ކުޅުދުއްފުށީ މީހުންނަކީ ނިކަން ގޮތެއްގައި ތިބޭބައެކެވެ. މުޅިރާއްޖެ ސިޔާސީ ވީނަމަވެސް ކުޅުދުއްފުށި ތަފާތުވާނެއެވެ. ކުޅުދުއްފުށީގައި ސިޔާސީ ހަރަކާތްތައް ހިނގާނީ އާންމުގޮތެއްގައި ކެމްޕެއިން ދުވަސްވަރުއެވެ. މިއީ ލޯކަލް ކައުންސިލް އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރެވެ. ސިޔާސީގޮތުން ބޮޑު ދެފިކުރަށް ބެހިފައި އޮތްނަމަވެސް އެމީހުންނަކީ އާންމު ދިރިއުޅުމުގައި އެއްކޮށް އުޅޭ ސާދާ ބައެކެވެ. ސިޔާސީ ވެގެންގޮސް ބައެއް ރަށްރަށުގައި ބޮޑެތި ކުރިމަތިލުންތަކަށް ދިޔަނަމަވެސް ކުޅުދުއްފުށި މުޅިން ތަފާތެވެ.

މިނިވަން ޗެންޕިއަންޝިޕް ހދ.އަތޮޅު ފުޓްބޯޅަ މުބާރާތް މިއަދު ފެށޭއިރު އެމީހުން އުޅެމުންދަނީ ކުޅުދުއްފުށީ ޓީމަށް ސަޕޯޓްކޮށް ފަހަކަށް އައިސް އެޓީމަށް ނުލިބިފައިވާ ކާމިޔާބީތައް ހަނދާން ނައްތާލުމަށެވެ. ކުޅުދުއްފުށީ ޓީމްގެ ވިސްނުންވެސް މިގޮތަށްހުރިއިރު، ޓީމަށް މިފަހަރު ލިބިފައިއޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަޕޯޓަރުންނެވެ. އެ އިތުބާރު ޓީމަށް މިފަހަރު ނުހަނު ބޮޑެވެ. މިދިއަ ފަހަރުވެސް ސަޕޯޓަރުންގެ އެއްބާރުލުމާއި ސަޕޯޓް އެހާމެ ބޮޑެެވެ. ނަމަވެސް ކާމިޔާބީގެ ކުރިބޯށީގައި ނުހިފުނީއެވެ.

ކުޅުދުއްފުށީ ޓީމްގެ ސަޕޯޓަރުން މިފަހަރު ސަޕޯޓްކުރަމުންދަނީ މެޗްގެ ވަގުތު ޖެހުމުން ސްޓޭޑިއަމަށް ގޮސް ހަޅޭ ލަވައިލާގެން ނިންމާލާ ގޮތަކަށް ނޫނެވެ. ކުރިއަށް ރާވައިގެންނެވެ. ދަނޑަށްދާ ސަޕޯޓަރުން އިތުރުކުރުމަށް އެތަށް މަސައްކަތެއްކުރަމުންދާއިރު، ކުޅުދުއްފުށީ ޓީމްގެ ކޮންމެ މެޗެއްގައިވެސް ސަޕޯޓަރުންގެ އިންޓަވަލްއަކީވެސް ބޮޑު ޚަރަދެއް ހިނގާކަންކަމެވެ. އެކަންކަންވެސް ކުރިއަށްދަނީ އާދައިގެ ގޮތަކަށް ނޫނެވެ. ކުޅުދުއްފުށީ ޓީމް މެޗް ކުޅޭވަގުތު ސަޕޯޓަރުންވެސް ތިބޭނީ ޓީމްގެ ޖާޒީގައެވެ.

އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުދުއްފުށީ ޓީމްގެ 12 ވަނަ ކުޅުންތެރިޔާކަން ކަށަވަރެވެ. ރޭވުންތެރިކަމާއެކު ކުޅުދުއްފުށީ ޓީމްގެ ސަޕޯޓަރުންގެ ހަރަކާތްތަކާ ކުރިމަތިލުމަކީ އެހެން ޓީމްތަކުގެ ސަޕޯޓަރުންނަށް ފަސޭހަކަމަށް ނުވާނެއެވެ. ކުޅުދުއްފުށީ ސަޕޯޓަރުންގެ “ވައިކިން ކްލެޕް” ވެގެންދިޔައީ މިދިއަ އަހަރުވެސް އެހެންޓީމްތަކުގެ ސަޕޯޓަރުންގެ ހިތަށް އަސަރުކުރުވި ހަރަކާތަކަށެވެ. ނަމަވެސް އެއްވެސް ބައެއް “އަންޑަރ އެސްޓިމޭޓް” ކުރާކަށް ނުވާނެއެވެ. ޤަބޫލުކުރަންޖެހޭނީ ހަނިމާދޫ އެހެން ޓީމްތައްވެސް ވަރަށް ބޮޑަށް ތައްޔާރުވާނެކަމަށެވެ. ރެފްރީގެ ފަހު ކަށިގަނޑާހަމައަށް ކުޅުދުއްފުށީ ޓީމާއެކު ސަޕޯޓަށް ދެގޮތެއް ނުވާނެކަމަށް އެމީހުން ބުނެއެވެ. “ކުޅުދުއްފުށި ކުޅޭއިރު ދަނޑުން އަހަރެމެން އަޑު ނޫން އަޑެއް ނީވޭނެ، އެގެރެންޓީ ޓީމަށް ދެން” ކުޅުދުއްފުށީ ސަޕޯޓަރަކު ޖޯޝާއެކީ ބުންޏެވެ.

1 COMMENT

Leave a Reply