“ވަކިވީ އަސަރާ މަންޒަރު… ހިތަކުން ނުފިލާނޭ…ވޭނާ ރިހުން އެކުގާ… މިހިތާމާ އާލާވާނޭ” މިއަސަރު ގަދަ ލަވައިގެ ކަޑި އިވުމާއެކު ފަހާފޮށި ކައިރީގައި އިން ނިހާގެ ހިތުތެރޭގައި ބަޔާންކޮށްދޭން ދަތި އިހްސާސްތަކެއް ކެކެން ފެށިއެވެ. ލޮލުތެރޭގައި ކަރުނަ ހެދި، ލަވައިގެތެރެއަށް ގެއްލިފައި އިނދެވުނެވެ. ނިހާގެ ހިތުތެރޭގައި މާޒީގެ ޞަފްހާތައް އުކެން ފެށިއެވެ. އެއީ މީގެ ތިންއަހަރު ކުރީގެ ހަނދާންތަކެކެވެ.

ނިހާގެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއަކަށް ނުވިނަމަވެސް އެމީހުން އުޅެމުންއައީ ވަރަށްވެސް އުފަލުގައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް އެއުފާވެރި އާއިލާގެ ދިރިއުޅުމަށް ބަނަ ވިލާގަނޑެއް ބޯމަތިވިއެވެ.

އެއީ 12 މާރޗް 2013 ވީ އަންގާރަ ދުވަހުގެރެއެވެ. ނިހާގެ ބަނޑުގައި ރިހުމުގެ ބާރު ބޮޑުވަމުންދިޔައިރު ކައިރީގައިން ހުންނަން އެންމެ ބޭނުންވާ ނިހާގެ ފިރިމީހާއެއް ނެތެވެ. ހިތްވަރުގެ ބަސްތައް ލިބެމުންދިޔައީ ލޯބިވާ އާއިލާއާއި، މަންމަގެ ފަރާތުންނެވެ. ބޮލުގައި ފިރުމައި، ބަމޑުގައި އަތް ހާކާލަދޭންވެސް ހުރީ މަންމައެވެ. ނިހާގެ ބަނޑުގައި އަޅާވޭނަށްވުރެ ހިތުގައި އަޅާވޭން މާބޮޑެވެ. ލޮލުން ހުއްޓުމެއްނެތު ކަރުނަ އޮހެއެވެ. ވާނީވެސް އެހެންތާއެވެ. ލޯބިވާ ފިރިމީހާ އާހިލް ފަރުވާ ހޯދަމުން އެދަނީ ފަރުވާއެއް ނެތް ބައްޔަކަށެވެ. ޑޮކްޓަރުންވެސް ވަނީ އުންމީދު ކަނޑާލާފައެވެ. ލިބެން އުޅެނީ ހިތާމައެއްކަމެއް ނުވަތަ އުފަލެއްކަމެއް ހުދު ނިހާއަކަށްވެސް ނޭނގޭކަހަލައެވެ.

ނިހާއާއި، އާހިލް ކައިވެނިކުރީ އެކުގައި ގިނަ އަހަރުތަކެއް ވޭތުކުރުމަށް ފަހުގައެވެ. ކައިވެންޏަށްފަހު ލޯބިލޯބި ކުއްޖެއް ހޯދުމަށެވެ. ކައިވެނިކުރީ މަންމައާއި، ބައްޕަ އަދި އާއިލާގެ އެންމެންގެވެސް ރުހުމުގައެވެ.

ގަޑިން ބަރާބަރު 22:00 ވިތަނާ ނިހާ ވިއްސާ ކޮޓަރިއަށް ވެއްދިއެވެ. ބައިގަޑިއިރެއް ހާއިރު ފަހުން ލޯބިލޯބި ފިރިހެން ކުއްޖެއް ދުނިޔެއަށް އުފަންވިއެވެ. ލޯހުޅުވުމާއެކު ކައިރީގައި ހުރި ނަރުސްކުއްޖާ ގާތު ނިހާއަށް އަހާލެވުނީ ފިރިމީހާ ހާލު ކިހިނެތްތޯއެވެ. “އިހަށް އަދި މަޑުކޮށްލާ” ޖަވާބެއްގެ ގޮތުން ނަރުސް ކުއްޖާ ބުންޏެވެ. ނިހާގެ އާދޭހަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ނަރުސްކުއްޖާވެސް ހުރީ ހަދާނެގޮތް ހުސްވެފައެވެ. ވިއްސާ ކޮޓަރިތެރޭގައި ހުރި ފުރޮޅުލީ ގޮނޑި ނިހާ އޮތް އެނދާ ކައިރިކޮށްލާފައި އެގޮނޑިއަށް ނިހާ އެރުމަށް ނަރުސްކުއްޖާ އެހީތެރިވެދިނެވެ. ނަރުސްކުއްޖާގެ މިސްރާބުހުރީ ވިއްސާ ކޮޓަރިން ބޭރަށެވެ. ވިއްސާ ކޮޓަރި ދޮރު ހުޅުވާލުމުން ނިހާއަށް ބޭއިހްތިޔާރުގައި އިންނާ ލިއްﷲ ވައިންނާ އިލައި ރާޖިއޫންއޭ ބުނެލެވުނެވެ. ފައިދަށުން ބިންގަނޑު ދަމައިގަތްހެން ނިހާއަށް ހީވިއެވެ. މުޅި ހަށިގަނޑު ގަނޑުފެންގަނޑެއްހައި ފިންޏެވެ. ފެންނަމުންދިއަ މަންޒަރު ޤަބޫލުކުރަން ކިތަންމެހާވެސް ދައްޗެވެ. ހުދު ފޮތިން ނިހާގެ ފިރިމީހާގެ މޫނު ނިވާކުރެވެމުން ދިޔައެވެ. “އާހިލް….” އޭ ކިޔާ އަޑުގެ ނެތްތަނަށް ނިހާ ހަޅޭއްލަވައިގަތެވެ. އަތަށް ގުޅާފައިހުރި ހޮޅިއަކަށް ހޮޅިއެއްކިޔާ އާހިލްގެ ގާތަށް ނިހާ ދުއްވައިގަތީ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެމުންނެވެ. އެނބުރި އަދި އަންނާށޭ ކިޔައި ނިހާ ރޮއި ހޭރެމުންދިޔައެވެ. ލޯބިވާ ދައްތަމެންނާއި، ބޭބެމެން ނިހާއަށް ވިސްނައިދެމުން ދިޔައެވެ. ވަރަށްވެސް މަސައްކަތުން ނިހާގެނެސް ނިހާގެ އެނދުމަތީގައި ބޭއްވުނެވެ. ދަރިއެއް އުފަންވިކަމުގެ އިހްސާސްކުރެވުނީ ދެެނެވެ. ލޯބިލޯބި ފިރިހެން ކުއްޖެއްގެނެސް ނިހާގެ އަތަށް ލައިދިނެވެ. މަޑުމަޑު ހިނިތުންވުމަކާއެކު އެދަރިފުޅަށް ނިހާ ބަލައިލިއެވެ. އާނއެކެވެ. އަނެއްކާވެސް ނިހާއަށް ސިފަވީ އާހިލްގެ މޫނެވެ. އެ ދެލޮލެވެ. އެ ނޭފަތެވެ. ދަރިފުޅަ ދިމާލަށް ބަލަހައްޓައިގެން ނިހާއަށް އިނދެވުން އިރެއްވެސް ނޭނގެއެވެ. އަދި ދަރިފުޅުގެ ގައިގައި ބައްދާލާފައި ދުވަހަކުވެސް ތިއީ ބައްޕަގެ ލޯބިން މަހުރޫމްވެފައިވާ ކުއްޖަކަށް ވިޔަކަ ނުދޭނަމޭ ބުންޏެވެ.

ދުވަސްތައް އޭގެ އެންމެ ބާރުމިނުގައި ފާއިތުވަމުންދެއެވެ. ނިހާ ދުވަހަކުވެސް އެދަރިފުޅަށް ބައްޕަގެ ލޯބިން މަހުރޫމް ވެފައިވާކަމުގެ އިހްސާސް ވިޔަކަ ނުދެއެވެ. އެދަރިފުޅު ދެކެ އިންތިހާއަށް ލޯބިވެއެވެ. ކެތްތެރިކަމާއެކު އެއްވެސް ވަރުބަލިކަމެއްނެތި ދަރިފުޅު ބަލައި ބޮޑުކުރެއެވެ. ދަރިފުޅު އެދޭ ކަންތައްތައް ކޮށްދެނީ އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކުގައެވެ.

ލަވައިގެތެރެއަށް ގެއްލިފައި އިން ނިހާއަށް ސިހުމެއް ލިބުނީ ލޯބިވާ ދަރިފުޅު މަންމާއޭކިޔާ ގޮވާލުމުންނެވެ. ނިދާފައި އޮތް ދަރިފުޅު ނިހާން ހޭލީއެވެ. ކަރުނަތައް ފުހެލަމުން ފަހާފޮށި އެއްކައިރިކޮށްލާފައި ނިހާ ދިޔައީ ދަރިފުޅު އުރާލާށެވެ.

މާތް ﷲ މި ލޯބިލޯބި އާއިލާއަށް ކެތްތެރިކަން ދެއްވާށި! އަދި އާހިލްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި! އާމީން!

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީލައިވް އިން ކުޅުދުއްފުށީ ސްކޫލްތަކުގެ ސެކަންޑްރީ ގްރޭޑްތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 9 ބީގެ ދަރިވަރު ސާއިލާ އަބްދުއްރަޙްމާން ލިޔެފައިވާ ވާހަކައެކެވެ.

4mix

avatar

This site uses Akismet to reduce spam. Learn how your comment data is processed.