ކުޅުދުއްފުށީ ޑަބްލިޔު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި ޑަބްލިޔުއެސްއޭ ވިމެން ފުޓްސަލް ފިއެސްޓާ 2017 ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ހޯދައިފިއެވެ.

ކޭވައިއާރުސީ ޗެމްޕިއަންކަން ހޯދާފައިވަނީ މިރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ޓީމް ބިއާޑްއާ ވާދަކޮށް 3-1 ން މެޗް ކާމިޔާބުކޮށްގެންނެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްސަލް އެރީނާގައި ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިރޭގެ މެޗްގައި ކޭވައިއާރުސީއަށް 2 ގޯލް ޖަހައިދިން އެޓީމްގެ ޖ.ނަމްބަރ 3 ނަސީމާ މުޙައްމަދެވެ.

މި މުބާރާތުގައި ޖުމްލަ 6 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއާގެ މަޤާމް ހޯދީ ކޭވައިއާރުސީގެ ޖ.ނަމްބަރ 17 ޚަދީޖާ އަބޫބަކުރެވެ.

 މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ކޭވައިއާރުސީގެ ޖ.ނަމްބަރ 17 ޚަދީޖާ އަބޫބަކުރާއި، އެޓީމްގެ ޖ.ނަމްބަރ 3 ނަސީމާ މުޙައްމަދާއި، އެޓީމްގެ ޖ.ނަމްބަރ 2 މަރިޔަމް ޒާހިރާއި، އަމީރު އަމީން ސްކޫލްގެ ޖ.ނަމްބަރ 8 ޝަހުލާ ތައުފީގް އަދި ބިއާޑްގެ ޖ.ނަމްބަރ 8 ޚަދީޖާ ޢަލީއެވެ.

މުބާރާޓުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

 ޗެމްޕިއަންޓީމަށް ތަށްޓާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ހުށަހެޅި 10،000 ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އިބްރާޙީމް އަބްދުއްރައްޒާގް ޙަލީމެވެ.

އެމްޕީއެލް އިންވަނީ ކުޅުދުއްފުށީގެ ބައެއް ޖަމްޢިއްޔާތަކަށް އެއްލައްކަ ރުފިޔާގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz