ޕީޕީއެމްގެ “ރުމާލު 2” ޖަގަހައިގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓަރ ތޯރިގް އިބްރާޙީމް ވިދާޅުވީ ރާއްޖެ މިހާތަނަށް ވެސް ތަރައްޤީ ނުވެ އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކަން ކުރަން އެނގިވަޑައި ނުގެންނެވުމުން ކަމަށެވެ.

ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ވެސް ފުރިހަމަ ކޮށްދީފައި ނުވާ ކަމަށެވެ. އަދި އެކަންކަން ކުރައްވަން އެނގިވަޑައި ނުގެންނެވީ އެ މަސައްކަތްތައް ކުރުމަށްޓަކައި ހޯދަން ޖެހޭ ފައިސާ ވެސް ހޯއްދަވަން އެނގި ވަޑައިނުގެންނެވުމުން ކަމަށެވެ. އަދި ތަރައްގީ ކުރަން އެނގޭނީ ފައިސާ ހޯދަން ދަންނަ ވެރިންނަށް ކަމަށާއި މީގެ ކުރިން ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެކަން ކުރައްވަން އެނގިވަޑައިނުގަތް ކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ. ތޯރިގް މިހެން ވިދާޅުވިއިރު ހދ.ނޮޅިވަރަންފަރުގެ ބައެއް ހައުސިން ގެތަކަށް އަޅާފައިވާ ނަރުދަމާގެ ޕަންޕް މައްސަލަ ޖެހޭތީ އެކަން ހައްލުކޮށް ދެއްވުމަށް އެރަށު ކައުންސިލުން މިނިސްޓަރަށް ދަންނަވާތާ މިވެރިކަމަށް ވީހާ ދުވަހެއް ވީއެވެ. ކުރެވުން ހަމަ އެއްކަމެއް ނެތެވެ. ދެން ޕޯޑިއަމްތަކަށް އަރުއްވައިގެން މި ވިދާޅުވަނީ ކީކޭތޯއެވެ؟ އެ ޕަންޕްގެ ކަންތައް ހައްލުނުކުރެވިގެން މިއުޅެނީ ރައީސް މައުމޫނާއި، ރައީސް ނަޝީދު ފައިސާ ނުހޯއްދެވީތީތޯއެވެ؟ މި މަނިކުފާނު މިނިސްޓަރކަން ކުރައްވަމުން މިގެންދަވަނީ ރައީސް މައުމޫނާއި، ރައީސް ނަޝީދުގެ ވެރިކަމެއްގައިތޯއެވެ؟ ފައިސާ ހޯއްދަވަން އެނގިވަޑައިގަންނަވާ ބޭފުޅުން ފައިސާ ހޯދަވައިގެން އެކަން ހައްލު ނުކުރައްވަނީ ކީއްވެތޯއެވެ؟

ޓީވީއެމް އިން އަލަށް ގެނެސްދޭން ފެށި، “ޒިންމާ” ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒުހޫރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުވެސް ސްޓެލްކޯއަށް ވަނީ 60 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ކަމަށާއި މީގެ ކުރިން ސްޓެލްކޯއިން ކޮށްފައިވާ ޚަރަދުތައް ވަނީ ބޮއްސުންލާފައި ކަމަށެވެ. އަދި މެނޭޖްމަންޓްގެ ކަންކަން ރަނގަޅަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި އެފަދަކަން ކަންކަން ރެގިއުލޭޓް ކުރުމަކީ އެމްޑީގެ ޒިންމާއެއް ކަމަށް ޒުހޫރު ވިދާޅުވިއެވެ.

އަހަރަކު 60 މިލިއަން ރުފިޔާ ގެއްލުންވާއިރު ބަލަހައްޓައިގެން މިތިއްބެވީ ކީއްވެތޯއެވެ؟ މިތިން އަހަރު ވެރިކަން ކުރެއްވީ ރައީސް މައުމޫނާއި، ރައީސް ނަޝީދު ތޯއެވެ؟ ފައިސާ ހޯއްދަވަން އެނގި ވަޑައިގަންނަވާ ބޭފުޅުންނަށް މިކަން ނުވެގެން މިއުޅެނީ ކީއްވެތޯއެވެ؟ ފައިސާ ހޯއްދަވަން އެނގިވަޑައިގަންނަވާ ފަރާތްތަކުން ހޯދާ ފައިސާ ރައްޔިތުންނަކަށް ނުފެނެއެވެ. އެމްޑީ މިވިދާޅުވީ މިތިން އަހަރުތެރޭ ސަރުކާރު ފެއިލްވީ ވާހަކަ ނޫންބާއެވެ؟ ނޫނީ މިގޮވެނީ ގުދޯގުދޯ ނޫންބާއެވެ؟

 

 

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz