މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ފުރަތަމަ ލެގުގެ މެޗް ކުޅުދުއްފުށީ ޓީމް ކާމިޔާބުކޮށްފިއެވެ.

ހއ.ހޯރަފުށީގައި މިއަދު ހަވީރު ކުޅުނު މިމެޗް ހދ.އަތޮޅު ޗެމްޕިއަން ކުޅުދުއްފުށީ ޓީމް ކާމިޔާބުކުރީ ހއ.އަތޮޅު ޗެމްޕިއަން މާރަންދޫ ޓީމާ ވާދަކޮށް 2-0 ންނެވެ. ކުޅުދުއްފުށީ ޓީމްގެ 2 ގޯލްވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. މެޗްގެ 9 ވަނަ މިނެޓްގައި ކުޅުދުއްފުށީގެ ފުރަތަމަ ގޯލް ޙުސައިން އަބްދުއްރަޝީދު (ބިގޭ) ކާމިޔާބުކޮށްދިންއިރު، މެޗްގެ 29 ވަނަ މިނެޓްގައި އެ ޓީމްގެ 2 ވަނަ ގޯލް ކާމިޔާބުކޮށްދިނީ އިބްރާޙީމް ޙަސަން (ކުޑަ އިއްބެ) އެވެ.

ކުޅުދުއްފުށީ ޓީމަށް ސަޕޯޓްކުރުމަށްޓަކައި ކުޅުދުއްފުށިން ހާހެއްހާ މީހުން މިއަދުވަނީ ހޯރަފުއްޓަށް ގޮސްފައެވެ.

ޒޯން ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މިދެޓީމް ވާދަކުރާ ދެވަނަ ލެގްގެ މެޗް އޮންނާނީ މިމަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށީގައެވެ.  އެ މެޗަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް ޒޯން އެކެއްގެ ޗެމްޕިއަންކަން ލިބޭނެއެވެ. ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz