މީހުންތައް އޮތީ ސޭޓު އާދަންފުޅުގެ ގޭދޮށަށް އެއްވެފައެވެ. ރަޔަޓް ގިޔަރުގައި ތިބިފުލުހުންތައް ކޯޓު އަމުރެއްގެ ދަށުން ވާރުގެއަށް ވަންނަން އައިސް ތިބި އިރު ސޭޓު އާދަންފުޅާއި އޭނާއަށް ވަފާތެރި އޭނާގެ މުއްވައްޒަފުން ތިބީ އެތެރޭގައި ފުލުހުން ވަނަ ނުދޭން ކުރިބައްދައި ގޯތި ތެރެއަށް ވަންނަން ހުރި ދަނގަޑު ބޮޑު ގޭޓުގައި ތަޅުއަޅުވައިގެންނެވެ. ކުޅުދުއްފުށީގެ އެތައް ހާސް ރައްޔިތުން އެމަންޒަރު ބަލަން އެއްވެފައި އޮތް އިރު މީހުން ހޯބޯ ލަވާ އަޑުފަށްގަނޑުތެރެއިން އެކަކު އަނެކަކު ކިޔާއެއްޗެއް ސާފެއް ނުވެއެވެ.  އެއްބަޔަކު ސިއްރު ކޮންމެވެސް ބިންގަރާހެކޭ ކިޔާއަޑުވެސް އިވެއެވެ.

ސޭޓް އާދަންފުޅަކީ އުމުރުން ހަތްދިހަ އާއި ގާތްވެފައި ހުރި ދުވަސްވީ މީހެކެވެ. އޭނާގެ ނާލު ބައްތެއްޔަކާއި ވިޔަފާރިއެއް އޮވެއެވެ. ތަނަވަސް މީހެކެވެ. އޭނާގެ ގޯއްޗަކީ ކުޅުދުއްފުށީގެ ނިސްބަތުން މާ ގޯއްޗެކެވެ. އެގޯތީގައި އަޅާފައި ވަނީވެސް ހަވޭއްޔެއް ކަހަލަށް ބޮޑުގެއެކެވެ. އެގޭގެ ގޯތިތެރެވެސް ހީވާނީ ގަސްބޯ ޖަންގައްޔެއް ހެނެވެ. ބަނބުކޭލާއި ސައްކޭލާއި އަނބާއިމ ދަނބުފަދަ ބިޔަކޮށް ހެދޭ ބޮޑެތިގަސްތަކުން މުޅި ގޯތިތެރެ އޮންނާނީ ހިޔާވެފައެވެ. އޭގެ އިތުރުން ރުކާއި ފަތްކޭލާއި ދަނޑިއަލުވިވެސް އެގޯތިތެރޭގައި އެވަރަށް ހައްދާފައި އޮވެއެވެ. އެގޭގައި އުޅޭމީހުންނަށް ބޭރުން އެއްޗެއް ގެއަށް ނުވައްދައި ދަތިނުވެ ކައިބޮއެ އުޅެވޭހާ އެގޯތި ތަނަވަހެވެ. އޭގެ އިތުރުން އެގޯތީގެ ވަށައިފާރު ބާރަފޫޓަށް އުސްކޮށް ދޮރާށީގެ ދެފަރާތުގައި ހަދާފައިވާ ސެކިއުރިޓީ ގޮޅީގައި އަބަދުވެސް ސޭޓު އާދަންފުޅުގެ ކޮންމެވެސް މުވައްޒަފަކު ޑިއުޓީކޮށް ސެކިއުރިޓީ ބަލަހައްޓާތާ އެތައް އަހަރެއް ވެއްޖެއެވެ.

ސޭޓު އާދަންފުޅަކީ، މުއްސަނދި ތަނަވަސް މީހެކެވެ. ދީލަތިވެސް މީހެކެވެ. އޭނާގެ ގެއިން އޭނާގެ ރައްޓެހިންނަށް އޭނާގެ ޒުވާން އުމުރުގައި ކާންދީންވެސް ހެދިއެވެ. އެކަމަކު އޭނާއަށް ދެއަންހެންކުދީން ލިބި އެކުދީން މަރުވި ފަހުން، ސޭޓު އާދަނު އޭނާގެ ގެއަށް މީހަކު ނުވައްދައެވެ. މީހުން ދޫދޫ މަތިން ކިޔައި އުޅެނީ އޭނާގެ ދަރީންނަށް އެސްފީނާ ޖެހިގެން މަރުވީމާ، އާދަނު އެގެއަށް ރައްޓެހި ރަހުމަތްތެރީންނާއި ތިމާގެ މީހުންވެސް ވަނުން މަނާކުރީ ކަމަށެވެ. އޭރު އާދަނަކީ ވިޔަފާރިވެރިއެއްގެ އިތުރުން ރަށުގެ މުދިމުވެސް މެއެވެ. ޖަމާޢަތްތެރިޔާވެސް މެއެވެ. އާދަނުގެ ދެދަރީން މަރުވި އިރު ކޮންމެ ދަރިއެއްގެވެސް ކަށުކަމާއި ކެމީގެ ކަންކަން ކުރީ އާދަނެވެ. އެކުދިން މަރުވީވެސް ވިހޭ ގޭތެރޭގައެވެ. ވަޅުލީވެސް ތިމާގެ މީހަކަށް މޫނުވެސް ދައްކާ ނުލައި މާމިސްކިތުގެ ކައިރީގައެވެ.

އެތައް ޒަމާނެއް ފަހުން، ސޭޓު އާދަންފުޅާއި މެދު ބޮޑެތި ތުހުމަތު ތަކެއް ކުރެވުނީއެވެ. މާމިސްކިތް އަލުން ބިނާކުރުމަށް ބޮޑުކުރުމަށް ޤަބުރު ކަށި ނެގުމުގެ މަސައްކަތް ކުރި އިރު ގާތްގާތުގައި ވަޅުލި އާދަނުގެ ދެދަރީންގެ މަހާނައިން އެންމެ ކަށިފުކެއްވެސް ނުފެނުނީމައެވެ. އެވާހަކަ ނުހިނދިގެން އުޅެނިކޮށް އަދި ހަމަ އެދުވަސްކޮޅު އާދަނުގެ ވިޔަފާރީގައި އެހީތެރިވާން އުޅުނު ރަށުގެ ޒުވާން ދެފިރިހެނަކުވެސް ވީނުވީއެއް ނޭނގި ގެއްލުނީމައެވެ. އެކަންކަމުގެ ފަހަތުގައި ސިއްރުތަކެއް ވާކަން އެނގި ރައްޔިތުން އެވާހަކަ ދައްކަންފެށީ މައެވެ.

ސޭޓު އާދަންފުޅުގެ ކިބައިގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރިކަން ރަށުމީހުން ކިޔައި އުޅެއެވެ. އޭނާ ކޮންމެވެސް ކަމެއް ސިއްރުކޮށް ފޮރުވައިގެން އުޅޭ ކަމެވެ. އެގެއަށް ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭތީއެވެ. އަދި ވަދެވޭ މީހުންނަށްވެސް އެގޭގެ ބައެއް ހިސާބުތަކާއި ހަމައަށް ދިޔުން މަނާކޮށްފައި އޮންނާތީއެވެ.

ގެއްލުނު ދެޒުވާނުންނަކީ، އެރަށުގެ ނިޒާމް އާއި އާސިފް ކިޔާ ދެޒުވާނުންނެވެ. އެއީ ސޭޓު އާދަނު ކިޔަވައިދީ ބެލެހެއްޓި ދެޒުވާނުންނެވެ. އޭގެ އިތުރަށް އެއީ ދެބެންގެ ދެދަރި ދެމީހުންނެވެ. ދެމީހުން ގެއްލުނީވެސް އެއްދުވަހަކުން ފެށިގެންނެވެ. މައްސަލަ ބޮޑުވީ، ސޭޓު އާދަނު ގޭގެ ދޮރާށީގައި ފާރައަށް ހުންނަ އޭނާގެ މުވައްޒަފަކު އޭނާގެ ރައްޓެއްސެއްގެ ގާތުގައި، ނިޒާމް ސޭޓު އާދަނުގެ ގެއަށް ވަތްތަން ދުށްކަމާއި އޭނާ އެގެއިން ނުކުތްތަން ނުދެކޭ ކަމުގައި ބުނުމުނެވެ. ދޫދޫމަތިން އެވާހަކަ ފެތުރެމުންގޮސް ފުލުހުންގެ ކަންފަތާއި ހަމައަށް އެވާހަކަ ފޯރީއެވެ.

ފުލުހުން އެގޭގެ ދޮރާށި ބެލެހެއްޓުމުގައި ކުރިން އުޅުނު މީހުންނާއި މިހާރު އުޅޭ މީހުންނާއިވެސް ސުވާލު ކުރިއެވެ. އެމީހުންވެސް ފުލުހުން ގާތުގައި ބުނެފައިވަނީ ދުވަހަކުވެސް އެގޭގެ ފެންޑާއިން އެތެރެއަށް އެމީހުން ނުވަންނަ ކަމަށެވެ. އަދި އެއީ އެމީހުންނަށް މަނާ ކަމެއް ކަމަށެވެ. އެމީހުންނަށްވެސް އެގޭގައި ސިއްރުތަކެއް ވާކަން އެނގޭ ކަމަށާއި އެކަމަކު އެގޭގައި ހިނގާ ސިއްރު ކަންތައް ތަކުގެ މައުލޫމާތެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެގޭގައި ބިންގަރާހެއް ހުންނާނެ ކަމަށް ބެލެވޭ ކަމަށާއި، އެގެ ހެދި ދުވަސް ވަރު އެމަސައްކަތުގައި އުޅުނު މީހުން އެގޯތި ތެރެއިން ގިނައަދަދެއްގެ ވެލި ބޭރުކޮށް މޫދަށް އެޅިކަން އެނގޭ ކަމަށެވެ. އޭގެފަހުން މިހާރު ގާތްގަނޑަކަށް ތިރީހަކަށް އަހަރުވެއްޖެކަމެވެ.

ސޭޓު އާދަންފުޅަކީ މީހުންނަށް ހެޔޮ ރަނގަޅު ދީލަތި މީހެއް ކަމުގައި ކުޅުދުއްފުށީގެ ރައްޔިތުންވެސް ހެކިވެއެވެ. އޭނާގެ ގާތުގައި ކަމަކު ދިޔަ މީހަކު ހުސްއަތާ ފޮނުވައެއް ނުލައެވެ. ޔަތީމު ކުދިންނާއި ނިކަމެތި އާއިލާތަކަށް އަބަދުވެސް އޭނާގެ ފިހާރައިން އަގެއް ނުނަގައި ތަކެތިދީ އުޅެއެވެ. އެހެން ކަމުން ސޭޓު އާދަނުގެ ފަތިފުށް ހޯދަން އޭނާގެ ފަހަތުން ކޮންނަމުން ހިނގާނެ ބަަޔަކު މިހާތަނަށް އެރަށުގައި ނެތީއެވެ. އެކަމަކު އޭނާގެ ގެއަށް އެއްވެސް މީހަކަށް ނުވަދެވުމާއި އެގޭގެ އެތެރޭގައި ހިނގާ ކަންކަމުގެ ޚަބަރެއް އެހެން މީހަކަށް ނޭނގުމާއި އެގޭގެ ވަށައިފާރު އުސްކޮށް ބައްދާފައި ވުން އެއީ މީހުންގެ ހިތުގައި އޭރުއްސުރެ ސުވާލު އުފެދިފައިވާ ކަންކަމެވެ.

މީގެ އަހަރުތަކެއް ކުރިން އެރަށުން ސިއްތި ކިޔާމީހަކުވެސް ގެއްލުނެވެ. އޭނާ އަކީވެސް ފިރިމީހާ މަރުވެ ދަރިއަކު ނެތުމާއި އެކު އެކަނިވެރިކަމުގައި ދިރިއުޅެމުން ދިޔަމީހެކެވެ. އޭނާއަށްވެސް އެހީތެރިވެ ހެޔޮފޯރުވައި ކާނެތަކެއްޗާއި އަންނައުނު ފަދަ ތަކެތި އަހަރުތަކެއް ވާންދެން ސޭޓު އާދަނު ފޯރުކޮށްދިނެވެ. ސިއްތިއަކީވެސް އޭނާއަށް ވީނުވީ ގޮތެއް ނޭނގި ގެއްލުމާއި ހަމައަށް ކުދީންނަށް ޤުރުއާން ކިޔަވައިދީ އުޅުނު އަންހެނެކެވެ. އޭނާވެސް ގެއްލުނުތާ އެތައް އަހަރެއް ވީއރު އޭނާ އެރީ އުޑަށް ކަމެއް ނުވަތަ ދިޔައީ ބިންފަޅާފައި އަޑިއަށް ކަމެއް އެއްވެސް މީހަކަށް ނޭނގެެއެވެ. އޭރަކީ މިހާރުހައި ފުލުހުންގެ ޚިދުމަތް ފުޅާވެފައި ނެތް ދުވަސް ވަރަކަށް ވުމާއި އެކު އެހާދިސާ އޮބި ގެއްލި ދިޔައީއެވެ. އެކަމަކު ނިޒާމް އާއި އާސިފްއަށް ވީނުވީ ގޮތެއް ނޭނގި ޣައިބު ވުމާއި ގުޅިގެން އަނެއްކާ މީހުން ސިއްތިގެ ވާހަކަވެސް ދައްކަން ފަށައިފިއެވެ. ސިއްތި ގެއްލުމާއި ސޭޓު އާދަނާއި ގުޅުވައިފިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ގެއްލުނު ތިންމީހުންނަކީވެސް ސޭޓު އާދަނުގެ ހެވަތުގައި ދިރިއުޅެމުން އައި ތިން މީހުންނެވެ.

ފުލުހުން އައިސް ތިބީ ކޯޓު އަމުރެއްގެ ދަށުން ސޭޓު އާދަނުގެ ހަވޭލި، ވާރުގެއަށް ވަންނާށެވެ. އެގެ ބަލައި ފާސްކުރާށެވެ. ބާރަ ވަރަކަށް ފުލުހުން ތިބި އިރު އެތެރެއިން ގޭޓު ތަޅުލައި ހިފަހައްޓައިގެން ތިބީ ހައެއްކަ މީހުންނެވެ. އެމީހުންވެސް އެތާ އެގޮތަށް ތިބީ އެކަން އެގޮތަށް ކުރަން ބޭނުންވެގެނެއް ނޫނެވެ. ސޭޓު އާދަނު އެމީހުން ވަނަ ނުދީ ގަޑިއެއްހާ އިރަށް ހިފަހައްޓާލަދޭށޭ ބުނީމައެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅުމަށް އަންގައި ފުލުހުން ހުޅުވުމަށް އިންޒާރުދޭ ފެށިތާ އިރުގަނޑެއް ފަހުން އެމީހުން ގޭޓު ހުޅުވާލީވެސް ފެންޑާމަތީގައި ހުރެފައި ހުޅުވައިދިނުމަށް ސޭޓު އާދަނު އެމީހުންނަށް އިޝާރާތް ކުރުމުންނެވެ. އެތެރެއަށް ވަދެގެން ދިޔަ ފުލުހުންނަށް އެމީހުން ބަލާނެ ތަނެއް ބެލުމަށް ސޭޓު އާދަނު ފުރުޞަތު ދިނެވެ. ފުލުހުން އޭނާ އާއި ސުވާލު ކުރިއެވެ. އޭގައި ބިންގަރާހެއް ހުރޭ ތޯއެވެ. އޭގެ ޖަވާބުގައި ސޭޓު އާދަނު ބުނީ އެގޭގައި ބިންގަރާހެއް ހުރިނަމަ ފުލުހުންނަށްވެސް ފެންނަން ވާނެ ކަމަށެވެ.

-ނުނިމޭ-

avatar

This site uses Akismet to reduce spam. Learn how your comment data is processed.