ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ކަސްޓަމްސް ނޯތު ރީޖަން ހެޑް އޮފީހުގެ ބިންގާ އަޅައިފި އެވެ.

ކުޅުދުއްފުށީ އެސްޓީއޯ ފިހާރަ ކުރިމަތީގައި އޮތް ހުސްބިމުގައި އިއްޔެ މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާޙީމް ޝަރީފް މުޙައްމަދެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކުރައްވައި ވާހަކަ ދައްކަވަމުން އިބްރާހިމް ޝަރީފް ވިދާޅުވީ ބަނދަރުގެ ޚިދުމަތްތައް ފުޅާވަމުން ތަރައްޤީވަމުންދާ މިންވަރަށް ކަސްޓަމްގެ ޚިދުމަތްތައް ފުޅާވަމުން ދާންޖެހޭނެކަމަށެވެ. ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މިކަމަށް އެކަށީގެން ވަސީލަތްތައް ނެތުން ކަން ފާހަގަކޮށް އިބްރާހިމް ޝަރީފް ވިދާޅުވީ ކުޅުދުއްފުށީގައި ބިންގާ އެޅިގެންދިއަ ހެޑް އޮފީހުގެ ސަބަބުން ޚިދުމަތްތައް ފުޅާވެ ތަރައްޤީވެގެން ދާނެކަމަށެވެ.

 މިއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއާއެވެ. 13.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ 4 ބުރީގެ މިއިމާރާތުގެ މަސައްކަތް ނިންމައި 365 ދުވަހުގެ ތެރޭގައި ކަސްޓަމްސްއާމި ހަވާލުކުރަންޖެހެއެވެ. މިއިމާރާތުގައި އިދާރީ އޮފީހަކާއި، އެކޮމޮޑޭޝަން ބައެއްގެ އިތުރުން  އެންފޯސްމެންޓްގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ރީޖަނަލް ޓްރޭނިން ސެންޓަރެއް ހިމެނެއެވެ.

ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯ ނޯތް ޑިސްޓްރިބިއުޝަން ސެންޓަރ ކުރިމަތީގައި އޮންނަ ހުސްބިމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިއިމާރާތް އެޅުމަށް ބިން ދޫކޮށްފައިވަނީ މީގެ ތިންވަރަކަށް އަހަރު ކުރިންނެވެ. މިއިމާރާތުގެ ބިންގާ އެޅިފައިމިވަނީ ބަޖެޓްގައި ހިމަނާތާ ހަތަރުވަރަކަށް އަހަރު ފަހުންނެވެ.

އިއްޔެވަނީ ހަނިމާދޫގައިވެސް ކަސްޓަމްސްގެ އޮފީހެއް ހުޅުވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz