އެއޮއްބޮޑު ގެއާއި ގޯތި އެފުއްމިފުށަށް ޖަހައިގެންވެސް ފުލުހުން ހޯދަން ބޭނުންވި އެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންކަމުން ފުލުހުން ނުކުންނަން ޖެހުނީ އެއްވެސް ހެއްކެއް ނުލިބި ހުސްއަތާއެވެ. އެކަމަކު އެގޭގެ ތެރެއަށް ވަތް ފުލުހުންނަށް އެހެން ކަމެއް އިހްސާސްވިއެވެ. އެގޭގައި ދިރިއުޅެނީ ސޭޓު އާދަނުގެ ދެމަފިރިން އެކަނި ނޫންކަމެވެ. އޭގެގެ ކޮޓަރިތަކާއި ފެންޑާތަކުގައި ހުރި ތަކެއްޗާއި، އެދުވަހުގެ މެންދުރަށް އެގޭގެ ބަދިގޭގައި ކައްކާފައި ހުރި ކާތަކެއްޗަށް ބަލާއިރު އެންމެ ދެމީހުން ކެއުމަށް އެހާ ބައިވަރު ނުކައްކާނެކަން ފުލުހުންނަށް ދެނެގަނެވުނެވެ. ފުލުހުންނަށް ކަންކަން ސިއްރުކޮށް ފޮރުވި އިރު އެއީ ސޭޓު އާދަނުގެ ހަނދާނުން ކައްސާލި ތަންކޮޅެކެވެ. މީހުން ބުނަނީ ތެދެކެވެ. ކަމެއް ސިއްރުކުރުމަށް ހުރިހާ ހެއްކެއް ނުފޮރުވޭނެއެވެ. އޭނާ ސިއްރުކުރާ ކަމެއް ބޭޒާރުވާނޭ ކޮންމެވެސް އެއް އަލާމާތެއް ދޫކުރެވިފައި ހުންނާނެއެވެ.

ސޭޓު އާދަނުގެ ގެއަށް ފުލުހުން ވަތް ފަހުން އަނެއްކާވެސް ހަފްތާއެއް ފަހު ފުލުހުން ވަދެ އެގެ ބަލާ ފާސްކުރިއެވެ. މިފަހަރު ފުލުހުންނަށް ފެނުނީ ސުވާލު އުފެދޭ އެހެންކަމެކެވެ. އެއީ ބޭރުގިފިލި ރޯނުގައި ޒުވާން ފިރިހެނެއްގެ ޓީޝާޓަކާއި ސޯޓެއް އޮތުމުންނެވެ. އެގޭގައި އެއަންނައުނު ލާނެ މީހަކު ނޫޅޭތީއެވެ. އަނެއްކާވެސް ސިއްރުތަކެއް އެބަވާކަމުގެ ހެއްކެއް ލިބުމުން ފުލުހުން އެހެން މަޅިއެއް ޖެހީއެވެ. އާދަނަށް ނޭނގި އާދަނުގެގޭގެ ގޯތިތެރޭގަޔާއި ވަލުފަރާތުން ގެއަށް ވަންނަ ދޮރު ކަވަރު ވާގޮތަށް ކެމެރާތަކެއް ހަރުކޮށް މޮނީޓަރ ކުރަން ފެށީއެވެ.

ސޭޓު އާދަނުގެ ގޭގައި ސިއްރު ކެމެރާތަކެއް ފުލުހުން ހަރު ކުރިކަމެއް އޭނާއަކަށް ނޭނގެއެވެ. ވަޔަލެސް އެކެމެރާތަކުން ފުލުހުން ފާރަވެރިވެ ބަލަން ފެށިތާ ހަގަޑިއިރުވެސް ނުވަނީސް އެގޭ ވަލު ދޮރާށިން ވަދެ ނުކުމެވާ ބަޔަކު ފުލުހުންނަށް ފާހަގަ ވެއްޖެއެވެ. އޭގެ ތެރޭގައި ދެ އަންހެނުންނާއި ދެފިރިހެނުން އަދި، ވަރަށް މުސްކުޅި އުމުރުގައި ކިރިޔާ އަސާގަނޑު ވިއްދައިގެން ހިނގޭ ވަރުގެ މީހަކުވެސް ހިމެނެއެވެ.

ކެމެރާގެ ކޮލިޓީ އެހާ ރަނގަޅު ނުވުމާއި ރޭގަނޑުގެ އަނދިރީގައި ފެންނަ މަންޒަރުތަކުން އެމީހުން އަޅައިގެން ތިބޭ ހެދުމުން ކިރިޔާ އަންހެން ފިރިހެން ވަކިވަނީއެވެ. އެއްކެމެރާއިން ފެންނަނީ އެމީހުން ގެއަށް ވަދެ ނުކުމެ ހަދާ މަންޒަރެވެ. ދެވަނަ ކެމެރާ ހަރު ކުރެވިފައި ހުރިތަނުން ފެންނަނީ އެގޭން ނުކުންނަ މީހުން ގޮސް ގޯތީގެ ބިއްދޮށް ފަރާތުގައި ހުންނަ ކެޔޮފީނީގެ ނިވަލަށް ދާތަނެވެ. އެތަނަށް ދާމީހުން އަންނަނީ އަނެއްކާވެސް އަނެއް ރޭގައެވެ. އިރާކޮޅު ނުވަތަ ދަންވަރުއެވެ. ހަތަރު ފަސްރޭވަންދެން ސިއްރު ކެމެރާތަކުން ލިބުނު ވީޑިއޯތައް ބަލައިގެން ފުލުހުންނަށް އެނގުނު ވަރަކީ، އެގޭގައި ފިލައިގެން އެހެން ބަޔަކު އެބައުޅޭަކަމެވެ.

ފުލުހުން އޮޕަރޭޝަން ރާވާލީ ވަރަށް ފަރުވާތެރިވެ ދިރާސާކޮށްފައެވެ. އެބަޔަކު ވަލުފަރާތުން ގެއަށް ވަދެ ނުނިކުންނަނީސް އެގެއަށް ވަދެގަންނާށެވެ. ކެމެރާއަށް ބަލައިގެން ކޮމިއުނިކޭޓް ކުރާނެ އޮފިސަރެއް ކޮންޓްރޯލް ރޫމުގައި ބަހައްޓާފައެވެ. ދެވަނަ ފަހަރަށް ފުލުހުން ކޯޓު އަމުރު ހޯދީވެސް އެހާ ސިއްރުންނެވެ.

ކުއްލިއަކަށް ފުލުހުން އައިސް ވާރުގޭގައި ދޮރުވާނުންނަށް ތިބި ދެމީހުންނަށް ތަންވަޅެއްވެސް ނުދީ އެތެރެއަށް ވަދެގަތީއެވެ. ނަމަވެސް ދޮރުވާނުން ތިބެން ހަދާފައި ތިބި ތަނުގެ ތެރޭ އެކަކު ފުލުހުން ވަދެގެން ދާންފެށުމުން ކުރީ ފުލުހުންގެ ހިތަށް ތަސައްވަރުވެސް ނުކުރެވޭ ކަމެވެ. އޭނާ ދޮރުވާނުން ތިބޭ ތަނުގެ ޝީޓުގައި ތިރިއަށް އެލުވިފައި އޮތް ވާގަނޑެއްގައި ހިފައި ކުއްލިއެއް ޖެހުމާއި އެކު އިވިގެން ދިޔައީ، ބަޑިއެއް ޖެހިފަދަ ބާރު އަޑުފަށްގަނޑެކެވެ. އެއާއެކު ރޮނގަކަށް މައްޗަށް އަރައިގެން ދިޔަ އަލިފާން ގުޅަ މައްޗަށް އަރާފައި ގޮވީ އެވެ. މުޅިތަން އަލިވެގެން ދިޔުމާއި އިވުނު ބާރު އަޑުފަށްގަނޑާއި އެކު ގޭތެރެއަށް ވަންނަން ދިޔަ ފުލުހުންނަށް ހުއްޓެވުނީއެވެ. އެމީހުންގެ މިސްރާބު ބަދަލުވީ އެގޭގެ ދޮރާށި މަތިން ބޮމެއް ޒާތުގެ އެއްޗެއް ގޮވީ ކަމަށް ހީވެފައެވެ.

ފުލުހުންނަށް ފުރަތަމަ ތަހުޤީޤު ކުރަންޖެހުނީ އެގޮއްވާލި އެއްޗެކެވެ. އެމީހުންނަށް އެނގުނީ އެއީ އާގު ބޯޓުފަހަރުގައި ބޭނުން ކުރާ ޒާތުގެ ފްލެއާއެއް ކަމެވެ. ފާޑެއްގެ ފަޓާހެއް ކަމެވެ. އެހެން ކަމުން އެކަން ދޫކޮށްލާފައި އެމީހުން ގޮސް ވާރު ގޭތެރެއަށް ވަންނަން ދިމާއި ކުރި އިރު ސޭޓު އާދަނު ފެންޑާމައްޗަށް ނުކުމެއްޖެއެވެ.

ސީސީޓީވީތައް މޮނީޓަރ ކުރަން ހުރި އޮފިސަރު ވާރުގެއަށް ވަތް ޓީމަށް އެންގީ އެގޭގެ ވަލުފަރާތު ދޮރުން އަންހެނަކާއި ފިރިހެނަކު ވަތްކަމެވެ. އެމީހުން އަދި ނުނުކުންނަ ކަމެވެ. އެހެންކަމުން ސޭޓު އާދަނަށް ކޯޓު އަމުރުދައްކާފައި އަނެއްކާވެސް އެމީހުން އެގެ ބަލައިފާސް ކުރަންފެށީއެވެ. އެކި ކުނިކޮޅު ވަކިވަކިން ނަގައި ބަލައި ފާސްކޮށްގެންވެސް ފުލުހުންނަށް އެގޭގެ ތެރެއަކުން މީހެއްގެ ހިލަމެއް ނުވިއެވެ.

ފުލުހުން ނުކުތުމުން ސޭޓު އާދަނު ބޮލުގައި އަތް އުނގުޅާލީއެވެ. އިސްދަށަށް ޖެހީއެވެ. ހީވަނީ އޭނާގެ ކޮޅު ބަލިވީ ހެންނެވެ. ނުވަތަ އޭނާ ބަލި ޤަބޫލު ކުރީހެންނެވެ. ގަމީހަކާއި މުންޑެއް އަނދެ ބޮލުގައި ހުދު ފޮށައެއް އަޅައިގެން ސޭޓު އާދަނު ނުކުމެއްޖެއެވެ. އޭނާގެ މިސްރާބު ހުރީ ފުލުހުންގެ މަރުކަޒާއި ދިމާއަށެވެ. އޭނާ ހުރީ ރުޅިއައިސް ރަތްވެފައެއް ނޫންނެވެ. ކަންބޮޑުވެ ހާސްވެފައެވެ.

ފުލުހުންގެ މަރުކަޒަށް ގޮސް އާދަނު ވަތްއިރު އެތާނގައި ވާރުގެއަށް ވަދެފައި އައި ފުލުހުން ވާހަކައިގައި ތިއްބެވެ. ކެމެރާތަކުން އެގެއަށް ވަންނާތީ ފެނުނު މީހުން އެގެއިން ނުކުތްތަން ނުފެންނަ ކަމަށާއި، އެކަމަކު މުޅިގެ ހޯދައިގެންވެސް އެގޭތެރެއިން މީހަކު ނުފެނުނުކަމެވެ. ސޭޓު އާދަނުގެ ގޭގައި ފުލުހުން ކެމެރާ ހަރުކޮށްފައިވާކަން އާދަނަށް އެނގުނީ އެހާތަނުންނެވެ. ދޮރުމަތީގައި ހުއްޓި ހުރި އާދަނު ފެނުމުން އެގެއަށް ވަދެފައި އައި ފުލުހުންނަށް ލިބުނީ ސިހުމެކެވެ. އެއީ މިރޭގެ އޮޕަރޭޝަނުން އެމީހުންނަށް ދޭހަވީ އެގޭގައި ރޫހާނީ ކަމެއް އުޅެނީ ކަމަށް ކަމުގައި ވާތީއެވެ. އެކަމާއި އެމީހުން ހިތްބިރުގެންފައި ވާތީއެވެ.

ސޭޓު އާދަނު އެދުނީ އެންމެ އިސްއޮފިސަރަކަށް ހުރި މީހާ އާއި ބައްދަލު ކުރާށެވެ. އެކަންޏެވެ. ދެވަނަ މީހަކު ނެތިއެވެ. އެހެން ކަމުން މީޓިންގ ރޫމުގައި ދެންތިބީ ސްޓޭޝަން އިންސްޕެކްޓަރ ނަފީސް އާއި ސޭޓު އާދަނެވެ. އާދަނު އެދުނީ ފުލުހުން އޭނާގެ ގެ އިރުއިރުކޮޅައި ގޮސް ބަލައި ފާސް ކުރާ ސަބަބެއް ބުނެދޭށެވެ.  ނަފީސް ވަގުތުން ކިޔައި ދިނެވެ. ގެއްލިފައިވާ ދެ ޒުވާނުން ގެއްލުމުގެ ތަހުޤީޤުގައި އެކަން ކުރި މީހަކީ ސޭޓު އާދަނުކަމުގައި ތުހުމަތު ކުރެވެނީ ކަމަށެވެ. އަދި އަހަރުތަކެއް ކުރިން ގެއްލުނު ސިއްތި ގެއްލުނު ހާދިސާގައިވެސް ސޭޓު އާދަނާއި ގުޅުމެއް ވާކަމުގެ ތުހުމަތު ކުރެވިފައި އޮތީކަމަށެވެ.

އާދަނު އިސްޖެހިއެވެ. އެތައް އިރަކު އެހެން އިނދެފައި ބުންޏެވެ. އެމީހުން އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި ކުރިކަމަކުން އެމީހުން ގެއްލުނީ ކަމުގައި ނުވާނެތޯއެވެ. އެމީހުންނަށް އެމީހުންގެ އަމިއްލަ ދުނިޔެ އެއްގައި އަމިއްލަ ހަޔާތެއް އާބާދު ކުރުމުގެ މިނިވަންކަން ނޯންނާނެތޯއެވެ. ސޭޓު އާދަނު އުފެއްދި ސުވާލުތަކުން ނަފީސްއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އެއާއި އެކު ދެން ބުނަން ނުބުނަން ހުރެފައިވެސް އެގޭގައި އެހެން ބަޔަކު އެބަ އުޅޭކަން ފުލުހުންނަށް އެނގިއްޖެކަމުގައި ނަފީސް ބުނުމުން ސޭޓު އާދަނު ޖަހާލީ ހިނިގަނޑެކެވެ. އެއަށްފަހު އިރުކޮޅަކުން އޭނާ ސީރިއަސް ވީއެވެ.  އާދަނުގެ އެބަދަލުން ނަފީސް އިތުރަށް ހައިރާންވިއެވެ.

ސޭޓު އާދަނު ނަފީސްއަށް ހުށައެޅީ ހުށައެޅުމެކެވެ. ހަޤީޤަތް އޭނާގެ ލޮލުން ދުށުމަށް ސޭޓު އާދަނުގެ ގެއަށް ދިޔުމަށެވެ. މާދަމާ ރޭ އިޝާނަމާދަށް ފަހުގައެވެ. ރޭގަނޑުގެ ކެއުމަކަށެވެ. އެއްވެސް މީހަކާއި ނުލައި އޭނާ އެކަންޏެވެ. ނަފީސް ގަތީ ފާޑެއްގެ ބިރެކެވެ. އެކަމަކުވެސް އޭނާ އެކަމަށް އެއްބަސްވީ އެހަޤީޤަތްތައް ހޯދަން ބޭނުންވާތީއެވެ. އެހެން ނަމަވެސް އާދަނު ކުރަން އުޅޭ ކަމެއް ނޭނގިގެން އޭނާ ހުރީ ބިރުގެންފައެވެ.

– ނުނިމޭ-

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
kudakamana Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

kudakamana
kudakamana

kobayyo mivaahakaige aneh bai. nunimmaa beyhveema kiyaameehun foohi vaane.