އަސުރު ނަމާދުން ފައިބައިގެން ޒުވާން ގްރޫޕެއް ހިނގާލާފައި ދިއައިރު ދައްކަމުން ދިއަ ވާހަކައަކީ މުޅި ރާއްޖޭގައިވެސް އެންމެ ގިނައިން ދެކެވޭ އެއްވާހަކަ ކަމަށްވާ ޗައިނާގެ ވާހަކައެވެ.

ދުނބުރި ގަހެއް ދައްކާފައި އެހެރީ ޗައިނާ އަނބުގަހެކޭ އެކަކު ބުނާއިރަށް އެންމެން އެއްކޮށް ހިނިގަނޑު ފަޅާލައެވެ. މުޅި ރާއްޖެ ޗައިނާއަށް ވިއްކާލައިފިއޭ އެކަކު ބުނާއިރަށް، ބްރިޖް އަޅާ ޗައިނާ މީހުންގެ މެސްރޫމްގައި ހުރީ އައްޑޫ އިކްއިޓޯރިއަލް ސެންޓަރގެ ގޮނޑިތަކޭ އަނެކަކު ބުނެއެވެ. ފ.އަތޮޅު ޗައިނާއަށް ވިއްކާލައިފިއޭ އެކަކު ބުނާއިރަށް، މިހާރުދެން މީހުންނަކީ ޗައިނާ މީހުންނޭ އަނެކަކު ބުނެއެވެ.

މިވެރިން ފޯރީގައި ޗައިނާއަށް ޖޯކްޖަހައި އެއްޗެހި ކިޔަމުންދިއަ އިރު އެވާހަކަތައް އަޑުއަހަމުން ދުވަސްވީ މީހަކު އަންނަކަން އެނގުނީ މާފަހުންނެވެ. ލާނެއް ގްރޫޕެއްކަމުން އެބޭބެ އަޑުއަހާކަން އެނގުން އިތުރަށް ފޯރި ގަދަކޮށްލިއެވެ. ކުޑަކުދިން މަރާފައި ސޫޕް ކައްކާވާހަކާއި، ޗާއިނާއާ ގުޅުންހުރި އެތަކެއް އެފަދަ ވާހަކަތައް ކިޔަމުންދިއައެވެ.

އެއްކަލަ ބޭބެ ހަމަ ފަހަތުން އާދެއެވެ. އެންމެފަހުން ޗައިނާ ވާހަކަ ރޯދައާވެސް ގުޅުވާލައިފިއެވެ. ޗައިނާ މުސްލިމުންނަށް މިފަހަރު ރޯދަމަހުވެސް އެޤައުމުގެ ސަރުކާރުން ދުއްތުރާކުރާ ވާހަކަ ކިޔަންފަށައިފިއެވެ. އެއްކަލަ ބޭބެއަށް އަނގައިން ނުބުނެ ނުހުރެވުނެވެ. ޗައިނާ މީހުންނަކީ ވަރަށް ރަނގަޅު ބައެކޭ ބުނެފިއެވެ. އަދި މަޤްރިބް ނަމާދަށް މިސްކިތަށް އައުމުން އެކަން ދައްކާލާނަމޭ ބުންޏެވެ. ޒުވާން ގްރޫޕް އޯކޭއޭ ކިޔާފައި ހިނގައްޖެއެވެ.

މަޤްރިބް ނަމާދުކޮށް ނިމިގެން ޒުވާން ގްރޫޕް މަޑުކޮށްލައިގެން ތިބީ ބޭބެގެ އިންތިޒާރުގައެވެ. ބޭބެ ނަމާދުކޮށް ނިމިގެން ޒުވާން ގްރޫޕަށް އިޝާރާތްކޮށް ބޭބެގެ ކައިރިއަށް އައުމަށް ގޮވާލިއެވެ. “ކޮއްކޮ މެންނޭ، ބޭބެ އިށި އިނދެގެން މިއިން ގޮނޑީގެ ފަހަތުގަ އިން އެއްޗެއް ބުނެދީބަލަ” ބޭބެކައިރިއަށް ދިއުމުން ބުންޏެވެ. “މީގަ މީނީ މޭޑް އިން ޗައިނާ” ޒުވާން ގްރޫޕް ބުންޏެވެ. “ކޮބާ ޗައިނާ މީހުން ކިހާ ރަނގަޅު، ނަމާދުކުރާ ގޮނޑިވެސް މިހިރީ ހަދައިދީފަ، އެހެންވީމަ އެޤައުމުގެ މުސްލިމުންނަށް ކިހާ ރަނގަޅުވާނެ” ބޭބެ ހެވިލާފައި ބުންޏެވެ. ޒުވާން ގްރޫޕް ކައިރިއަށް އައީ ތިބުނާ ވަރުގެ ހިނިގަނޑެއް ނޫނެވެ. އެކަމަކު މިސްކިތްކަމުން ހިނިގަނޑު ފަޅައެއް ނުލައެވެ. “ބޭބޭ ތީ ނަމާދުކުރާކަށް އެމީހުން ހަދައިގެން އުޅޭ އެއްޗެއް ނޫން، އަހަރެންމެންނަށް ނަމާދުކުރަން ރަނގަޅުވީމަ ބޭނުންކުރަނީ” ޒުވާން ގްރޫޕް ބުންޏެވެ. ބޭބެ ކުޑަކޮށް ލަދުގަންނަގޮތް ވިއެވެ. “އާނ ދެން އެންމެ ރަނގަޅު ކަލޭމެން ކުދިން ދިއަޔަސް” ބޭބެ ބުންޏެވެ.

 

avatar

This site uses Akismet to reduce spam. Learn how your comment data is processed.