ކުނިކޮށިން އަރަމުންދާ ދުން އަފީފުއްދީން ސްކޫލްތެރެއަށް ވަންނަނީ / ފޮޓޯ: ސަމާހް

ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގެ އެންމެ އާބާދީ ބޮޑު ރަށެވެ. ރަށުގައި އުފެދޭ ކުނީގެ ނިސްބަތްވެސް ގިނަ ރަށެކެވެ. ކުޅުދުއްފުށީގައި ކުނި ނައްތާލުމަށް ހަދާފައިވާ ކުނިކޮށި ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ އިންވެގެން ރަށުގެ އިރު ދެކުނު ފަރާތުގައެވެ. ކުނިކޮށްޓާއި އިންވެގެން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް އޮންނައިރު، ދާދިކައިރީގައި އޮންނަނީ އެތައް ސަތޭކަ ދަރިވަރުންނެއް ތަޢްލީމް ޙާޞިލްކުރަމުން އަންނަ އަފީފުއްދީން ސްކޫލެވެ.

ކުނިކޮށްޓެކޭ ބުނިނަމަވެސް ކުނިކޮށްޓެއްގައި ހުންނަންޖެހޭ އެއްވެސް ސިފައެއް އެތަނަކުނެތެވެ. އެންމެ ފުރަތަމަ އެތަން ހުޅުވިރުއިރު ވަށައިގެން ނަރު ފެންސެއްޖެހިނަމަވެސް މިހާރު ފެންސް ހަލާކުވިތާ ކިތަންމެ ދުވަހެކެވެ. ކުޅުދުއްފުށީގައި އުފެދޭ ހުރިހާ ޒާތެއްގެ ކުނި އުކާލާ މިކުނި ކޮށީގައި ކުނި ނައްތާލުމުގެ އެއްވެސް ނިޒާމެއް ޤާއިމްކުރެވިފައެއް ނެތެވެ. އެކި ބާވަތްތަކުގެ ކުނި ވަކިކުރުމުގެ އިންތިޒާމެއް ނެތެވެ. ގޭތެރޭގައި އުފެދޭ ކުނީގެ އެތަކެއް ބާވަތްތައް، ކަރުދާހާއި، ގަސްގަހުގެ ފަތާއި، ލަކުޑިއާއި، ޕްލާސްޓިކްގެ އިތުރުން ބެޓެރީއާ ތަފާތު ކެމިކަލް ހިމެނޭ ބާވަތްތަކާއި އެހެންވެސް ވިހަ ދުން އަރާނެ އެތައް ކުންޏެއް އެތަނުގައި ހާމައަށް އަންދައެވެ.

ކުނި ކޮށީގައި އަންދާ ބާވަތްތަކުން އަރާ ދުމުގައި ކާބަންޑައި އޮކްސައިޑާއި، ކާބަން މޮނޮކްސައިޑް ފަދަ ވިހަ ގޭސް ހިމެނޭނެއެވެ. ކުނީގެ ބާވަތްތައް ވަކިކޮށް ނުރައްކާތެރި ބާވަތްތައް ނުހިމެނޭގޮތަށް އެންދުމުގެ ނިޒާމެއް ނެތުމުގެ ސަބަބުން އޭގެ ގެއްލުން ދަނީ ރައްޔިތުންނަށް ފޯރަމުންނެވެ. ކުނިކޮށީގައި ބޯޑެއް ޖަހާލުމަކީ ނިޒާމެއް ޤާއިމް ކުރުމެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ. މޮނީޓަރކޮށް ބެލެހެއްޓެންވެސް ޖެހެއެވެ. ދުމާއެކު ބޭރުވާ ވިހަ ގޭސްތަކެއްކަމުން ނޭވާލާ ނިޒާމްގެ މައްސަލަތަށް ދިމާވެ ފުއްޕާމެއަށް ގެއްލުންވުމަކީ އިޔާދަކުރެވޭ ވަރަށްވުރެ ބޮޑު ގެއްލުމެކެވެ. އަދި ނޭވާ ހިއްލާ ކުދިންނަށް އެކަމުގެ ނުރައްކާތެރިކަން ބޮޑު ކަމެކެވެ.

އިރުވައި މޫސުމުގައި އެއްވެސް ހުރަހެއްނެތި ކުނިކޮށިން އަރާ ދުންތައް ވަޔާއެކު ރަށުތެރެއަށް ފެތުރިގެން ދެއެވެ. މިދުވަސްވަރަކީ ކުނިކޮށިން އަރާ ދުމުގެ އުނދަގޫ ބޮޑު ދުވަސްވަރެކެވެ. ޖެހިގެން އޮތް ޒޯން ސްޓޭޑިއަމަކީ ކުޅުދުއްފުށީ އެތަށް ޒުވާނުންނަކާއި، ކުޑަކުދިން ކުޅެންދާ ތަނެކެވެ. އިރުވައި ވެއްޖެންޏާ ދުމާ ހެދި ނޭވާ ނުލެވެއެވެ. ހުޅަނގު ވެއްޖެނަމަ މެހީގެ އުނދަގޫ އެހާބޮޑެވެ. އާދައިގެ ގޮތަށް އުޅޭ މީހަކަށްވުރެ ކުޅިވަރު ކުޅޭ ވަގުތު އެ ކުޅުންތެރިންނަށް ދުމުގެ ނުރައްކާ ބޮޑެވެ. އެއީ ކުޅިވަރުކުޅޭ ވަގުތު އިތުރަށް އޮކްސިޖަން ހަށިގަނޑަށް ބޭނުންވުމުގެ ސަބަބުން ގިނައިން ނޭވާލާން ޖެހޭތީ ކަމަށް ސިއްހަތާބެހޭ އޮފިޝަލުން ވިދާޅުވެއެވެ. މިދުވަސް ކޮޅަކީ އަފީފުއްދީން ސްކޫލް ދަރިވަރުންނަށް ކިޔަވަން ދަތި ދުވަސް ވަރެކެވެ. ކުނިކޮށިން ދުވާ ނުބައިވަހާއި، އަރާ ދުމުގެ އުނދަގޫ ބޮޑުވެގެން ތިބެންޖެހިފައިވަނީ ކްލާސްތަކުގެ ހުރިހާ ދޮރެއް ލައްޕައިގެންނެވެ. އެހެން ނަމަވެސް މިހާ ހޫނު ގަދަ ދުވަސްވަރެއްގައި ދޮރުތައް ލައްޕައިގެން ތިބުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ހަމަ އެހެންމެ އެސަރަހައްދުގައި ދިރިއުޅޭ އާންމުންނަށްވެސް ދަނީ ކުނިކޮށީގެ ސަބަބުން އުނދަގޫ ފޯރަމުންނެވެ.

މިއީ ކަމާބެހޭ މުވައްސަސާތަކުން ވިސްނައި އަވަސް މުއްދަތެއްގެތެރޭގައި ރަނގަޅު ފިޔަވަޅެއް އަޅަންޖެހިފައިވާ މުހިންމު މައްސަލައެކެވެ. ސިއްހީގޮތުން ބޮޑެތި މައްސަލަތަކެއް އުފެދި ފުރާނައަށް ނުރައްކާވުމުގެ ކުރިން ހައްލުކުރަންޖެހޭ މައްސަލައެކެވެ. ކުޅުދުއްފުށި ފަދަ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެއްގައި ރަނގަޅު ފެންވަރުގެ، ކުނި ނައްތާލުމުގެ ނިޒާމަކީ އަސާސީ ޚިދުމަތެކެވެ. އުތުރުގެ 3 އަތޮޅުގެ ރަށްތަކުން ކުނި ނައްތާލާނެ ރަށެއް ކަނޑައަޅައި، އެފަދަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެކަމަށް ސަރުކާރުން ބުނިނަމަވެސް އެފަދަ އަމަލީ މަސައްކަތެއް ފެންނަމަކުން ނުދެއެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ވިދާޅުވީ ކުނިކޮށީގެ މައްސަލަ ވަރަށް ގިނަފަރާތުން އެކައުންސިލަށް ހުށަހަޅާފައިވާކަމަށާއި، އެކަންކަން ހައްލުކޮށްދެއްވުމަށް ކުނިކޮށި ބަލަހައްޓާ ފެނަކަ ކޯޕަރޭޝަންއަށް ދަންނަވާފައިވާނެކަމަށެވެ. އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އެފަރާތުން ވިދާޅުވެފައިވާކަމަށެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.