އަތޮޅުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ދަތުރުދިއުމަށް ބޭނުންކުރާ ތިލަދުންމަތީ އުތުރުބުރީ (ހއ) ކުޑަރަށް ފަސްގަނޑު

ލިޔުނީ: މުނާ މުޙައްމަދު

ސަރުކާރު ނުވަތަ ދައުލަތުގެ ބަދަލުގައި ފައިދާ ހޯދުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ގައުމެއްގެ ވިޔަފާރިއާ ސިނާއަތްތައް އަމިއްލަކޮށް ކޮންޓްރޯލް ކުރެވޭގޮތަށް އޮންނަ އިގްތިސާދީ ނިޒާމަށް ކެޕިޓަލަޒަމް އޭ އިނގިރޭސިބަހުން ކިއައެވެ. އޭގެ އިދިކޮޅަކީ ސޯޝަލިޒަމްއެވެ. އެއީ ދައުލަތުން ގައުމެއްގެ ސިނާއަތްތަކާ ވިޔަފާރީގެ ކޮންޓްރޯލް ނަގައިގެން ހިންގާ ނިޒާމެވެ. ކެޕިޓަލިޒަމްގެ އެތައް ވައްތަރެއް ވެއެވެެ. އޭގެތެރޭގައި މާރކެޓްގެ ގުޅުންތަކާ އޮންނަ އެއްބާރުލުމުގެ މައްޗަށް ބަރޯސާވެ ހިނގާ އިޤްތިސާދުތަކާއި އަދި ބޮޑަށް ވާދަވެރި ކަމާ ތަކެއްޗަށް ބޭނުންވާ މީންވަރާ ސަޕްލައިއަށް ބުރަވެ ހިނގާ އިޤްތިސާދުތައް ހިމެނެއެވެ.

2007 ވަނަ އަހަރު، ފޮތްލިއުންތެރި އަދި އިޖްތިމާއީ އެކްޓިވިސްޓެއް ކަމަށް ވާ ނައޯމީ ކްލެއިން “ދަ ޝޮކް ޑޮކްޓްރައިން: ރައިސް އޮފް ޑިޒައަސްޓަރ ކެޕިޓަލިޒަމް” ކިޔާ ފޮތެއް ދުނިޔެއަށް ނެރުމާއެކު ގައުމުތަކަށް އެކި މުސީބާތްތައް ދިމާވެ ނިކަމެތިވާހިނދު، އެކަމުގެ ނާޖާއިޒް ފައިދާ ނަގައި އަމިއްލަ ވިޔަފާރިތަކަށް ފަހިވާގޮތަށް އެކިއެކި ސިޔާސަތުތަކާއި ކަންކަން ހިންގުމަށް މަޖުބޫރުކޮށްގެ އުޅޭ އުޅުމަށް ޑިޒައަސްޓަރ ކެޕިޓަލަޒަމްއޭ ކިޔާ  ނަން، ދީ،  އާ ވައްތަރެއްގެ ކެޕިޓަލިޒަމްއެއް މިހާރު ދުނިޔޭގައި ހިންގާކަމަށް ހާމަކުރިއެވެ. 2004 ގެ ސުނާމީގައި ދެކުނު އޭޝިއާގެ ބިންތައް ހޯދައިގަންނަން ފަތުރުވެރިކަމަށް މަސައްކަތްކުރާ ކުންފުނިތަކުން އުޅެގަތް ގޮތަކީ މީގެ މިސާލެކެވެ. މިކަމަށްވެސް ކަމާބޭހޭ މާހިރުން ނަމެއް ދެއްވާފައިވެއެވެ. އެއީ ޕްރިޑޭޓާރީ ލޭންޑް ގްރެބް ނުވަތަ ބިން ޝިކާރަކޮށް އަތުލުމެވެ.

2004 ވަނަ އަހަރު ސުނާމީ ވެގެންދިއައީ މުސީބާތުގެ ކެޕިޓަލްޒަމް އަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ޚާއްސަކޮށް ފަތަރުވެރިކަމުގެ ވިޔަފާރި ހިންގުމަށްޓަކައި ބިން ޝިކާރަ ކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން ސަރުކާރުތަކާއި ގުޅިގެންނާއި އަދި އެހެނިހެން ގޮތްގޮތުން ގައުމުތަކުގެ ބިންތައް އެމީހުންގެ ވިޔަފާރި ކުރިއަރުވުމަށްޓަކައި އަތުލުމަށް މަގުފަހިވިއެވެ. ގާތްގަނޑަކަށް 250,000 މީހުން މަރުވި މިހިތްދަތި ހާދިސާގައި ޚާއްސަކޮށް އަތިރިމަތީގައި ދިރިއުޅެމުންދާ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ ނަމުގައި އެތަންތަނުން ބޭރުކުރެވި އެތައް ހެކްޓަރުގެ ބިމެއް ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ކުންފުނިތަކުންނާ، އަދި ގައުމުތަކުގެ ސަރުކާރުތަކުން ބާރު ލިބިގެން، ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގައި އަތުލާފައިވާކަމަށްވެސް އެކި ދިރާސާތަކުން ފާހަގަކޮށްފައިވެއެވެ. ބިންތައް އަތުލުމުން އަތިރި މަތީގައި މަސްވެރިކަމަށް ބަރޯސާވެގެން ދިރިއުޅެމުންދާ އެކި މުޖުތަމައުތަކަށް އެމީހުން ކާންބޯން ކުރާ މަސައްކަތް ގެއްލި، ގެދޮރު ގެއްލި، އަދި އަމިއްލަ ގައުމުގައި ނިކަމެތި ވެގެންދިއައެވެ. ބިން ޝިކާރަވެރިންނާ ކުރިމަތިލާން ޖެހުނު ގައުމުތަކުގެ ތެރޭގައި އިންޑިއާ ތައިލެންޑް އަދި ޝްރީލަންކާ ހިމެނެއެވެ.

ދުނިޔޭގައި ފަތުރުވެރިކަމުގެ ހިމެނޭ ނުރަނގަޅު ކަންކަމަށް ގޮންޖަހާ ފަތުރުވެރިކަމަކީ ގައުމުތަކުގެ ރަށްވެހިންނަށް އަބަދުވެސް ފައިދާ ލިބޭ ކަމަކަށް ހެދުމަށް މަސައްކަަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ޓުއަރިޒަމް ކޮންސާރންއިން  ހާމަކުރިގޮތުގައި 2004 ވަނައަހަރު ސުނާމީގެ ސަބަބުން އަމިއްލަ ގެދޮރާ ވަޒަން ގެއްލުމުގެ އިތުރުން، ބިން ޝިކާރަކޮށް އަތުލުމުގެ ސަބަބުން 2 ވަނަ ސުނާމީއެއް ފަދައިން ގައުމުތަކުގެ ރަށްވެހިންގެ ވަޒަން ގެއްލި ބިކަވަމުން ދިއައެވެ. މިމައްސަަލާގައި ޔޫއެންއިން ނެރެފައިވާ “ސުނާމީ ރެސްޕޮންސް: ހިއުމަން ރައިޓްސް އެސެސްމެންޓް” ރިޕޯޓްގައި ގައުމުތަކުގެ ސަރުކާރުތަކުން ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކޮށްދިނުމުގައި އިހުމާލު ވެފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

ކޮންމެއަކަސް ޚާއްސަކޮށް އިންޑިއާކަނޑުގެ ޖަޒީރާ ތަކަކީ ރަށްވެހިންގެ ބޭނުންތަކަށް ބެލުމެއް ނެތި، ދުނިޔޭގެ ފަތުރުވެރިކަމުގެ ކުންފުނިތަކުން ޝިކާރައަކަށް ބަލާފަދައިން ބިން ހޯދުމަށް ބަލަމުންދާ ތަނަކަށް މިވަނީ ވެފައެވެ.

ރާއްޖޭގައިވެސް ރަށްވެހިންގެ އިޖްތިމާޢީ އިގްތިސާދީ އަދި އެނޫންވެސް ބޭނުންތަކަށް ބެލުމެއްނެތި ވިޔަފާރި ކުންފުނިތަކުގެ ފައިދާއަށް “އައިލެންޑް ގްރެބް” ކޮށް މުޅި އަތޮޅުގެ ގުދުރަތީ މުއްސަނދިކަން ބޭނުންކޮށް ނިމިދަނީއެވެ. މިގޮތުން މާލެއަތޮޅާއި, މާލެއަތޮޅު ކައިރީގައިވާ އެންމެހާ އަތޮޅުތައް، ބިން ނުވަތަ ރަށް ޝިކާރަވެރިންގެ ދަލުގައި ޖެހި އަތޮޅުގެ ރަށްވެހިން، ސަގާފީ، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުންވެސް ބޭނުންކުރުމަށް، މިހާރަށްވެސް އަދި އަންނަން އޮތް ޖީލުތަކަށްވެސް ގުދުރަތީ މުއްސަނދިކަމެއް ނެތި ހުސްވަނީއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ 1/3 ރައްޔިތުން ކުދިކުދި ފްލެޓްތަކެއްގައި އިޖްތިމާއީ ގުޅުންތައް އާލާކުރާނެ މާބޮޑު ގޮތްތަކެއްނެތި ކުޑަކުޑަ މާލޭގައި (ރާއްޖޭގެ ބޮޑެތި ރަށްތަކާއި އަޅާބަލާއިރު) ގައިދުވެެއްޖެއެވެ. އަދި ދައުލަތުން ކޮންމެ އަތޮޅަކަށް އިގްތިސާދީ ބޭނުމަށް ފަޅުރަށެއް ދިނުމަށް ވީ ވައުދު މަތިން ހަނދާން ނެތިއްޖެއެވެ. އެވައުދު ފަތުރުވެރިކަން ނެތް ހދ.އަތޮޅަށް ފުރަތަމަ ފުއްދުމަކީ އަތޮޅުގެ ރައްޔިތުން އުފަލާއިއެކު ބަލައިގަންނާނެ ކަމެއްކަން ކަށަވަރެވެ.

ރަށްވެހިންގެ ބޭނުންތަކަށް ބެލުމެއްނެތި ކުންފުނިތަކުގެ ފައިދާއަށް، ފަޅުރައްތައް ޝިކާރަކޮށް އަތުލުމުން ސަލާމަތްވުމަށް މިހާރު އޮތް ޤާނުނުތަކަށްވުރެ ހަދާފައިނުވާ ޤާނޫނުތައް މުހިއްމެވެ. އަދި މިހާރު ކުރާ ކަންތައްތަކަށްވުރެ ނުކުރާ ކަންތައްތައް މުހިއްމެވެ. އެއީ ކޮންމެ އަތޮޅެއްގައިވެސް ރަށްވެހިންގެ އިޖްތިމާއީ އިގްތިސާދީ ބޭނުންތަކަށް ރަށްތަކެއް ދައުލަތުން ހަމަޖެއްސުމާއި، ހިމާޔަތް ކުރެވިފައިވާ ރަށްތައް ޤާނޫނަކުން ނުވަތަ ގަވައިދަކުން ކަނޑައަޅައި ބެލެހެއްޓުމާއި އަދި އެއް ބަޔަކަށް މުޅިއަތޮޅުގެ ގިނަ ރަށްތަކެއް ދިނުމާމެދު ދެވަނަ ވިސްނެވުމަކަށް ދިއުމެވެ. އެއީ އެކަމުގެ ސަބަބުން އަތޮޅެއް ނުވަތަ އަތޮޅުތަކެއްގެ އިގްތިސާދުގެ ކޮންޓްރޯލް އެއްބަޔަކަށް ގޮސް އެބަޔަކަށް ރައްޔިތުން އަޅުވެތިވާންޖެހުމުގެ އިތުރުން، އެކަމަކީ ފަރުވާތެރި ނުވެއްޖެނަމަ،  ވަކިޤައުމެއްގެ އަތްމައްޗަށް ރާއްޖޭގެ ވިޔަފާރިއާ އިޤްތިސާދާ އަދި ޤުދުރަތީ ވަސީލަތްތަކުގެ ކޮންޓްރޯލް ބަދަލުވެ ސިޔާދަތަށް ނުރައްކާވުމުގެ ބިރު އޮތްކަމަކަށް ވާތީއެވެ.

ގައުމެއްގެ ރަށްވެހިންގެ ބޭނުންތަކަށް ބެލުމެއް ނެތި، ބިން ނުވަތަ ރަށް ޝިކާރަކޮށް ނުވަތަ އެނޫންވެސް ގޮތްގޮތުން އަތުލާ ޝިކާރަވެރިންގެ ކިބައިން އަތޮޅާއި ގައުމު ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ހަމައެކަނި ސަރުކާރާ މަޖިލީހުގެ ޒިންމާއެއްގެ އިތުރުން އަތޮޅުތަކުގެ ރައްޔިތުންވެސް އެމައްޗަށް ވިސްނާ ފިކުރު ހިންގައި ފިޔަވަޅުތަކެއް އަޅަން މިހާރު ޖެހިފައިވާ ކަމެކެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.