ހދ.އަތޮޅު ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ކްލަބް ކޮރަލްސް ހޯދައިފިއެވެ.

ކްލަބް ކޮރަލްސް އިން ޗެމްޕިއަންކަން ހޯދާފައިވަނީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތް (ސްކައި) އާ ވާދަކޮަށް 2-0 ން މެޗް ކާމިޔާބުކޮށްގެންނެވެ.

ގޯލް ޖަހާނެ ފުރުޞަތުތައް ދެޓީމަށްވެސް ލިބިގެން ދިއަ މި މެޗްގެ ފުރަތަމަ ހާފް ނިމުނީ 1 ގޯލްގެ ލީޑަކާއެކު ކޮރަލްސް ކުރީގައި އޮވެގެންނެވެ. އަދި ފަހުހާފްގައި އިތުރު ގޯލެއްޖަހައި ކޮރަލްސްވަނީ ލީޑް ފުޅާކޮށްފައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮރަލްސްގެ ޖ.ނަމްބަރ 10 ފަތުހުﷲ އާދަމެވެ.

މުބާރާތުގެ 23 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮރަލްސްގެ ޖ.ނަމްބަރ 20 މާހީ ޢަބްދުﷲއެވެ. އެންމެ މޮޅު ކޯޗްގެ މަޤާމް ކޮރަލްސްގެ ކޯޗް ހޯދާފައިވާއިރު، 7 ގޯލް ޖަހައިގެން ޓޮޕް ސްކޯރަރގެ މަޤާމާއި، އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ އެޓީމް ޖ.ނަމްބަރ 19 މުޙައްމަދު ނައުޝާދެވެ. މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިއަކަށް ސްކައިގެ ޖ.ނަމްބަރ 99 ރިހާން އަބްދުލްޣަނީ ހޮވިފައިވާއިރު، ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮރަލްސްގެ ޖ.ނަމްބަރ 5 ޖިިނާން ޙަސަންއެވެ. މުބާރާތުގެ މަޤާމްތަކަށް ހޮވުނު ކުޅުންތެރިންނާ ޓްރޮފީ ހަވާލުކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ނައިބްރައީސް މުޙައްމަދު ވަސީމެވެ.

މުބާރާތުގެ ރަނަރަފް ޓީމަށް މެޑަލްއާއި 5000 ރުފިޔާގެ ޗެކް ހަވާލުކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޢާޠިފްއެވެ. އަދި ޗެމްޕިއަންޓީމަށް ތަށްޓާއި، މެޑަލް އަދި 10000 ރުފިޔާގެ ޗެކް ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރިމެހެމާން ހދ.އަތޮޅު ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލްޤައްޔޫމެވެ.

މި މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ހަނިމާދޫއެވެ. މިމުބާރާތުގައި ހދ.އަތޮޅުގެ 7 ރަށަކުން 9 ޓީމް ވާދަކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz