ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މިއަދު އިއްވެވި ރިޔާސީ ބަޔާނުން ކުޅުދުއްފުށީ ރައްޔިތުންނަށް އެންމެ ފާހަގަކުރެވޭނެ ދެ ނުކުތާއަކީ ކުޅުދުއްފުށީ އެއާޕޯޓާއި، ރީޖަނަލް ހޮސްޕިޓަލްގެ ވާހަކައެވެ.

ރާއްޖޭގެ އެކި އަތޮޅުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުފަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރަޙައްދީ ވައިގެ ބަނދަރުތައް ޤާއިމުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ މަސައްކަތްތަކުގެ ދަށުން ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ފ.ނިލަންދޫ، ގދ.މާވަރުލު، އަދި ގދ.ފަރެސްމާތޮޑާގައި ސަރަޙައްދީ ވައިގެ ބަނދަރު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް މިއަދު ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ރާއްޖޭގެ އުތުރުގައިވެސް ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ބޭރުގެ ފަރާތަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ރިޔާސީ ވަޢުދުތަކަކީ އެވަޢުދުތައް ފުއްދުމުން ނޫނީ ރައްޔިތުންނަށް މިހާރު ޤަބޫލްކުރަން އުނދަގޫ ކަމެކެވެ. ކުޅުދުއްފުށީ އެއާޕޯޓަކީ ޕީޕީއެމްގެ ވެރިކަމުގެ ފުރަތަމަ 2 އަހަރުތެރޭ ފުއްދަވަން ވެވަޑައިގެންނެވި ވަޢުދެކެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެތެރޭ އެ އެއާޕޯޓްގެ މަސައްކަތް ފަށާނެކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވެސްވެއެވެ. ނަމަވެސް ދިރިތިބީންނަށް އެކަން އެގޮތަކަށް ނުފެނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަކީވެސް ހަމަ އެފަދަ ވަޢުދެކެވެ. އިމާރާތަށް ބައެއްކަހަލަ ބަދަލު ގެނެސް މަރާމާތުކުރުން ފިޔަވައި އިތުރު މާބޮޑު ކަމެއް އަދި ނުފެނެއެވެ. އެ ހޮސްޕިޓަލަކީ މާލޭގެ ހޮސްޕިޓަލްތައް ފިޔަވައި އެންމެ ގިނަ މީހުން ޚިދުމަތް ހޯދާ ހޮސްޕިޓާކަމަށް މަތިން ފެށިގެން ތިރިއަށް އެންމެންވެސް ޤަބޫލުކޮށް އެވާހަކަ ދައްކާ އުޅެތެވެ. ނަމަވެސް އަމަލަކުން އެކަން ނުފެނެއެވެ.

ޤަބޫލްކުރަން އުނދަގޫ އެހެން ސަބަބުތައް ވެސް ފެނާން އެބަހުއްޓެވެ. ކުޅުދުއްފުށީ މަގުތަށް ހަދަން 2010 ވަނަ އަހަރު ފެށިއިރު، އެއްމެ މަގެއްވެސް ނިމިފައެއް ނެތެވެ. ހަމަ އެއަހަރު ހައުސިންގ ޔުނިޓްތަކެއް އަޅަން ފެށިނަމަވެސް ނިމިގެން އޭގެންތަނަކުން ބޯހިޔާކޮށްލެވުނު މީހަކު ނެތެވެ. ކުޅުދުއްފުށީ ކުރީގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފެންހިންދާ ނިޒާމެއް ޤާއިމްކޮށް ދަނޑު އަލުން އޮތްގޮތަށް ހެދުމަށް 6 މަސް ދިންނަމަވެސް، މަސްތައް އަހަރުތަކުގެ ގޮތުގައި ގުނަން ފެށުނުއިރުވެސް އެކަމެއް ނުނިމެއެވެ. މިހިރަ މިހިރަ ކަންކަމަށް ބަލާއިރު އެއްވެސްކަމެއް ނިމުމުގެކުރިން އެކަމެއް ވާނެކަމަށް ހީކުރުމުގެ ނުވަތަ އުއްމީދުކުރުމުގެ ފުރުޞަތުވެސް އޮތްކަމަކަށް ނުފެނެއެވެ.

ކުޅުދުއްފުށްޓަކީ ގެދޮރުގެ ދަތިކަން އޮތްތަނަކަށް ވެފައި ހައުސިންގ ޔުނިޓްތައް ނިމިފައިނުވާއިރު، އެކަމާ ބެހޭގޮތުން ރައީސްގެ ބަސްފުޅެއް ނުއިވުމަކީ ހިތް ނުތަނަވަސް ވާކަމެކެވެ. މިއަހަރު ނިމޭއިރު 13 އަތޮޅެއްގައި 25 ރިޒޯޓް، އަދި ގއ.ކޫއްޑޫގައި ޓޫރިސްޓް ހޮޓަލެއް ހުޅުވި، 5275 އެނދު އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުއިރު، ޓުއަރިޒަމް ނެތް މި ހދ.އަތޮޅުގެ ރިސޯޓް އަޕްޑޭޓެއް ނުލިބުމަކީ އެތައް ބައެއްގެ ސުވާލު އޮތް ހިސާބުގައި ބާއްވަން ޖެހުން ސަބަބެކެވެ. ސަރަހައްދީ ކަނޑުގެ ބަނދަރެއް އޮވެ، އެތަން ވީރާނާ ވަމުންދާއިރު، އެތަނާމެދު އުއްމީދެއް އާވާފަދަ ބަހެއްނަމަވެސް ވިދާޅުވާނެކަމަށް ގިނަ ރައްޔިތުން އުއްމީދުކުރާނެއެވެ. ރިޔާސީ ބަޔާނެއްގައި ކޮންމެ ރަށެއްގެ ވާހަކަ ވަކިވަކީން ގެނައުމަކީ ވާނެކަމަށް ނޫނެވެ. ނަމަވެސް މިއީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް، އުތުރުގެ ހިތްކަމުގައި ބުނާ ކުޅުދުއްފުށި ވީމާ ޚާއްޞާވާނެކަމަށް ހީކުރެވުނީއެވެ. އެހެންނަމަވެސް އެއީ ކިޔުމުގައި ނުވަތަ ބުނުމުގައި އޮންނަ ޚާއްޞަ އަމަލުން ނުފެންނަ ޚާއްޞަކަމެއްކަންވެސް އެނގޭމެއެވެ.

ދިވެހިރާއްޖޭގެ ތާރީޚް ދައްކާގޮތުން ކޮންމެ 5 އަހަރުން 1 އަހަރަކީ ކަޑަޖެހުމުގެ އަހަރެކެވެ. އެގޮތަށް ރައްޔިތުންވެސް ހޭނިއްޖެއެވެ. އެގޮތުން 2017 ވަނަ އަހަރު ކުޅުދުއްފުށީގައިވެސް ތަފާތު ކަޑަތައް ޖަހާނެކަމާމެދަކު އެއްވެސް ރައްޔިތަކު ޝައްކެތްވެސް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz