ކުޅުދުއްފުށީ ހިރަފުސް ދަނޑުން އިންތިޒާމްކޮށްގެން ބާއްވާ ހިރަފުސް ކަޕްގެ މިއަހަރުގެ މެއިން ސްޕޮންސަރއަކަށް ޕެންޓަގްރާމް ފިހާރަ ހަމަޖެހިއްޖެއެވެ.

ހިރަފުސް ކަޕް 10 ގެ ގުރުއަތުލުމަށް ހިރަފުސް ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ މެއިން ސްޕޮންސަރއާ އެކު ސޮއިކޮށްފައެވެ. ހިރަފުސް ދަނޑު ހިންގާ ސްކައި ޖަމްޢިއްޔާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ އެޖަމްޢިއްޔާގެ ރައީސް މުޙައްމަދު ޙަސަން (ޕޯޓޭ) އެވެ. ޕެންޓަގްރާމްގެ ފަރާތުން ސޮއިކުރެއްވީ އެފިހާރައިގެ އޯނަރު މާހިރު ޢަބްދުﷲ އެވެ. ހިރަފުސް ކަޕް 9 ވެސް ސްޕޮންސަރކޮށްފައިވަނީ ޕެންޓަގްރާމުންނެވެ.

މި މުބާރާތުގެ 10 ޓީމްގައި ޖުމްލަ 190 ކުޅުންތެރިން ބައިވެރިވާއިރު، މިމުބާރާތް ކުރިއަށްދާނީ 10 ޓީމް 2 ގްރޫޕަކަށް ބަހާލައިގެން، 2 ގްރޫޕުން އެންމެ  ގިނަ ޕޮއިންޓް ހޯދާ 2 ޓީމެއް، ޖުމްލަ 4 ޓީމް ސެމީއަށް ގޮސް ކްރޮސްކޮށް ކުޅޭ ގޮތަށެވެ.

ޒުވާނުންނަށް ފުޓްބޯޅަ މުބާރާތެއް ގެނެސްދިނުންމާއި، ކުޅިވަރު ކުޅޭ ޒުވާނުންގެ މެދުގައި އެކުވެރިކަން، އަދި އެއްބައިވަންތަކަން އާލާކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމްތަކަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި މުބާރާތުގެ ދެވަަނައަށް އެންމެ މޮޅު ކުޅުންތެރިޔާ އާއި މުބާރާތުގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ގޯލް ކީޕަރު، 35 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާ، ކޮންމެ މެޗެއްގެ މެއިން އޮފް ދަ މެޗް، ޗެމްޕިއަން ޓީމް، އަދި ރަނަރަފް ޓީމެވެ.

މިދިއަ އަހަރުގެ ޗެމްޕިއަން ޓީމަކީ ކްރިޕްޓަން އެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz