ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިހާރު އަމަލީ މަސައްކަތް ފަށާފައިވާ ޔޫތް ސެންޓަރަކީ މަދު ވަސީލަތްތަކަކާއެކު ޤާއިމްކުރެވޭ ސެންޓަރަކަށްވާތީ އެކަން ޔޫތް މިނިސްޓަރގެ ސަމާލުކަމަށް ގެންނަވައިފިއެވެ.

މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރިތިޝާމް އަދާމްއަށް އެޑްރެސްކުރައްވައި ކުޅުދުއްފުށީ ކައުންސިލުން އިއްޔެ ފޮނުއްވި ސިޓީގައިވާގޮތުގައި ކުޅުދުއްފުށީގައި މިހާރު އިމާރާތް ކުރަމުންދާ ޔޫތް ސެންޓަރަކީ މަދު ވަސީލަތްތަކަކާއެކު ޤާއިމްކުރެވޭ ސެންޓަރެއްކަން އެކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. އަދި އެކަމުގެ ޝަކުވާ ކުޅުދުއްފުށީ ޒުވާނުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ މިދަނޑުވަޅުގައި، އެކަން އެގޮތަށް ވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.

ޔޫތް ސެންޓަރުތަކަކީ ޒަމާނީ ވަސީލަތްތަކާއެކު އިންޑޯ ގިނަ ކުޅިވަރުތަކެއް ކުޅެވޭގޮތަށް ހެދިގެންދާ ތަނަކަށްވާއިރު، އެފަދަ އެއްވެސް ސިފައެއް ކުޅުދުއްފުށީ އަޅަމުންދާ ސެންޓަރގައި ނެތުމަކީ ހިތާމަކުރާކަމެއްކަމަށް ބުނެފައިވެއެވެ. އެހާ ގިނަ ދުވަސްތަކެއްގެ ފޮނި އިންތިޒާރު ހިތިކޮށް ފެންނާކަށް ކުޅުދުއްފުށީ ކުޅިވަރަށް ލޯބިކިރާ އެއްވެސް ޒުވާނަކު ބޭނުމެއް ނުވާނެކަމަށާއި، އެދެނީ ޔޫތް ސެންޓަރެއް އެޅިގެންދާއިރު ވީޙާވެސް ގިނަ ކުޅިވަރުތައް އެއްތަނެއްގައި ކުޅެވޭގޮތަކަށް ތަން ބައްޓަންވެގެން ދިއުންކަމަށް ބުނެފައިވެއެވެ. ޔޫތް ސެންޓަރގައި މިހާރު ހިމެނިފައިވާ ކުޅިވަރުތަކުގެ އިތުރުން ބާސްކެޓް، ނެޓް ބޯޅަ އަދި ވޮލީވެސް ކުޅެވޭނެގޮތަކަށް ފަރުމާކުރުމަކީ ކުޅުދުއްފުށީ ކައުންސިލާއި، ޒުވާނުންގެ ވަރަށް ބޮޑު އެދުމެއްކަމަށް ކައުންސިލްގެ ރައީސް އަބްދުއްލަތީފް ޙަސަން ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

ކުޅުދުއްފުށީ ކައުންސިލްގައި މިޖޫންމަހުގެ 14 ވަނަ ދުވަހު އޮތް ބައްދަލުވުމެއްގައި ކުޅުދުއްފުށީ ޒުވާނުން ވަނީ ޔޫތް ސެންޓަރާ ގުޅޭގޮތުން އެފަރާތްތަކަށް ފާހަގަކުރެވިފައިވާ ގިނަ ކަންތައްތަކެއް ކައުންސިލާ ހިއްސާކޮށްފައެވެ. އެގޮތުން އެ ކޮމްޕްލެކްސްގައި، ބާސްކެޓް ބޯޅައާއި، ނެޓް ބޯޅައާއި، ވޮލީ ބޯޅަ ފަދަ ކުޅިވަރުތައް ކުޅޭނެ ކޯޓްތައް ނެތްކަން ފާހަގަކޮށްފައިވެއެވެ.

މި ޖޫންމަހުގެ 10 ވަނަ ދުވަހު އަމަލީ މަސައްކަތް ފަށާފައިވާ 125 ފޫޓް ދިގު 52 ފޫޓް ފުޅާ މި އިމާރާތުގައި ހިމެނެނީ ބިލިޔާޑާއި، ބެޑްމިންޓަން ކޯޓަކާއި، ޖިމްއެއްގެ އިތުރުން ސެމިނާ ހޯލެއް އަދި އޮފީހެއްކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz