އަރައިގެން އައި އިރާއެކު ހޮސްޕޮޓަލްގެ ހަލަބޮލިކަން އިތުރުވަމުން ދިޔައެވެ. ހާޝިއު ބަލިމީހުން ބަލާ ކޮޓަރީގައި އިނީ އޭނާގެ ވާޖިބު އަދާކުރާށެވެ. ހާޝިއުއަކީ އެ ހޮސްޕިޓަލްގައި ވަޒީފާ އަދާކުރާ އެންމެ މޮޅު ޑޮކްޓަރެވެ. އޭނާއަކީ ކަށީގެ ޑޮކްޓަރެއްގެގޮތުގައި ހުރި އެހާމެ ކުޅަދާނަ ޒުވާނެކެވެ. އިސްކޮޅާއި ރޫފަ ހެޔޮވަރު، ކުލައަލި ޒުވާނެކެވެ.

މަޑުމަޑުން ވަގުތުތަށް ފާއިތުވަމުންގޮސް “ލަންޗް ބްރޭކް” ގަޑި ޖެހިއްޖެއެވެ. ހާޝިއު އަވަސްވެގަތީ ލިބައިވާ ހައިހޫނުކަމާއި، ވަރުބަލިކަން ފިލުވައިލުމަށެވެ. އަވަސްއަވަހަށް ހޮސްޕިޓަލުން ނުކުމެގެން އައިސް ހޮސްޕިޓަލާ ނުހަނު ކައިރީގައި ހުރި ކެފޭއަކަށްވަނެވެ. ގެއަށްދާހާ ވަގުތުވެސް ނެތީމައާއެކުގައެވެ. ކެފޭގައި މީހުން ކޮޅުކޮޅަށް ހަރަކާތްތެރި ވަމުންދިޔައެވެ. ހާޝިއު އޭނާގެ އޯޑަރު ޖެހުމަށްފަހު، މޭޒެއްކައިރީ އިށިއިނުމަށްފަހު މަހައުލަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެއްފައި ނެތް ކުއްޖެކެވެ. އެކުއްޖާގެ އެއްފައި ނެތުމުންވަނީ އަސާބުރިއެއްގެ އެހީހޯދާފައެވެ. މިތަން ފެނުމާއެކު ހާޝިއުގެ ޚިޔާލުގެ ސަމުގާ ބަދަލުވާން ފެށިއެވެ.

ގަސްތަކުގެ ފަތްތަކުގެ ތެރެއިން އިރުގެ ރަން ދޯދިތައް ފޭދިގެން އައެވެ. ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. ރަށުގެ ރައްޔިތުން ހެލިފެލިވެ އުޅެމުންދިޔައެވެ. މިއަދަކީ ޚާއްޞަ ދުވަހެއްކަން އެމީހުންގެ މޫނުމަތިން ދޭހަވާން ހުއްޓެވެ. ރަށުގެ ކުދިބޮޑު ހުރިހާ އުމުރުފުރައެއްގެ މީހުންގެ މޫނުމަތިންވެސް އުފާވެރިކަމާއި، އުޖާލާކަން ފެންނަން ހުއްޓެވެ. ޅަފުރައިގެ ކުދިންތައް އާހެދުންތައް ލައިގެން ކުޅިވަރު ކުޅުމުގައި އުޅެއެވެ. ގޭގޭ ދޮށުން ހިނގާލާފައި ދާއިރު ކުކުޅު ރިހައާއި، މަސްބޮނޑީގެ މީރުވަސް ދުވަމުންދިޔައެވެ. އެރަށުން ބޮޑު ޢީދުގެ ކުލަވަރުތައް ފެންނަން ހުރީ މިފަދަ ގޮތެއްގައެވެ.

ނަމަވެސް މި އުޖާލާ މޫނުތަކުގެ ތެރެއިން އެއް މޫނެއް ވަނީ މިލައި، މޯޅިވެފައެވެ. ލައިގެން ހުރީ ބައު ގަމީހަކާއި، ފަޓުލޫނެކެވެ. އޭނާވަނީ އެއްފައިން މަހުރޫމްވެފައެވެ. އަދި ހިނގާބިނގާވެ އުޅުމަށް ދަނޑި ބުރިއެއްގެ އެހީހޯދަން މަޖުބޫރުވެފައެެވެ. ފެންނަ ފެނުމަށް 14، 15 ވަރަކަށް އަހަރުގެ ކުލައަލި ރީތި ކުއްޖެކެވެ. ނަމަވެސް އޭނާގެ ފެންކަޅި ވެފައިވާ ދެލޯ އޭނާވަނީ ވަރަށް ބޮޑު ހިތާމައެއް އުފުލަން ޖެހިފައިވާކަން ބުނެދެމުން ދިޔައެވެ.

އެކުއްޖާ މަޑުމަޑުން ދެލޯ ފުހެލުމަށްފަހު ހިނގައިގަނެއްޖެއެވެ. މަޑުމަޑުން ހިނގާފައި ދަނިކޮށް މަގުމަތީގައި ފުޓބޯޅަ ކުޅެން ތިބި އޭނާއާ އެއްފުރައިގެ ދެތިން ކުއްޖަކު އޭނާ ފެނުމުން އެކަކު އަނެކަކަށް އޭނާ ދައްކައި ސިއްރު ވާހަކަތަކެއް ދައްކަން ފަށައިފިއެވެ. އެކުއްޖާ އޭގެ އެއްވެސްކަމަކަށް ސާމާލުކަން ނުދިނީ އެދައްކަނީ އޭނާއާބެހޭ ވާހަކައެއްކަން އެނގޭތީއެވެ. ނަމަވެސް ދެފިޔަވަޅު އެޅިތަނާހެން އެކުއްޖާއާ މުހާތަބުކޮށް ދޮން ސޮރޭ ގޮވާލައިފިއެވެ. ދޮން ސޮރަކީ އެކުއްޖާ ދޮންކަމުން އެރަށު މީހުން ކިޔާ ނަމެކެވެ. ދޮން ސޮރު ހުއްޓި ފަހަތް ބަލާލަން އުޅެނިކޮށް އެކުދިން ކުޅެން ގެންގުޅުނު ބޯޅައިން ދޮން ސޮރު ގައިގައި ޖަހައިފިއެވެ. ނުވިސްނައިހުރި ދޮން ސޮރު ހަމަ އެބާރުމިނުގައި ބިންމައްޗަށް ވެއްޓިއްޖެއެވެ. އެކުދިންތައް ޕަކަޕަކައަޅާފައި ހޭންފަށައިފިއެވެ. ދޮން ސޮރަށް ލަނޑެއް ދެވުނީތީ ފަހުރުވެރިވަމުންނެވެ. މިއީ ދޮން ސޮރަށް އާކަމެއް ނޫނެވެ. މިރަށުގައި އޭނާއަށް މިކަހަލަ އެތައް އުނދަގުލަކާއި، މަލާމާތެއް ލިބެމުންދިޔައެވެ. ނަމަވެސް ބޮޑުބޭބެ ފިޔަވައި އިތުރު ޔާރެއް އިޔާރެއް ދޮން ސޮރަށް ދާނެ ވަކިތަނެއް ނެތުމުން މިނޫންގޮތެއް ހަމަނެތީއެވެ. އެކުދިންތައް ދޮން ސޮރަށް މަލާމާތްކުރަމުން ހީހަދަމުން އެތަނުން ހިނގައްޖެއެވެ. ދޮން ސޮރަށް މިއަދުވެސް އެހީއެއް ލިބުނީ ވަރަށް ގިނައިރު އެތާ އޮތްފަހުންނެވެ.

ދޮން ސޮރަކީ ނުކުޅެދޭ ކުއްޖެއްނަމަވެސް ވަރަށް ކިޔާވާހިތްވާ ކުއްޖެކެވެ. ދޮން ސޮރަކީ މިހާރުވެސް އެރަށު ސްކޫލްގެ ގްރޭޑް 7 ގައި ތަޢުލީމ ޙާޞިލްކުރަމުންދާ އެންމެ މޮޅު ކުއްޖާއެވެ. އަދި މިއަދަކީ ވަރަށް ރަނގަޅު ނަތީޖާއަކާއެކީ ދޮން ސޮރު ގްރޭޑް 7 ނިންމާލި ދުވަހެވެ. އަދި މިއަދު އޭނާއަށްވަނީ އޭނާއަށް މުޅި ހަޔާތުގައިވެސް ނުލިބޭފަދަ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ސަބަކަށްވެފައިވަނީ އޭނާ ބަލަހައްޓާ އޭނާ ނުހަނު ލޯބިވާ ބޮޑުބޭބެ އޭނާ އިތުރަށް ކިޔަވައި، މޮޅު މީހަކަށްވުމަށް މާލެ ފޮނުވާތީއެވެ.

ދޮން ސޮރު މާލެ އައިސްފިއެވެ. އަދި މާލޭގައި ދިމާވާނެ ގޮންޖެހުންތައް މާބޮޑުވާނެކަން ދެނެހުރެގެން ދޮންސޮރު އޭނާގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމުގެ މަސައްކަތް ފެށިއެވެ. ބޮޑުބޭބެ އޭނާ ހަވާލުކުރީ މާލޭގެ މުއްސަނދި މީހަކާއެވެ. އެމީހާގެ ގޭގައި މަސައްކަތް ކުރުމަށެވެ. ދޮންސޮރު އޭނާގެ އެއްފަޔާ ނުލައިވެސް ކުރި މިންނެތް މަސައްކަތުން އެގޭގެ މީހުންގެ ލޯތްބާއި، އިހްތިރާމް ލިބުނެވެ. އަދި ދުވަސްތައް ފާއިތުވަމުން ގޮސް ދޮންސޮރުގެ އައިބުކަންވެސް އެމީހުން ފިލުވައިދިނެވެ. އާދެ ދޮންސޮރަށް ފައެއް ލިބުނެވެ. އަދި ދޮންސޮރު އެހެން ކުދިންނެކޭ އެއްފަދައިން އަސާބުރިއަކާ ނުލައި ހިނގައި، ދުވެހެދިއެވެ. އެހެޔޮކަން ދޮންސޮރު އެމީހުންނަށް އަނބުރާ ދިނީ އެހާމެ ރަނގަޅަށެވެ. ދުވަހަކުވެސް ޝަކުވާ ކުރާނެ ޖާގައެއް ނުދީއެވެ.

ދޮންސޮރު ކިޔެވުމުގެ ހަޔާތް ނިންމާލީ އެފަދަ ދެވަނައެއްވެސް ނެތްހައި ކާމިޔާބުކޮށެވެ. އަދި އެމަސައްކަތުގެ ނަތީޖާއިން ދޮންސޮރުގެ ޑޮކްޓަރަކަށް ވުމުގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުޞަތުވެސް ލިބުނެވެ.

މި އުފާވެރި ޚަބަރައިގެން ދޮންސޮރު ބޭރަށް ދިއުމުގެކުރިން ޗުއްޓީގައި އޭނާގެ އަމިއްލަ ވަޒަނަށް އެނބުރިދިޔައެވެ. އޭނާގެ ލޯބިވާ ބޮޑުބޭބެއާ ބައްދަލުކޮށްލާށެވެ. މިދަތުރު ވީ ދޮންސޮރަށް ނުހަނު ދިގު ދަތުރަކަށެވެ. ބޮޑުބޭބެއާ ބައްދަލުކޮށްލަން ކެތްމަދުވެފައިވާލެއް ބޮޑުކަމުންނެވެ. އަދި އޭނާ ރަށަށް ދާކަންވެސް ސިއްރުކުރީ ބޮޑުބޭބެއަށް “ސަޕްރައިޒް” އެއް ދިނުމުގެ ނިޔަތުގައެވެ.

ދޮންސޮރަށް ރަަށަށް ދެވުމާއެކު އަވަހަށް ގެއަށްދިއުމަށް މިސްރާބު ޖެހިއެވެ. ނަމަވެސް އެގެއިން ދޮންސޮރާ ބައްދަލުކުރީ ބޮޑުބޭބެއެއް ނޫނެވެ. ކުއްލި ހައިރާންކަމާއެކު އައި ބޮޑު ހިތާމައެކެވެ. އޭނާ ގެއަށް ދިޔައިރު ގެވަނީ ވިރާނާވެގެން ގޮސް ނިމިފައެވެ. ބޮޑުބޭބެއެއް ނެތެވެ. ލިބުނު ހައިރާންކަމާއެކު އޭނާގެ ގެ ކައިރި ފާތުމަ ދައިތަގެ ގާތުގައި މިސުވާލުކުރިއެވެ. ފާތުމަ ދައިތައަށް އޭނާ އެނގި އުފަލުން ސަލާމްކޮށްލުމަށްފަހު އޭނާ ގޮވައިގެން ހިނގައި ގަނެއްޖެއެވެ. އޭނާ މިދާ ތަނަކާމެދު ސުވާލު ކުރުމުންވެސް އެއްވެސް ޖަވާބެއް ނުދީ ހިނގަމުންދިޔައެވެ. ދެން އޭނާއަށް ފެނުނީ ގަބުރަސްތާނަށް ވަދެވުނުތަނެވެ. އަދި ފާތުމަ ދައިތަ އިޝާރާތްކޮށްލީ އޭނާގެ ބޮޑުބޭބެގެ މަހާނައާދިމާއަށެވެ. ބިންގަނޑު ދޮންސޮރުގެ ފައިދަށުން ދެމިގެން ދިޔަހެން ހީވިއެެވެ. ނަމަވެސް ފާތުމަ ދައިތަގެ އެތަކެއް ނަސޭހަތަކުން އެނާ ހަމަޔަކަށްއެޅި، އޭނާގެ މަންޒިލަށް އެނބުރި ދިޔައެވެ.

ހާޝިއު ސިއްސައިގެންގޮސް އޭނާގެ ޚިޔާލީ ދުނިޔެއިން ނުކުތީ އެއްކަލަ ކެފޭއިން ފެނުނު އެއްފައިނެތް ކުއްޖާ ގޮވާލުމުންނެވެ. އެކުއްޖާ ތަޢާރަފް ވެލުމަށްފަހު ތިއީ ކަށީގެ ޑޮކްޓަރ ހާޝިއުދޯއޭ އަހާލިއެވެ. ހާޝިއު އިށިއިނުމަށް އެދުމުން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ދެން އެކުއްޖާ ހިނިތުންވަމުން ހާޝިއު ގާތުގައި އަހާލީ އޭނާގެ ފައި ރަނގަޅު ކުރެވިދާނެތޯއެވެ. ހާޝިއުއަށް ސިފަވީ އޭނާގެ ކުޑައިރުގެ ހަނދާންތަކެވެ. އޭނާ ދޮންސޮރުން ޑޮކްޓަރ ހާޝިއުއަށް ބަދަލުވީގޮތެވެ. އެއް އިރެތްގައި ފައިނެތް ހާޝިއު މިއަދު މިވަނީ ފައިހަޖައި ދިނުމުގެ ޤާބިލްކަން ލިބިފައިވާ މީހަކަށްވެފައެވެ.

ހާޝިއު އެކުއްޖާއަށް ފައެއް ހަޖައިދިނެވެ. އެހެން ކުޑަސޮރެއްގެ ހަޔާތް އުޖާލާކޮށްދިނެވެ. އަދި މިއޮޕަރޭޝަން އޭނާކުރީ ޞަދަގާތެއްގެ ގޮތުގައެވެ. އޭނާގެ ހަޔާތުގައި ދިމާވި ހިތި ތަޖުރިބާތަކުން އޭނާ ފިލާވަޅު ޙާޞިލްކުރިއެވެ. އަދި އެހިތި ތަޖުރިބާތައްވީ  އޭނާގެ ކާމިޔާބީގެ އަސްލުކަމުގައެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީލައިވް އިން ކުޅުދުއްފުށީ ސްކޫލްތަކުގެ ސެކަންޑްރީ ގްރޭޑްތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަފީފުއްދީން ސްކޫލްގެ ގްރޭޑް 10 އޭގެ ދަރިވަރު ސަރާ އަބްދުއްރަޙްމާން ލިޔެފައިވާ ވާހަކައެކެވެ.

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Sana Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

Sana
Sana

ވާހަކަ ވަރަށް ފުރިހަމަ… ސިފަ ކުރުންވެސް ވަރަށް ރީތި