ފޮޓޯ: އަބްދުލްމުހައިމިން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ޒަމާނީ ފެންވަރުގެ ޙިދުމަތް ދިނުމަށް އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލްފްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔތެއްގައި ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެންއައިއައި އާ ހަވާލުކުރެއްވި ލިޔުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފައިސަލް ޚާންއާ ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވީ ސިއްހީ ގިނަ ކުރިއެރުންތަކެއް ރާއްޖެއިން ހޯދި ނަމަވެސް މި ވެރިކަން އައުމުގެ ކުރިން އޮތް ސިއްހީ ހާލަތުން އަދިވެސް އަރައި ނުގަނެވިފައިވާ ކަމަށެވެ. ރާއްޖޭގެ ސިއްހީ ދާއިރާއަށް ގެންނަމުންދާ ބޮޑެތި ބަދަލުތަށް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ވީރާނާވެފައިވާ އައިޖީއެމްއެޗް އާ ހޮސްޕިޓަލަކަށް ހަދައި އަތޮޅު ތެރޭގެ ސިއްހީ އިމާރާތްތައް މަރާމާތުކޮށް ތަރައްގީ ކުރުމަށް މި ސަރުކާރުގެ ތިން އަހަރާ ބައިގެ ތެރޭގައި 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ތަރައްޤީވަމުންދާނެ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައެވެ. އެގޮތުން ފުރަަތަމަ 30 ދުވަހުގެ ތެރޭގައި، އާންމު ބަލިތަކުގެ ފަރުވާދެއްވާ ޑޮކްޓަރުންނާއި، އަންހެނުންގެ ބަލިތަކުގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ޚާއްޞ ޑޮކްޓަރުންގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އަދި މި މުއްދަތުގެ ތެރޭގައި ހޮސްޕިޓަލްގެ މުވައްޒަފުންނާއި ނަރުހުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.

އަދި 90 ދުވަސްތެރޭގައި އޮޕަރޭޝަން ތިއޭޓާރ އަޕްގްރޭޑްކޮށް ކަކޫ އަދި ހިޕް ރިޕްލޭސްމެންޓްގެ ހިދުމަށް ފެށި ނާރުގެ ސާޖަރީ އާއި ފުއްޕާމޭގެ ސާޖަރީގެ ހިދުމަތް ފެށިގެންދާނެ އެވެ. މީގެ އިތުރުން ސީޓީ ސްކޭން ކުރުމާއި، އެމްއާރުއައިގެ ޚިދުމަތުގެ އިތުރުން ނިއުރޮލޮޖީ، ކާޑިއޮލޮޖީ، ގޭސްޓްރޯވް އަދި ޔޫރޮލޮޖީ ސުޕަރ ސްޕެޝަލިޓީގެ ޑޮކްޓަރުންގެ ޚިދުމަތް ތައާރަފްކޮށް، ބައިނަލްއަގްވާމީ ފެންވަރުގެ ތެލަސީމިއާ ސެންޓަރެއްވެސް ގާއިމްކުރެވިގެން ދާނެއެވެ.

240 ދުވަހުގެ ތެރޭގައި ހޮސްޕިޓަލަށް 50 އެނދު އިތުރު ކުރެވި ހިތުގެ ބަލިތަކަށް ޚާއްޞަ ކެތްލެބްގެ ޚިދުމަތާއި ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ފެސިލިޓީގެ ޚިދުމަތް ފެށިގެން ދާނެއެވެ. އަދި 480 ދުވަހުގެ ތެރޭގައި އިތުރުން 50 އެނދު އިތުރު ކުރެވި އެއަށްފަހު ނޫރުއިސްލާމިކް އިންޓަނޭޝަނަލް ކޮލެޖް އޮފް އެޑިއުކޭޝަންގެ މަސައްކަތް ފަށާ ކެންސަރު ފައުންޑޭޝަންގެ މަސައްކަތް ފެށިގެން ދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައިވަނީ އެންއައިއައިގެ ފަރާތުން އަލަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާ ލިޔުން ހަވާލުކޮށްފައެވެ. ލިޔުން ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމެވެ.

 

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz