ފިނިފިނި ވައިރޯޅި އައިސް އިސްތަށިގަނޑު ވިހުރުވާލައެވެ. ގޮނޑުދިށަށް ރާޅި ބީއްސާ އަޑު އިވެމުންދަނީ މެދުކެނޑުމެއް ނެތިއެވެ. ހަވީރު ގޮނޑުދޮށަށް ކުޅެލައި މޫދުއެރެން އައި ކުދިންތައް އިރުއޮއްސުމުން ގެއަށްގޮސް މުޅިގޮނޑުދޮަށުން މީހުން ހުސްވާއިރުވެސް ޝާމްއިނީ ފުން ޚިޔާލެއްގެތެރެއަށް ޣަރަގުވެފައެވެ. އަބަދުވެސް މީހުން އެހިނިތުންވުމަކަށް ތަޢުރީފުކުރާ ހިނިތުންވުމެއް އޭނާގެ މޫނުމައްޗަކުން ނުފެނެއެވެ. ގެއަށް ދާހިތްވެސް ނުވެފައެވެ. ވަގުތު ދައުރުވާހެންވެސް އެނގޭ ހެންނެއް ހިޔެއްނުވެއެވެ. އޭނާގެ މުޅި ދުނިޔެ ހުއްޓިފައިވާ ކަހަލައެވެ. ގެއަށް ދިއުމުން ދޮންބައްޕަ ފަރީދު ކޮށްދާނެ ކަމަކާމެދުގައި ހަމަވިސްނެނީއެވެ. މީގެ ދެއަހަރު ކުރިން ޝާމްގެ މަންމައާއި، ބައްޕަގެ ކައިވެނީގެ ގޮށް މޮހާލަން މެދުވެރިވީވެސް ފަރީދުގެ ސަބަބުންނެވެ. އޭގެ ފަސްމަސް ފަހުން ޝާމްގެ މަންމައާއި، ފަރީދުގެ ކައިވެނި ވީ ޝާމްގެ މުޅިދުނިޔެ އެފުށް މިފުށަށްޖަހާލި އިވެންޓަކަށެވެ.

ޝާމްއަށް އަދި އެންމެ 16 އަހަރު ނަމަވެސް ފަރީދާ އެންމެފުރަތަމަ ބައްދަލުވި ދުވަހު ފަރީދު އޭނާއަށް ބެލިގޮތުން ވިޝާމްހުރި ހިތް ނުތަނަވަސްވެފައެވެ. ފަރީދުގެ ގަނޑުވަރެއްކަހަލަ ގެއަށް ޝާމްއާއި، ޝާމްގެ މަންމަ ބަދަލުވީއްސުރެ ޝާމްއަށް މީހަކު ފާރަލާކަމުގެ އިހްސާސް އަބަދުމެ ކުރެވެއެވެ. މިޝައްކު ޔަގީނަށް ބަދަލުވީ ޝާމްގެ ކޮޓަރިން ފޮރުވާފައި އިން ކެމެރާއެއް ފެނުނު ހިސާބުންނެވެ. މިހާ ހިސާބުން ޝާމް ގޭގައި އުޅޭ ވަގުތު ކުޑަވެއްޖެއެވެ. ގޭގައި އެންމެން ކާވަގުތުގައިވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ގެއިން ނިކުމެވޭތޯ ބަލަނީއެވެ. އެދުވަހު ގެއަށް ދާހިތް ނުވެފައި ގޮނޑުދޮށުގައި އޭނާއަށް އިނދެވުނީވެސް އެހެންވެއެވެ. މާލެފަދަ ކާރުބާރު ބޮޑު، ތޮއްޖެހިފައިވާ ތަނެއްގައި ހަމަހިމޭންކަން ހޯދަން ދެވޭނެ އެންމެ ފަސޭހަހެން ހީވާ ތަނެއްގައި ވަގުތު ހޭދަކުރެވޭލެއް އިތުރުވީވެސް އެހެންވެއެވެ. މަންމަގެ އަޅައިލުން ނެތުމާވެސް އެކުގައެވެ.

ޝާމް ކަހަލަ ޅައުމުރުގެ ކުދީންގެ ބައިގަނޑަކާ ޝާމް ދިމާވިއެވެ. އެކުދީންނާއެކީ ހޭދަކުރެވޭ ވަގުތު ގިނަވިއެވެ. އެކުދީންނާ ދެކެވުނު ވާހަކައިން އެނގޭގޮތުން އެކުދީންނަކީވެސް މަންމައާއި، ބައްޕަގެ އަޅައިލުން އެއްގޮތަކަށްވެސް ނުލިބޭ ކުދީންނެވެ. އެކުދީން ކައިބޮއެ އުޅެނީ އެކިކަހަލަ ކަންކަން ކޮށްގެން ލިބޭ ފައިސާއިންނެވެ. ވައްކަމާއި، ފޭރުމުންނެވެ. އެކުދީންގެ ވާހަކައިން އެއްކަމެއް ޝާމްއަށް ފާހަގަކުރެވުނެވެ. އެކުދީން ވަރަށް އިތުބާރުކުރާ އެއްފަރާތް ވާކަމެވެ. އެކުދީން އޭނާއަށް ކިޔަނީ ދޮންބެއެވެ. އެކުދީން ކައިރިން އަހައި އޮޅުންފުލުވާލުމުން ޝާމްއަށް އެނގުންގޮތުގައި އެދޮންބެއަކީ ވަރަށް ބޮޑު ވިޔަފާރިވެރިއެކެވެ. އޭނާގެ ވިޔަފާރި ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާވެފައިވާއިރު، މިވިޔަފާރި ކުރެވެނީ ވަރަށް ސިއްރިއްޔާތުގައި ކަންވެސް ޝާމްއަށް އެނގުނެވެ. އެކުދީން ދޮންބެ ބުނާ ކަންކަން ކޮށްދިނުމުން ފައިސާ ލިބޭކަންވެސް އެނގިގެންދިއައެވެ. ޝާމްވެސް އެއްދުވަހަކު ފައިސާކޮޅެއް ލިބޭތޯ ދޮންބެގެ ގާތަށް ދިޔައެވެ. ދޮންބެ އަބަދުވެސް މިކުދީންނަށް ދެނީ އެއްމަސައްކަތެކެވެ. ދޮންބެ އެދޭ “ޕާރސަލް” އެއް ދޮންބެ ބުނާ މީހަކަށް ރައްދުކޮށް އެމީހާ އަތުން ފައިސާނެގުމަށްފަހު ދޮންބެއާ ހަމައަށް ގެނެސްދިނުމެވެ. އޭރުން އެފައިސާގެ ތިންބައިކުޅަ އެއްބައި ލިބޭނެއެވެ.

އެ “ޕަރސަލް” ރައްދުކުރަން އަބަދުވެސް ދާންޖެހެނީ އަނދިރި ގަނޑުގަނޑަށެވެ. މީހުން ނޫޅޭ ތަންތަނަށެވެ. އެހެން މީހަކު ފެންނަ ހިސާބުގައި ނަމަވެސް ހުރެއްޖެނަމަ އެ ރައްދުކުރުން މަނަލެވެ. މިހާ ސިއްރިއްޔާތުގައި ކަންކަން ކުރަންޖެހޭތީ ޝާމްގެ ހިތުގައި އެތަށް ސުވާލުތަކެއް އުފެދެއެވެ. އެހެންކަމުން ޝާމް އެއްދުވަހަކު ޕާރސަލްގައިވަނީ ކޯޗެއްތޯ ބަލައިލިއެވެ. ޝާމްއަށް ފެނުނީ ފާޑެއްގެ ފެހުކުލައެއްގެ ކުނޑިއެކެވެ. އޭގެ ވަސްބަލާލުމުން އޭނާއަށް ވީއަރާމުން ބޭއިޚްތިޔާރުގައި އޭނާއަށް އޭގެން އެތިކޮޅެއް ކާލެވުނެވެ. ޝާމްއަށް ހޭވެރިކަންމެއް ދެންވީ އޭގެ އިރުތަކެއް ފަހުންނެވެ. ހޭވެރިކަން ވީއިރު އެހެންޏާ ނުރިއްސާ ގޮތަކަށް ބޮލުގައި ރިއްސައެވެ. ޝާމްއަށް ވީގޮތް ނޭނގިގެން އޭނާ ނިންމީ ދޮންބެ ގާތަށްގޮސް ސުވާލުކުރުމަށެވެ.

ދޮންބެ ގާތުކުރި ސުވާލުގެ ޖަވާބުގައި ޝާމްއަށް ލިބުނީ ދޮންބެގެ ހިނިތުންވުމެކެވެ. ނުލަފާ ޒާތެއްގެ ހިންޏެކެވެ. ދޮންބެ ޝާމްއާ ސަލާމް ކޮށްލުމަށްފަހު “ވެލްކަމް ޓު އަވަރ ޑްރަގް ފެމެލީ” އޭ ބުނުމުން ވީނުވީ ޝާމްއަށް ހަމަ ރަނގަޅަށްވެސް އެނގިއްޖެއެވެ. އޭނާއަށް ނޭނގިނަމަވެސް އެ ބޭނުންކުރެވުނީ ޑްރަގެވެ. ޝާމް ކުރިން ޑްރަގް ބޭނުންކުރަން ބޭނުން ނުވިކަމުގައިވިއަސް އޭގެން އެލިބުނު އަރާމުން އޭނާ އެ ބޭނުންކުރަން ފެށިއެވެ. ޝާމް މަސްތުގެ ހާލުގައި ނުހުންނަ ވަގުތެއް ނުފެނެއެވެ. ދަންވަރު އެއްކޮށް ޑްރަގް ބޭނުންކުރުމަށްފަހު ދުވާލު އޭނާ އޮންނަނީ ހޭވެރިކަމެއް ނެތިފައެވެ.

ދުވަސްކޮޅެއް ފަހައެވެ. ޕޮލިހުންނަށް ޝާމް ފެނިގެން ޝާމްއަށް ފާރަލާން ފެށިއެވެ. ޕޮލިހުންނަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި ޕޮލިހުން ހޯދަމުން އެދަނީ އެދޮންބެއެވެ. ޝާމްއަށް ފާރަލުމުން ޕޮލިހުންނަށް ދޮންބެއާ ހަމައަށް ދެވޭގޮތް ވެއްޖެއެވެ. ދޮންބެއާއެކު ދޮންބެގެ ދަށުގައި މަސައްކަތްކުރަން ތިބި 50 އެއްހާ މީހުން އަތުލައިގަތްއިރު އޭގެތެރޭގައި ޝާމްވެސް ހިމެނުނެވެ. ޕޮލިހުން އެމީހުން ބަލައި ފާސްކުރިއިރު އެ އެންމެންވެސް މަސްތުވާ ތަކެއްވަށް “ޕޮޒިޓިވް” އެވެ. ދެބައިކޮށްފައި އެއްބަޔަކީ 15 އަހަރާއި، 18 އަހަރާ ދެމެދުގެ ކުޑަ ކުދީންނެވެ.

18 އަހަރު ނުފުރޭ ހުރިހާ ކުދިންނާބެހޭ މަޢުލޫމާތު ހޯދިއިރު ޕޮލިހުންނަށް ފާހަގަކުރެވުނީ ހުރިހާ ކުދިންގެވެސް އެއްކަމެއް އެއްގޮތްކަމެވެ. އެކުދީންނަށް އަޅާލާނެ މީހަކު ނެތްކަމެވެ. ގޭތެރޭގެ މާހައުލު ރަނގަޅު ނޫންކަމެވެ. މީގެން މިދޭހަވަނީ ކޮން އެއްޗެއްހެއްޔެވެ؟ މުޖުތަމައު ހަލާކުވެގެންދަނީ މިކަހަލަ ކަންކަމުންނެވެ. މިކަހަލަ ކިތައް ޝާމްގެ ދިރިއުޅުން ހަލާކުވެގެން ގޮއްސި ބާއެވެ؟ ފުރާވަރު އުމުރުގެ ކުއްޖަކު އާންމުކޮށް ކުރާނެކަހަލަ އެއްވެސް ކަމެއް މިކުދީނަށް ކުރެވިފައެއް ނެތެވެ. ގެއްލުނީ ފުރާވަރެވެ. ބާކީ އުމުރުގައި ތަން އޮތްނަމަ އޮންނަން ޖެހޭނީ ހޮސްޕިޓަލެއްގެ އެނދެއްގައެވެ. ނުވަތަ ދަގަނޑު ތޭރިތަކެއް ޖަހާފައިވާ ޖަލުގޮޅިއެއްގައެވެ. ނުވަތަ އަނެއްކާވެސް މަގުމައްޗަށް ގިނަވާނީއެވެ. ބަނަވީ މުޅިހަޔާތެވެ. ހަލާކުވަނީ މުޖުތަމައެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީލައިވް އިން ކުޅުދުއްފުށީ ސްކޫލްތަކުގެ ސެކަންޑްރީ ގްރޭޑްތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަފީފުއްދީން ސްކޫލްގެ ގްރޭޑް 10 އޭގެ ދަރިވަރު އައިޝަތު އަޠީފާ ޢަލީ ލިޔެފައިވާ ވާހަކައެކެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.