ރޯދަ މަހާ ދިމާކޮށް ޕްރޮމޯޝަންތަކުގެ ނަމުގައި ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާއާއި ރާސްޓަސް އަދި ރީލޯޑް ހޯދާ ފަރާތްތައް ގިނަ ވާ ކަމަށާއި އެކަމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފި އެވެ.

ފުލުހުން ހާމަކުރެއްވިގޮތުގައި ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް އާންމު ގޮތެއްގައި ވިޔަފާރި ވެރިންނާއި ކުންފުނިތަކުން ތަފާތު އެކި ޕްރޮމޯޝަންތަކާއި ސޭލްސްތައް ކުރިއަށްގެންދެ އެެވެ. އެހެންކަމުން އެފަދަ ޕްރޮމޯޝަންތަކުގެ ނަމުގައި ބައެއް އެހެން ފަރާތްތަކުން ދަނީ މަކަރާއި ހީލަތުން އާންމުންގެ އަތުން ފައިސާ ހޯދަމުންނެވެ.

އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ތަފާތު ޓްރެންޑްތައް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މީސްމީހުންނަށް ފޯނުން ގުޅައި ފޯނުން ކުރިއަށް ގެންދާ ކުއިޒެއްގައި ބައިވެރިވެވިފައިވާ ކަމަށް ބުނެ ތަފާތު އެކި ސުވާލުތައް ކުރިމަތިކުރުވައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންމެވެސް ނަންބަރަކަށް ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވަންޖެހޭ ކަމަށް ނުވަތަ ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދިފައި ހުންނަކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ ބޮޑެތި އިނާމުތައް ހުށަހަޅާ އެފަދަ ފަރާތްތަކުން ވަނީ އާންމުންގެ ފަރާތްތަކުންގެ ލޮލުގައި އަނދުން އަޅާފައި ކަމުގައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މިފަދަ މައްސަލަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ކުޑަކުރެވޭނީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރެވިގެން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ރާއްޖޭގައި ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ރީލޯޑް އަދި ރާސްޓަސްއަށް އެދިފައި ނުވާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި އެކައުންޓްއަށް ފައިސާ ފޮނުވާ ފަދަ އެއްވެސް ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވާފަ އެވެ.

އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު އެންމެބޮޑު މަސައްކަތެއް ކުރެވޭނީ އާންމުން ހޭލުންތެރިވެގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޕްރޮމޯޝަންތަކުގެ ނަމުގައި ފޯނުންގުޅައިގެން މަކަރާއި ހީލަތުން ފައިސާ އަތުލާ ފަރާތްތަކަށް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ ސަމާލުކަން ދެއްވައިފިނަމަ އެއީ މިފަދަ މައްސަލަތައް ހުއްޓުވުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.