ހދ.ހަނިމާދޫއާއި، ހއ.ހޯރަފުށީގައި ބޯފެނުގެ ނިޒާމް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީއާއި، މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އާ ދެމެދު ސޮއިކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ފަޒުލް ރަޝީދެވެ.

އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫޢު އެކުންފުންޏާ ޙަވާލު ކުރެވިފައިވަނީ 99,089,166.00  (ނުވަދިހަ ނުވަ މިލިއަން އަށްޑިހަ ނުވަހާސް އެއް ސަތޭކަ ފަސްދޮޅަސް ހަރުފިޔާ ރުފިޔާ) އަށެވެ.
މިމަޝްރޫޢުގެ ދަށުން ހއ.ހޯރަފުށީގައި 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވޭނެއެވެ. އަދި 78 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ. އަދި ހދ.ހަނިމާދޫގައި 16 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވި، 84 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ.

މި މަޝްރޫޢު ނިމޭއިރު ހދ.ހަނިމާދޫ އަދި ހއ.ހޯރަފުށީގައި ބޯފެނުގެ ޚިދުމަތް ޤާއިމްވެ، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުޢައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅާ ދެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 16 މަސް ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz