މަލިކާގެ މޭކަޕް އާޓިސްޓް ހަފްސާ

އީއެސް އެންޓަޓައިންމަންޓުން ޢަލީ މުސްތަފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމް “މަލިކާ” އަކީ ކުޅުދުއްފުއްޓާ ގުޅުން ހުރި ފިލްމެކެވެ.

އެކަން މިހާތަނަށް އެއްވެސް ފަރާތަކަށް ފާހަގަ ނުކުރެވި އޮވެދާނެއެވެ. ނަމަވެސް ފިލްމްގެ ޕޯސްޓަރަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލުމުން ކުޅުދުއްފުއްޓާ ގުޅުން ހުރިގޮތް ބައެއް ފަރާތްތަކަށް އެނގޭނެއެވެ. ފިލްމެއްގައި އެކްޓްކުރާ ތަރިންގެ ސިފައަށް އިތުރު ރީތިކަމެއް ގެނެސްދެނީ މޭކަޕެވެ. މަލިކާގެ މޭކަޕްކޮށްދީފައިވަނީ ކުޅުދުއްފުށީ އާޓިސްޓެއްކަމަށްވާ އިނގުރުގެ، ހަފްސާ ސަޢީދު (ހަފޫ) އެވެ. މަލިކާއަކީ އޭނާގެ ފުރަތަމަ ފިލްމެވެ. އެހެންނަމަވެސް ޑްރާމާ ސިލްސިލާ ބީރުބަލް ވަޒީރުގެ ބައެއް މޭކަޕްތައް އޭނާވަނީ މީގެކުރިން ކޮށްފައެވެ.

އެހެންކަމުން އަޅުގަނޑު ގަބޫލުކުރަނީ މަލިކާއަކީ ކުޅުދުއްފުއްޓާ ގުޅުންހުރި ފިލްމެއްގެ ގޮތުގައެވެ. މާރޗް މަހުގެ 2 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމްގެ މޭކަޕްގެ ރީތި ހުތުރު ކިޔާނީ ފިލްމް ބެލުމަށްފަހު ބެލުންތެރިންނެވެ. މޭކަޕާ މެދު ބެލުންތެރިން ދޭ ޕޮޒިޓިވް ކޮމެންޓްސް ވެގެންދާނީ މިދާއިރާގައި ހަފޫ ކުރިއަށްދާން ލިބޭ ހިތްވަރަކަށެވެ. އަދި އުފެއްދުންތެރި ޚިޔާލު ވެގެންދާނީ ރަނގަޅުކުރަން ކަމެއްހުރިނަމަ އެކަމަށް ލިބޭ ބާރަކަށް ކަމަށް ހަފޫ ބުނެއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މިފިލްމުން ޖުމައްޔިލް ނިމާލް (ޖުމަލް)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް ޝަކީލާ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، ނީނާ ސަލީމް އަދި އިސްމާއިލް ޒާހިރު ފެނިގެންދާނެއެވެ.

ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ “މަލިކާ” ކެމެރާކޮށްފައި ވަނީ މޫމީން ފުއާދެވެ. ފިލްްމް އެޑިޓްކޮށްފައި ވަނީ އަހުމަދު އާސިމެވެ. އަދި ބެކްގްރައުންޑް ސްކޯ ހަދާފައި ވަނީ މުހައްމަދު ފުއާދެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.