ހދ. އަތޮޅުގެ ތިން ރަށަކާއި ދެ ފަޅެއް ފަތުރުވެރިކަމަށް ދޫކުރަން އިޢްލާންކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިޢްލާނެއްގައި ވަނީ ހދ.ކުޑަފަރުފަސްގަނޑާއި، ކުޑަމުރައިދޫ އާއި، ކޭލަކުނު ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓަށް އިތުރުކޮށްފައެވެ.އޭގެ އިތުރުން ކުޑަ މުރައިދޫ ކައިރީގައި އޮތް ދެ ފަޅެއްވެސް ވަނީ އެ ލިސްޓަށް އިތުރުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ރަށްރަށާއި ފަޅުތަކުގެ އަންދާޒާ ކުރެވޭ ބޮޑު މިންނާއި އަންދާޒާ ކުރެވޭ އެކުއިޒިޝަން ކޮސްޓް އާންމުކޮށްފައެވެ.

ހދ. ކުޑަފަރުފަސްގަނޑުގެ ބޮޑު މިނަކީ 0.14 ހެކްޓަރެވެ. އަންދާޒާ ކުރެވޭ އެކުއިޒިޝަން ކޮސްޓްއަކީ 14،500 ޑޮލަރެވެ. 30 ހެކްޓަރުގެ ކުޑަމުރައިދޫގެ އަންދާޒާކުރެވޭ އެކުއިޒިޝަން ކޮސްޓަކީ 3.75 މިލިއަން ޑޮލަރެވެ.

ބޮޑުމިނުގައި 88 ހެކްޓަރު ހުރި ކޭލަކުނުގެ އަންދާޒާ ކުރެވޭ އެކުއިޒިޝަން ކޮސްޓަކީ 11 މިލިއަން ޑޮލަރެވެ.

72°53’39.04”E 6°37’43.42”N ފަޅުގެ ބޮޑުމިނަކީ 785 ހެކްޓަރެވެ. އެ ފަޅުގެ އިކުއިޒިޝަން ކޮސްޓަކީ 18.6 މިލިއަން އެމެރިކާ ޑޮލަރެވެ.

72°53’2.55”E 6°34’56.29”N ފަޅުގެ ބޮޑުމިނަކީ 1437 ހެކްޓަރެވެ. އެ ފަޅުގެ އިކުއިޒިޝަން ކޮސްޓަކީ 21.56 މިލިއަން އެމެރިކާ ޑޮލަރެވެ.

ކުޅުދުއްފުށީގައި ޕީޕީއެމްއިން ބޭއްވި އެ ޕާޓީގެ 6 ވަނަ އަހަރީ ޖަލްސާ “އުދުހޭ” ގައި ވާހަކަ ދައްކަވަމުން ވެސް ރައީސް ޢަބްދުﷲ ޔާމީން ވަނީ ކުޅުދުއްފުށީ ސަރަހައްދުގައި އޮތް ބޮޑު ދެ ފަޅެއް ތަރައްގީކުރައްވާނެކަމަށް ވިދާޅުވެފައެވެ. ކުޑަފަރު ފަސްގަނޑު ފަތުވެރިކަމަށް ހުޅުވާލައި 20 ނޮވެމްބަރ 2014 ގައިވެސް އިޢްލާންކޮށްފައެވެ. ކުޑަފަރު ފަސްގަނޑަކީ މިހާރު ފަޅެއްގެ ގޮތުގައި އޮތްތަނެކެވެ. ކޭލަކުނަކީ 4 ނޮވެމްބަރ 2014 ގައި، ރައީސް ޢަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތެއްގައި، ހދ.އަތޮޅުން އަލަށް 5 ރަށެއް ފަތުރުވެރިކަމަށް ހުޅުއްވާލައްވާނެކަމަށް ވިދާޅުވި 5 ރަށުގެތެރޭގައިވެސް ހިމެނުނު ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz