ އަސަރު އިންޑިއާގެ ނިއުދިއްލީއަށާއި ބަނގްލަދޭޝްއަށް ވެސް ފޯރާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ހުސްވި އޭޕްރީލް 25 ވަނަ ދުވަހު ނޭޕާލަށް އައި ބިންހެލުމެއްގައި 8،046 މީހަކު މަރުވެ، 17،800 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.