އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓުގެ ޙުކުމްތަކާއި އަމުރުތަކަށް ތަބާނުވެ އެ ކޯޓުގެ ޙުރުމަތް ކެނޑިކަމަށްވެ، އެ ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސްގެ މަގާމުގައި އޭރު ތިއްބެވި ދެބޭފުޅުން، އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިބުމުގެ ޙައްޤާއި ހައިސިއްޔަތުވެސް ގެއްލިއްޖެކަމަށް ކަނޑައަޅައި، އެ ދެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމެއް މިއަދުވެސް އެބައޮތެވެ. އެއީ، އެ ކޯޓުގެ ނަންބަރު SC-SM/15/2014 (9 މާރިޗު 2014) ޤަޟިއްޔާގެ ޙުކުމެވެ.

3 އަހަރު ފަހުން، މިއަދުގެ އީސީއަށްވެސް މިއޮތީ، ސުޕްރީމް ކޯޓުގެ ޙުކުމަކާއި އަމުރަކަށް ޢަމަލުކުރަންޖެހިފައެވެ. އެއާ އެއްގޮތަށް ޢަމަލުނުކުރާކަމަށް ބުނާނެ ފުރުޞަތު ދެވޭގޮތަށް ޢަމަލުކުރެވިފައެވެ.

13 ޖުލައި 2017 ގެ ސުޕްރީމް ކޯޓުގެ ޙުކުމާއި (ޙުކުމް) އާއި 14 ޖުލައި 2017 ގެ ސުޕްރީމް ކޯޓުގެ އަމުރާ (އަމުރު) އެއްގޮތަށް ޢަމަލުކުރުމުގައި، އީސީއަށް ދެކަމެއް ލާޒިމުވާކަމަށް ދެކެމެވެ. އެއްކަމަކީ، އިދާރީ ކަމެކެވެ. އަނެއްކަމަކީ، ޤާނޫނީ ކަމެކެވެ.

އިދާރީކަމަކީ، މަޖިލިސް މެންބަރަކު ޕާޓީން ކަނޑާލިކަން އީސީއަށް އޭނާ ނިސްބަތްވާ ޕާޓީއަކުން އެންގުމުން، އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުމެވެ. އަދި، ޤާނޫނީ ކަމަކީ، ޕާޓީން ވަކިކުރި މެންބަރު ސުޕްރީމް ކޯޓުގެ ޙުކުމުގެ ތެރެއަށް ވަންނަނީ ނުވަތަ ނުވަންނަނީ، ކިހާވަރަކަށްކަން ބަލައި ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅު އެޅުމެވެ. ޙުކުމުގެ ތެރެއަށް ވަންނަނަމަ، އެކަމުގެ ސަބަބުތައް ސާފުކޮށް ބަޔާންކޮށް، ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅައި، ބައި އިލެކްޝަނަށް ގޮވާލުމެވެ. ޙުކުމުގެ ތެރެއަށް ނުވަންނަނަމަ، ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުގެ ހައިސިއްޔަތެއް އީސީއަށް ނެތްކަމަށް ބަލައި، އެކަމުގެ ސަބަބުތައް ސާފުކޮށް ބަޔާންކޮށް، އެކަން އެ މެންބަރަކަށާއި އޭނާ ކަނޑާލި ޕާޓީއަކަށް އެންގުމެވެ.

މި ދެންނެވި ޤާނޫނީ ވާޖިބު އަދާކުރަން، ނުވަތަ ގޮނޑި ގެއްލިއްޖެކަން ކަނޑައަޅަން މިއޮތީ، ޕާޓީއަކުން ނުވަތަ ރައްޔިތުންގެ މަޖިލީހަކުން ނޫނެވެ. އެކަން ކުރަން މިއޮތީ އީސީއަށެވެ. ޕާޓީން ކުރާކަމަކީ، ޕާޓީން ކަނޑާލިކަން އެންގުމެވެ. އެހާހިސާބުން، އީސީގެ އިދާރީ ދައުރާއި ޤާނޫނީ ދައުރު ހިނގަންފަށަން ޖެހެއެވެ. ފުރަތަމަ ކުރަންޖެހެނީ، އިދާރީ ކަމެކެވެ. ދެން ކުރަންޖެހެނީ، ޤާނޫނީ ކަމެކެވެ.

ކުރިންވެސް ދެންނެވިހެން، އިދާރީ ކަމަކީ، ޕާޓީ ދަފުތަރުން މެންބަރުގެ ނަން އުނިކޮށްފިކަމަށް ރައްޔިތުންގެ މަޖިލީހަށް އެންގުމެވެ. ޤާނޫނީ ކަމަކީ، ބައި އިލެކްޝަން އިޢުލާނުކުރަންޖެހޭފަދަ ވަކިކުރުމެއްކަން ކަނޑައެޅުމެވެ.

އިދާރީ ދައުރު އަދާކުރުމުގައި ޕޯސްޓްމޭނެއްގެ ދައުރު އީސީން އަދާކުރިނަމަވެސް، ޤާނޫނީ ދައުރު އަދާކުރުމުގައި ޕޯސްޓްމޭނެއްގެ ދައުރު އީސީއަކަށް އަދައެއް ނުކުރެވޭނެއެވެ. ބައި އިލެކްޝަން އިޢުލާންކުރަންޖެހޭފަދަ ވަކިކުރުމެއްކަން ނިންމަންޖެހޭނީ، ސުޕްރީމް ކޯޓުގެ ޙުކުމަށް ވަރަށް ބޮޑަށް ބަލައިގެން، އެ ކޯޓުގެ އަމުރުވެސް ކުރިމަތީ ބާއްވައިގެން، ވަކިވި ކޮންމެ މެންބަރެއްގެ މައްސަލަ ވަކިން ދިރާސާކޮށްގެންނެވެ. ޕާޓީން ކަނޑާލާ ކޮންމެ މެންބަރެއްގެ ގޮނޑިއަކީ، އޭނާގެ މަޖިލިސް ގޮނޑި ހުސްވާންޖެހޭފަދަ ވަކިކުރުމަކަށް ފަހަރުގައި ނުވެދާނެތީއެވެ.

މިހެން މިދަންނަވާ ސަބަބެއްވެސް އެބައޮތެވެ. ރައްޔިތުންގެ މަޖިލިހުގެ މެންބަރުން އެ މަޖިލީހުގައި މިއަދު އެކުލެވިގެންވާ ގޮތަށް ބަލާއިރު، ޕާޓީ ޓިކެޓުގައި އިންތިޚާބުވެ އެގޮތުގައި ތިބި މެންބަރުންނާއި، އަމިއްލަ މެންބަރެއްގެ ގޮތުގައި އިންތިޚާބުވެ ފަހުން ޕާޓީއަކަށް ވަތް މެންބަރުންނާއި، ހޮވުނު ޕާޓީ ނޫން އެހެން ޕާޓީތަކުގައި ތިބި މެންބަރުންނާއި، ޕާޓީ ޓިކެޓުގައި އިންތިޚާބުވިނަމަވެސް، އެކި ސަބަބުތަކާހެދި އެ ޕާޓީން ވަކިކޮށްފައި ނުވަތަ ވަކިވެފައިވާ މެންބަރުންވެސް ހިމެނޭތީއެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާއި އަމުރުގެ އަލީގައި އީސީން އަންނަނިވި ކަންކަމަށް ވިސްނަންޖެހޭނެކަމަށް ދެކެމެވެ.

ފުރަތަމަ ކަމަކީ، ސުޕްރީމް ކޯޓުގެ ޙުކުމް ބެންޗްމާކް ކޮށްފައިވަނީ، ނުވަތަ ބިނާކޮށް ގުޅުވާފައިވާ މިންގަނޑަކީ، ޢާންމު އިންތިޚާބު ކަމުން، ގޮނޑި ގެއްލޭނީ ހަމައެކަނި ޕާޓީއަކުން ވަކިވުމުން ނޫންކަމާއި ޢާންމު އިންތިޚާބުގައި ވާދަކުރަން އޭނާ ބޭނުންކުރި ޓިކެޓު ނިސްބަތްވާ ޕާޓީން ވަކިކުރުމުންކަން ނުވަތަ ވަކިވުމުންކަން؛

ދެވަނަ ކަމަކީ، އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްގެން އިންތިޚާބުވި މެންބަރުން ސުޕްރީމް ކޯޓުގެ ޙުކުމުގެ ތެރެއަށް އެއްވެސް ޙާލަތެއްގައި ނުވަންނަކަމާއި، މުޅި ޙުކުމް ބިނާވެފައިއޮތީ، އިންތިޚާބުގައި ޕާޓީ ޓިކެޓުގައި ވާދަކުރާ މެންބަރުންގެ މައްޗަށް އެކަނިކަން؛ އަދި

ތިންވަނަ ކަމަކީ، ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކުރާގޮތުން، ވަކިކުރުމުގެ މަރުޙަލާތައް ނުވަތަ އޭގެން ބައެއް ނަމަވެސް ހިނގާފައިވަނީ، ޙުކުމުގެ ކުރިން ކަމުގައިވާނަމަ، އެ ޙުކުމް އެ މެންބަރެއްގެ މައްޗަށް ނުހިނގާނެކަމާއި، ސުޕްރީމް ކޯޓުގެ ޙުކުމް ހިނގާނީ، އެ ޙުކުމުގެ ފަހުން ޕާޓީން ވަކިވުމުގެ ނުވަތަ ވަކިކުރުމުގެ އިޖުރާޢަތުތައް އަލަށް ފަށާ މެންބަރުންނަށް ކަން.

ޕާޓީން ކަނޑާލާ ކޮންމެ މީހެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅަމުން ދިޔުމަކީ، ސުޕްރީމް ކޯޓުގެ ޙުކުމަށް ތަބާނުވިކަމަށް ބެލުމުގެ ފުރުޞަތު ހުޅުވިގެން ހިނގައިދާނެ ކަމެކެވެ. އަދި، މަޖިލީހަށް އިންތިޚާބުކޮށްފައިވާ މެންބަރުންގެ ޙައްޤަށްވެސް ނުޙައްޤުން އަރައިގަނެވެނީކަމަށް ބެލުމުގެ ޖާގަ ހުޅުވިގެންދާ ކަމަކަށް ވެދާނެ ކަމެކެވެ.

ދައުލަތުގެ މިނިވަން މުއައްސަސާއަކުން މަސްއޫލިއްޔަތު އަދާކުރުމުގައި، މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅަންވާނީ، ބަލަންޖެހޭ ހުރިހާ ބެލުންތަކެއް ބެލުމަށްފަހު، ޝައްކަކަށް ޖާގަ ނުލިބޭވަރަށް ކަންކަން ޔަޤީންކުރުމަށްފަހުގައެވެ. ރައްޔިތުން އިންތިޚާބުކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ފޮނުވާ މެންބަރަކު، މަޖިލީހުން ވަކިކޮށް ގޮނޑި ހުސްވެއްޖެކަމަށް ކަނޑައެޅުމެގެ ބާރަކީ، ވަރަށް ޒިންމާދާރުކަމާއި ނުހަނު ފަރުވާތެރިކަމާއެކު އަދާކުރަންޖެހޭނެ، ބަރު އަދި ބުރަ ޒިންމާއެކެވެ.

އީސީން ބަލަންވާ ވަރަށް ބަލައި، ސުޕްރީމް ކޯޓުގެ ޙުކުމުގެ މަންފާ މެންބަރުންނަށް ދެވެން އޮތް ޙާލަތުގައި އެ މަންފާ ނުލިބޭގޮތަށް، ގޮނޑި ހުސްވެއްޖެކަމަށް ބަލަމުން ދިޔުމުން، އޭގެ ނަތީޖާއަކަށް މިވަނީ، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން ޙައްލެއް ލިބޭތޯ އެ މެންބަރު އުޅެންޖެހުމެވެ.

ޕާޓީއަކުން އެދޭގޮތަށް ޢަމަލު ނުކޮށްގެން އެ ޕާޓީން މެންބަރު ވަކިކުރިނަމަވެސް، އެމީހުންދެކެ އީސީގެ މެންބަރުން ހިތްހަމަނުޖެހެންޖެހޭ ސަބަބެއް ނެތެވެ. އަދި، އެއީ، އެ މެންބަރުންނާމެދު ފިޔަވަޅުއެޅުމުގައި، “ޑިޔު ޑިލިޖެންސް” ގެ އުސޫލުން ޢަމަލުނުކުރަންވީ ސަބަބެއްވެސް ނޫނެވެ.

ސުޕްރީމް ކޯޓުގެ ޙުކުމަށްފަހު، އީސީން ނިންމެވި ބައެއް ކަންކަމަކީ، ބަލަންވާވަރަށް ނުބަލައި ނިންމުނު ކަންކަން ކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ.

މިސާލަކަށް:

  1. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދަކީ، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވި މެންބަރެއްކަމާއި އޭނާ ޕާޓީއަކާ ގުޅުނީ އޭގެފަހުންކަން، އެއީ، ޢާންމުކޮށް އެންގެން ހުރި މަޢުލޫމާތެވެ. އީސީގައި ގަވާއިދުން ހުންނާނެ މަޢުލޫމާތެވެ. އީސީގެ އަމިއްލަ ލިޔުމެއްކަމަށްވާ  2014ގެ ޢާންމު އިންތިޚާބުގެ ކެންޑިޑޭޓުންގެ ލިސްޓު ބަލާލިޔަސް ފެންނަން އޮންނާނެ މަޢުލޫމާތެވެ. އެހެންކަމުން އޭނާ ސުޕްރީމް ކޯޓުގެ ޙުކުމުގެތެރެއަށް ވަންނާނެގޮތެއް ވިސްނައެއް ނުގަނެވެއެވެ.
  2. ކުރިން ޕާޓީއަކުން ކަނޑާލިކަން އަންގާފައިވާ މެންބަރުންނަކީ، ނުވަތަ ޙުކުމުގެ ކުރިން ވަކިކުރުމުގެ އިޖުރާޢަތުތައް ފެށިފައިވާ ނުވަތަ ނިމިފައިވާ މެންބަރުންނަކީ، ސުޕްރީމް ކޯޓުގެ ޙުކުމާއި އަމުރުގެ ތެރެއަށް ނުވަންނަ، އަދި، އެ ކޯޓުގެ އަމުރުގައި ބަޔާންކުރާ “މާޒީއަށް ދިޔުމާ ޚިލާފު އުސޫލު” ގެ ރައްކާތެރިކަން ލިބިގެންވާ މެންބަރުންކަމަށް ބެލެވިދާނެތީ، އެ މެންބަރުންނަކީ، އެ އަމުރުގެ މަންފާ ލިބެންވާނެ މެންބަރުންކަމަށް ބެލުމުގެ ސާފު ޖާގަ އެބައޮތެވެ.
  3. ގޮނޑި ހުސްވިކަމަށް ކަނޑައެޅި މެންބަރުންގެ ތެރޭގައި ހޮވުނުއިރު އެހެން ޕާޓީއެއްގައި، އަދި ވަކިވިއިރު އެހެން ޕާޓީއެއްގައި ހުރި މެންބަރަކުވެސް އެބަހުއްޓެވެ. މާނައަކީ، އޭނާ ކަނޑާލީ، އޭނާ ހޮވުނު ޕާޓީއަކުން ނޫނެވެ. މިކަމަކީ، ސުޕްރީމް ކޯޓުގެ ޙުކުމުގައި އަލިއަޅުވާލާފައިވާ ޙާލަތެއްވެސް ނޫނެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ، މީހެއްގެ ދުސްތޫރީ ނުވަތަ ޤާނޫނީ ޙައްޤަކަށް އަސަރުކުރާނެ އުސޫލެއް ތަންފީޒުކުރާ މީހާ ނުވަތަ ބަޔަކު، އެ އުސޫލެއް މާނަކުރަންވާނީ، ޙައްޤަށް އުނިކަން އަންނަބައި ވީހާވެސް ހަނިކޮށް، ޙައްޤުގެ މަންފާ ލިބޭބައި ވީހާވެސް ފުޅާކޮށް، އެ އުސޫލުގެ ދަށުވާންދާ މީހާއަށް އެ އުސޫލުގެ މަންފާ އެންމެބޮޑަށް ލިބޭގޮތަށެވެ.

ނޯޓް: މިއީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ މުޙައްމަދު ނަޝީދުގެ ވެބްސައިޓް http://www.mnasheed.com ގައި ނަޝީދު ލިއުއްވާފައިވާ ލިއުމެކެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.