ހދ.އަތޮޅު ކައުންސިލްގެ ފުޓްބޯޅަ މުބާރާތް 2017 ގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

ހދ.އަތޮޅުގެ ކްލަބް، ޖަމްޢިއްޔާ އަދި ކައުންސިލްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ އޮކްޓޫބަރ މަހުގެ 5 ވަނަ ދުވަހުގެ 14:00 އާ ހަމައަށެވެ.

ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތު (ސްކައި) ޖަމްޢިއްޔާއިން ހޯސްކުރާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރ މަހުގެ 20 ވަނަ ދުވަހުއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.

ޗެމްޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަފް ޓިމަށް 5000 ރުފިޔާ ހުށަހަޅާފައިވާ މިމުބާރާތުގެ އެންމެ މޮޅު 3 ކުޅުންތެރިންނާއި، 23 އަހަރުންދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗް ހޮވުމަށް ހަމަޖެހިފައިވެއެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމް އަދި މުބާރާތުގެ އުޞޫލު، ރަށް ރަށުގެ ކައުންސިލް އިދާރާތަކުންނާއި، އަތޮޅު ކައުންސިލްގެ ވެބްސައިޓް www.haadhaal.gov.mv އިން ލިބެން ހުންނާނެކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz