ވާހަކަ ލިޔުނީ: ފަޒްނާ / އެސްފިޔަ.ކޮމް

ސޯ ނޯވަން ޓޯލްޑް ޔޫ ލައިފް ވޯޒް ގޮނަ ބީ ދިސްވޭ…

ޔޮއަ ޖޮބްސް އަ ޖޯކް… ޔޫއަރ ބޮރޯކް… ޔޮއަ ލަވްސް ޑީ އޯ އޭ…

އިޓްސް ލައިކް ޔޫއަރ އޮލްވޭޒް ސްޓަކް އިން ސެކަންޑް ގިއަރ

ވެން އިޓް ހެޒެންޓް ބީން ޔޮއަ ޑޭ، ޔޮއަ ވީކް، ޔޮއަ މަންތް، އޮރ އިވަން ޔޮއަ އިއަރ، ބަޓް

އައި ވިލްބީ ދެއަރ ފޮރ ޔޫ

ވެން ދަ ރެއިން ސްޓާޓްސް ޓު ޕޮއަރ

އައިވިލް ބީ ދެއަރ ފޮރ ޔޫ

ލައިކް އައިހެވް ބީން ދެއަރ ބިފޯރ

ކޯޒް ޔޫއަރ ދެއަރ ފޯރ މީ ޓޫ…………..

ގިނައިރުތަކެއް ނުވެ، ޝެރިންގެ އެސްފިޔަތައް ބަރުވާން ފަށައިފި އެވެ. އެހެންކަމުން ލެޕްޓޮޕް ބަހައްޓާފައި އެނދަށް އެރި އެވެ. އޮށޯންނަން އުޅުނު ވަގުތު ކޮޓަރީގެ ބެލްކަނީން ހިޔަންޏެއް ދަތުރު ކޮށްލި މަންޒަރު ޝެރިންގެ ތޫނު ދެލޮލަށް ފެނުނެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ. ވަގެއް ކަމަށް ހީކޮށް ވަރަށް ބާރަށް ހަޅޭއްލަވައި ގަންނަން އުޅުނު ވަގުތު ކުއްލިއަކަށް މީހަކު ޝެރިންގެ އަނގަމަތީ އަތްއެޅި އެވެ. އެއީ ބާރުގަދަ، ހަރު އަތެއްގެ ވެރި އެކެވެ. ޝެރިނަކަށް އެއްވެސް ގަދައެއް ނުދެއްކުނެވެ. އެބޮޑު އަތުގައިވި ގިނަ އިސްތަށި ތަކާއި، އަތުގެ ވަރުގަދަ ކަމާއި ހައިބަތު ހުރި ގޮތުން އެއީ ބިޔަ ފިރިހެނެއްކަން ޝެރިނަށް ޔަޤީންވި އެވެ. އެފަދަ ވަރުގަދަ މީހެއްގެ ފަރާތުން ޝެރިން ފަދަ އެންމެ ބާރަ އަހަރުގެ ކުޑަކުޑަ ކުއްޖަކަށް ދެއްކޭނީވެސް ކޮން ގަދައެއް ހެއްޔެވެ؟ ކުޑަމިނުން އަޑެއް ބޭރެއްވެސް ނުކުރެވުނެވެ. ގެންފައި ހުރި ބިރެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ.

ސަލާމަތްވޭތޯ ޝެރިން އެތައް ގަދައެއް ހެދި އެވެ. އެދަނބު ކުލައިގެ މައުޞޫމް ދެލޮލުން ފައިބަމުންދާ ކަރުނަ ތަކަކަށް އެމީހާ ސަމާލު ކަމެއް ނުދެ އެވެ. ޝެރިން އެންމެ ހައިރާންވީ އެމީހާ އޭނާގެ ކޮޓަރިއާ ހަމައަށް ވާސިލުވި ކަމެވެ. އެހައި ސެކިއުރިޓީ ވަރުގަދަ ގެއެއްގައި ވެސް އެފަދަ ގޮތަކަށް މީހަކަށް ވަދެވުމަކީ އުނދަގޫ ކަމެކެވެ. ޝެރިން އެމީހާގެ މޫނު ފެނޭތޯ އެގޮތް މިގޮތަށް އުޅުނެވެ. ނަމަވެސް އެއީ މޫނުމަތި ނިވާކޮށްފައިވާ މީހެއްކަމުން އެއީ ކާކުކަމެއް ޝެރިނަކަށް ނޭނގުނެވެ.

އެމީހާ ޝެރިން ހިފެހެއްޓިތާ ހިނދުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ބެލްކަނީން އެތެރެއަށް މީހަކު ފުއްމާލައިފި އެވެ. އެއީ ޝެރިން ހިފަހައްޓައިގެން ހުރި މީހާއަށް ވުރެން ހިކި މީހެކެވެ. ދެމީހުންވެސް ތިބީ މޫނާއި މުޅި ހަށިގަނޑުވެސް ކަޅު ހެދުމަކުން ނިވާވެފަ އެވެ. ފިލްމު ތަކުން ފެންނަ ބާގްލަރުންނާއި އެއްވެސް ތަފާތެއް ނެތެވެ. އެމީހުން އެކަން ކުރަނީ އެއްވެސް އަޑެއް ބަޑެއް ލައްވާލުމެއް ނެތި އެވެ.

ފަހުން އައި މީހާ އަތުގައި ވަރުގަދަ، ބޮޑު ސިރިންޖެއް ފާޑުގެ އެއްޗެއް އޮތެވެ. ޝެރިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޑު ބޭރު ނުވިޔަސް ކަރުން ހަންދާވަރަށް އޭނާ ހަޅޭއްލެވި އެވެ. ނަމަވެސް ހިލަ ހިތްތަކެއްގެ ވެރިބަޔަކަށް ކުރެވޭނީވެސް ކޮން އިޙުޞާޞް ތަކެއް ހެއްޔެވެ؟ ގަދަކަމުން ޝެރިންގެ އަތަށް އިންޖެކްޓް ކުރިއިރު އެކުޑަ ކުއްޖާ އަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އެ އިންޖިކްޝަންގެ އަސަރު ދާދި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ފެނިލައިފި އެވެ. ޝެރިނަށް ތަންތަން ފުސްވާން ފަށައިފި އެވެ.

“ކައިލް… ހާދަ ފިންޏޭދޯ މިރޭ…” ނީމް ޝަކުވާ ކުރި އެވެ. ނީމް އާއި ކައިލް ތިބީ ސުނާމީ ބިނާ ކައިރީގަ އެވެ. ކަނޑުގެ އައްސޭރިން އަންނަ ފިނި ވައިރޯޅިތަކުން ނީމްގެ ގަދަ މުށިކުލައިގެ ފަށުއި އިސްތަށިގަނޑު، ނުކިޔަމަންތެރި ކަމާއިއެކު ވިހުރެންފެށި އެވެ. މިހިތްގައިމު މަންޒަރު ބަލަން ކައިލަށް ހުރެވުނެވެ.

ހިތްގައިމު މާހައުލެކެވެ. އެތައް މިލިއަން ޖަވާހިރު ތަކެއްހެން އުޑުމަތީގައި ތަރިތައް ފިޔަޖަހަމުން ގެންދެ އެވެ. ތަރިތަކުގެ ޚާންދާނުގައި ރަސްކަން ކުރަމުން ގެންދާ ރޭގަނޑުގެ ރާނީ އެހެން ރޭރެއެކޭ އެއްފަދައިން މިރޭވެސް އޭގެ ޒިންމާ އަދާކުރަމުން ގެންދެ އެވެ.

“ހިނގާދެން ދަމާ ދޯ…” ނީމްގެ އަޑުވެސް ތުރުތުރު އަޅަމުންދެ އެވެ.

“ދެން ފިނިވީމަ މާރަނގަޅެއްނު…” ކައިލް ހީލި އެވެ. “އެހެން ރޭރޭ ނީމް އުޅެނީ ހޫނުވެގެން.”

ދެމީހުން މަގަށް ނުކުތެވެ. ފަތިސް ވާން އުޅޭ ވަޤުތުކަމުން މަގުމަތީގައި ދުއްވާ އެއްޗެހި އާދައާއި ޚިލާފަށް މަދެވެ.

“އަޖައިބެއް…” ނީމްވެސް ހީލަމުން އޭނާގެ ނޫކުލައިގެ ދެލޯ މަރާލި އެވެ. މިރޭ ދެމީހުން ތިބީ މާބޮޑަށްވެސް ހިމޭންވެފަ އެވެ. ވާހަކަ މަދުވެފަ އެވެ. ދައްކާނެ ވާހަކައެއް ނެތީކީއެއް ނޫނެވެ. ދެމީހުންގެ ހިތުގައިވާ އެއްޗެއްގެ ބޮޑު ކަމާއި ޚާއްޞަކަމުން ވާހަކަ ފަށަންވީ ހިސާބެއް ނޭނގުނީ ކަމަށް ވެދާނެއެވެ.

“މިރޭ މާބޮޑަށް ވަރުބަލިވީ ދޯ…؟” ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަ ހިމޭންކަން ފުނޑުކޮށްލީ ކައިލެވެ.

ނަމަވެސް ނީމަކަށް އެޗެއް ބުނާނެ ފުރުޞަތެއް ނުލިބުނެވެ. ބާރު ސްޕީޑެއްގައި އައި ކާރެއް ވައިކަފާލާފައި ދިޔައީ އެމީހުންގެ ގައިގައި ޖެހޭ ނުޖެހޭހާ ކައިރިންނެވެ. ލިބުނު ކުއްލި ސިހުމާއިއެކު ނީމަށް ހަޅޭއްލަވާގަނެވުނެވެ. ކައިލްވެސް ދިޔައީ ސިއްސައިގެންނެވެ. ނީމް ފަހަތަށް ޖެހިލެވުނު ވަގުތު މަގުގެ އެއްކައިރީ ޕާކުކޮށްފައި ހުރި ސައިކަލެއްގެ ފައިލާތަނުގައި ނީމްގެ ފައިގެ ތަނބިކަށި ޖެހުނެވެ. ޖެހުނުލެއް ބާރުކަމުން އެތަން އައްސިވެސް ވެއްޖެ އެވެ. ކާރު ދިޔަލެއް ހަލުވި ކަމުން އޭގެ ނަންބަރ ބޯޑެއްވެސް ފާހަގައެއް ނުވި އެވެ. ކައިލް އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އެހާ ބާރަށް، އަދި އެހާ ނުރައްކާތެރި ސްޕީޑެއްގައި އައި ކާރެއް ޖެހޭ ނުޖެހޭ ކައިރިން ދިޔުމުންނެވެ. ކާރު ލޮލުކޮޅަށް އޮބާލަންދެން ކައިލަށް ބަލަން ހުރެވުނެވެ.

“ކަ… ކައިލް…..” ނީމަށް ކައިލްގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފުނެވެ.

ކައިލަށް ހޭވެރިކަންވީ ދެނެވެ. އަވަސް އަވަހަށް ނީމްގެ ގައިގައި ހިފައިގަނެވުނެވެ.

“ނީމް… ނީމް! ކަމެއް ވިތަ…؟؟؟ އަނިޔާއެއްވިތަ؟؟ މިއޮއް އަންނަނީ ކޮން ލެޔެއް…….؟؟؟؟” ކައިލް ދެލޯބޮޑުކޮށްގެން ހުރެ ނީމް ތަޅުވައިގަތެވެ. ނީމްގެ ފައި އޮތީ ސައިކަލުގައި ޖެހުނުގޮތަކުން ވަރަށް ބޮޑަށް ޒަޚަމް ވެފައެވެ. ހަންގޮސް ކުޑަކޮށް ލޭވެސް ފާއްދާލާފައި ހުއްޓެވެ. ނަމަވެސް ތަދެއް އިޙްޞާޞް ކުރެވުމަށްވުރެ ބޮޑަށް ނީމް ހުރީ ދެންމެ ވީކަމަކުން ލިބުނު ޝޮކްގެ މަތީގަ އެވެ. އޭނާގެ ނޫކުލައިގެ ދެލޯ ވަނީ ބޮޑުވެފަ އެވެ. ބިރުންގޮސް މޫނު ހުދުވެ، އަނގަވެސް ހުޅުވިފަ އެވެ. ފުން ނޭވާތަކެއް ލަމުން ގެންދިޔައީ ހަމަޖެހޭތޯ އެވެ.

“ކައިލް… އަހަރެން… ގެއަށްދާން……..” ނީމްގެ އަޑު ނުކުތީ ކެނޑިކެނޑި ގެންނެވެ. ގެންފައި ހުރި ބިރެއްގެ ސަބަބުންނެވެ.

ކައިލަށް ނީމްގެ ފިނޑިކަން ފެނިފައި ނުހޭން ހުރެފައިވެސް ހެވިއްޖެ އެވެ. މިކަމާ ނީމް ގާތަށް އައި ރުޅިން ކައިލްގެ ބުރަކަށްޓަށް ބޮނޑިއެއް އަޅާލައިފި އެވެ.

ކުރެވުނު ކުޑަ ސަމާސާއަށްފަހު ދެމީހުންނަށްވެސް ކުޑަކޮށް ނޭވާ ހަމަޖައްސާލެވުނެވެ. ނީމް ގެއަށްލައި ދީފައި ކައިލް އަނބުރާ އައީ ސީދާ ގެއަށެވެ. ގޮތްނޭނގޭ ކޮންމެވެސް ސަބަބަކާއި ހުރެ ހަލުވި ދުވެއްޔެއްގައި ދިޔަ ކާރުގެ މަތިން އޭނާއަކަށް ހަނދާން ނައްތައެއް ނުލެވުނެވެ. އެނގެނީ އެއީ ކަޅުކުލައިގެ ޕްރައިވެޓް ކާރެއްކަމެވެ. މިހާ އެކްސިޑެންޓުތައް ގިނައިރު، ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވާއެއްޗެހި އަދިވެސް ދުއްވަމުން ދާތީ އެކަމާ ކައިލްވެސް ވަރަށް ކަންބޮޑުވެ އެވެ. ނަމަވެސް ހެއްވާ ކަމަކީ އޭނާ އަމިއްލައަށްވެސް ކޮންމެ ދުވަހަކު ކާރު ބުރު ޖަހާއިރު، މިދުއްވެނީ ރަނގަޅު ސްޕީޑެއްގައިކަން ގަބޫލެއް ނުކުރެވޭ ކަމެވެ.

 

avatar

This site uses Akismet to reduce spam. Learn how your comment data is processed.